Roadha Mihaaru
ޔުވެންޓަސް މޮޅުވާން ދަނިކޮށް ހުއްޓުވީ ވީއޭއާރުން

ފަހަތުން އަރައި މޮޅުވާން ދިޔަ ޔުވެންޓަސް ހިފެހެއްޓީ ވީއޭއާރުން

12 ސެޕްޓެމްބަރ 2022

ޓިއުރިން (ސެޕްޓެމްބަރު 12) - އިޓާލިއަން ލީގުގައި ޔުވެންޓަސް އިން ފަހަތުން އަރައި ސެލަނިޓާނާ ބަލިކުރަން ދަނިކޮށް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ހުއްޓުވައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޓިއުރިން (ސެޕްޓެމްބަރު 12) - އިޓާލިއަން ލީގުގައި ޔުވެންޓަސް އިން ފަހަތުން އަރައި ސެލަނިޓާނާ ބަލިކުރަން ދަނިކޮށް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ހުއްޓުވައިފި އެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗް ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ދެވަނަ ހާފުގައި ކޯޗު މަސިމޯ އެލެގްރީ ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރުވި އާކަޑިއުޒް މިލިކް، ޔުވެންޓަސް މޮޅުކޮށްދޭން މެޗުގެ އިތުރު ވަގުތުގައި ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން އޮފްސައިޑު ކަމަށް ނިންމުމުން ގޯލު ބަލައެއް ނުގަނެ އެވެ.

ގޯލު ޖެހުމަށް ފަހު މިލިކް އުފާފާޅުކުރި ވަގުތު ޖޯޒީ ބޭލުމުން އޭނާއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. އަދި ރެފްރީ މަޓެއޯ މާސެނާރޯ ވީއޭއާރު މެދުވެރިކޮށް ގޯލުގެ ސައްހަކަން ބަލާފައި ވަނީ ރަތް ކާޑު ދެއްކުމަށް ފަހު އެވެ. ހުއާން ކުއަޑްރާޑޯ ނަގައިދިން ކޯނަރުން މިލިން ބޮލުން ޖަހައި ގޯލަށް ފޮނުވާލި ނަމަވެސް ގޯލު ބަލައި ނުގަތީ، ބޮނޫޗީ އޮފްސައިޑުގައި ހުރެ އެ ބޯޅައަށް މަސައްކަތް ކުރުމުންނެވެ.

މިލިކް، ޔުވެންޓަސް އަށް ލީޑު ނަގައިދޭޏް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިލިކް، ޔުވެންޓަސް އަށް ލީޑު ނަގައިދޭޏް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއަށް ފަހު ހިނގި ކުރިމަތިލުންތަކުގައި ސެލަނިޓާނާގެ ކެޕްޓަން ފެޑެރިކޯ ފާޒިއޯ އާއި ޔުވެންޓަސްގެ ކުއަޑްރާޑޯ އާއި ޔުވެންޓަސްގެ ކޯޗު އެލެގްރީ އަށް ވެސް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

މެޗުގެ 18 ވަނަ މިނިޓުގައި ޕަސްކުއޭލް މަޒޯކީ އޭރިއާ ތެރެއަށް ވަދެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލުތެރަށް ފޮނުވާލައިގެން ސެލަނިޓާނާ އަށް ލީޑު ނަގައިދިނީ އެންޓޯނިއޯ ކަންޑްރޭވާ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ލީޑު ފުޅާ ކޮށްދިނީ ކްރީޒްޓޮފް ޕިއާޓެކް އެވެ. ޕިއާޓެކް ފޮނުވާލި ހަމަލާއެއް ޔުވެންޓަސްގެ ޑިފެންޑަރު ގްލޭސަން ބްރޭމާ އަތުގައި ޖެހުނު ޖަމަށް ބުނެ އެޕީލް ކުރުމުން ރެފްރީ ޕެނަލްޓީ ދިނީ ވީއޭއާރު ރިވިއު އަށް ފަހު އެވެ.

ދެވަނަ ހާފު ފަށައިގެން ހަވަނަ މިނިޓުގައި ފިލިޕް ކޮސްޓިޗް ނަގައިދިން ހުރަހެއް ބޮލުން ޖަހައި ޔުވެންޓަސް އަށް ފަރަގު ކުޑަކޮށްދިނީ ބްރޭމާ އެވެ. އެއަށް ފަހު ގޭމު ޑޮމިނޭޓް ކޮށްގެން ކުޅުނު ޔުވެންޓަސް އަށް ނަތީޖާ އެއްވަރު ކުރެވުނީ މެޗުގެ އިތުރު ވަގުތުގައި އޭރިއާ ތެރެއިން އެލެކްސް ސަންޑްރޯ އަށް ފައުލް ކޮށްގެން ދިން ޕެނަލްޓީގައި، ލިއެނާޑޯ ބޮނޫޗީ އެވެ. ބޮނޫޗީ ފޮނުވާލި ޕެނަލްޓީ، ސެލަނިޓާނާގެ ކީޕަރު ލުއިޖީ ސެޕޭ ދިފާއު ކުރި ނަމަވެސް ރީބައުންސްވި ބޯޅަ އޭނާ ވަނީ ގޯލުތެރަށް ފޮނުވާލައިފަ އެވެ.

ބޮނޫޗީ، ޔުވެންޓަސް އަށް އެއްވަރު ކޮށްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ބޮނޫޗީ، ޔުވެންޓަސް އަށް އެއްވަރު ކޮށްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މި ނަތީޖާއާ އެކު ޔުވެންޓަސް ލީގުގައި ބަލި ނުވެ އޮތް ނަމަވެސް، ކުޅުނު ހަ މެޗުން ހޯދި 10 ޕޮއިންޓާ އެކު އެޓީމު އޮތީ އަށްވަނައިގަ އެވެ. ހަތަރު މެޗުން ޔުވެންޓަސް އެއްވަރު ވެފައި ވާއިރު، މޮޅުވީ ދެ މެޗުންނެވެ. ސެލަނިޓާނާ އޮތީ ހަތް ޕޮއިންޓާ އެކު 10 ވަނައިގަ އެވެ.

ޔުވެންޓަސް އާ އެއްވަރަށް 10 ޕޮއިންޓް ހޯދައިގެން ނުވަވަނައިގައި އޮތީ އަވަށްޓެރި ޓޮރީނޯ އެވެ. އަދި އެއް މެޗު މަދުން ކުޅެގެން ހަތްވަނައިގައި އޮތް ރޯމާ އަށް ވެސް ލިބިފައި ވަނީ 10 ޕޮއިންޓެވެ. ނަމަވެސް މިރޭ އެމްޕޯލީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އެންމެ ކުރީގައި އޮތް ނަޕޯލީ، އެޓަލާންޓާ އަދި އޭސީ މިލާނާ ޕޮއިންޓަކަށް ގާތަށް ޖެހިލުމުގެ ފުރުސަތު ރޯމާ އަށް އެބަ އޮތެވެ.

ނަޕޯލީ އާއި އެޓަލާންޓާ އަދި އޭސީ މިލާނަށް 14 ޕޮއިންޓް ލިބިފައި ވާއިރު، ހަތަރުވަނައިގައި އޮތް އުޑިނޭޒީ އަށް 13 ޕޮއިންޓް ވަނީ ލިބިފަ އެވެ. ބާރަ ޕޮއިންޓާ އެކު އިންޓަ މިލާން ފަސްވަނައިގައި އޮތްއިރު، ހަވަނައިގައޮ އޮތީ 11 ޕޮއިންޓް ހޯދާފައިވާ ލާޒިއޯ އެވެ.