Roadha Mihaaru
ޕްރެޝަރުގައި އޮތް ޔުވެންޓަސް މުހިއްމު މޮޅެއް ހޯދައިފި

ޕްރެޝަރުގައި އޮތް ޔުވެންޓަސް އިން ލީގުގައި މުހިއްމު މޮޅެއް ހޯދައިފި

22 އޮކްޓޯބަރ 2022

ޓިއުރިން (އޮކްޓޫބަރު 22) - އިޓާލިއަން ލީގުގައި އެމްޕޯލީއާ ދެކޮޅަށް ކުޅެ 4-0 އިން މެޗު ކާމިޔާބު ކޮށްގެން، ކޯޗު މަސިމޯ އެލެގްރީގެ ޔުވެންޓަސް އިން މި ސީޒަންގައި ފުރަތަމަ ފަހަރަށް ލީގުގައި ޖެހިޖެހިގެން ދެ މެޗުން މޮޅުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޓިއުރިން (އޮކްޓޫބަރު 22) - އިޓާލިއަން ލީގުގައި އެމްޕޯލީއާ ދެކޮޅަށް ކުޅެ 4-0 އިން މެޗު ކާމިޔާބު ކޮށްގެން، ކޯޗު މަސިމޯ އެލެގްރީގެ ޔުވެންޓަސް އިން މި ސީޒަންގައި ފުރަތަމަ ފަހަރަށް ލީގުގައި ޖެހިޖެހިގެން ދެ މެޗުން މޮޅުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޔުވެންޓަސް އަށް ލީޑު ނަގައިދިނީ ފޯވާޑް މޮއިސް ކީން އެވެ. މެޗުގެ އަށް ވަނަ މިނިޓުގައި ކީން ޖެހި ލަނޑަށް ފަހު، ލީޑު ފުޅާކުރަން އޭނާއަށް ލިބުނު ފުރުސަތުގައި ބޮލުން ފޮނުވާޅި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ. އަދި ވެސްޓޮން މިކެނީ ފޮނުވާލި އެމްޕޯލީގެ ކީޕަރު ގުގްލިއެލްމޯ ވިސާރިއޯ ދިފާއު ކުރި އެވެ.

ފުރަތަމަ ހާފުގައި އެމްޕޯލީ އިން ވެސް ޔުވެންޓަސްގެ ގޯލަށް ނުރައްކާކުރި އެވެ. ފޯވާޑް މަޓެއޯ ޑެސްޓްރޯ ހުސްކޮށް ހުރެ ފޮނުވާލި ނުރައްކާތެރި ހަމަލާ، ޔުވެންޓަސްގެ ކީޕަރު ވޮއިޒެކް ޝެޒްނީ ދިފާއު ކުރި އިރު، ފަބިއާނޯ ޕަރީސީ ދުރުން ފޮނުވާލި ހަމަލާއެއް، ޑެސްޓްރޯ ފައިގައި ޖެހިފައި ދިޔައީ ގޯލު ކައިރިން ބޭރަށެވެ.

މެޗުގެ 56 ވަނަ މިނިޓުގައި ހުއާން ކުއަޑްރާޑޯ ނަގައިދިން ކޯނަރަކުން ދެވަނަ ހާފުގައި ޔުވެންޓަސް އަށް ލީޑު ފުޅާ ކޮށްދިނީ މިކެނީ އެވެ. އަދި ޔުވެންޓަސްގެ ތިންވަނަ ލަނޑު ވެސް ޖެހީ ކުއަޑްރާޑޯގެ ކޯނަރަކުންނެވެ. މެޗުގެ 82 ވަނަ މިނިޓުގައި ކުއަޑްރާޑޯ ނެގި ކޯނަތުން ތިންވަނަ ލަނޑު ޖެހީ އެޑްރިއެން ރަބިއޯ އެވެ. ރަބިއޯ ފޮނުވާޅި ބޯޅަ އެމްޕޯލީގެ ކީޕަރު ދިފާއުކުރި ކަމަށް ހީކުރެވުނަސް، ގޯލް ލައިން ޓެކްނޮލޮޖީ އިން ވަނީ ބޯޅަ، ގޯލް ލައިން ހުރަސް ކުރި ކަމަށް ނިންމައިފަ އެވެ.

އޭގެ ފަހުން ޔުވެންޓަސްގެ އާކަޑިއޫޒް މިލިކް އާއި ފަބިއޯ މިރޭޓީ އަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބި، ނާކާމިޔާބު ވިއިރު، ކަނާތުބެކް ޑެނީލޯ ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން މެޗުގެ އިތުރު ވަގުތުގައި ޔުވެންޓަސްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ރަބިއޯ އެވެ.

މޮޅާ އެކު ޔުވެންޓަސް ވަނީ 11 މެޗުން 19 ޕޮއިންޓް ހަމަކޮށްގެން ޓޭބަލްގެ ހަތް ވަނައަށް ޖެހިލައިފަ އެވެ. ޔުވެންޓަސްގެ ފަހަތުގައި ޓޭބަލްގެ އަށްވަނައިގައި އޮތީ 10 މެޗުން 18 ޕޮއިންޓް ހޯދާފައިވާ އިންޓަ މިލާނެވެ. އިންޓަ އިން މިރޭ ލީގުގައި ފިއޮރެންޓީނާއާ ދެކޮޅަށް ކުޅޭނެ އެވެ.

ލީގުގައި ޔުވެންޓަސް އަށް ދެން އޮތީ އަންނަ ހަފްތާ ލެއްޗޭއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗެވެ. އޭގެ ކުރިން ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް މުހިއްމު މެޗެއް ކުޅޭނެ އެވެ.

ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ހަތަރު ވަނަ މެޗުގައި ޔުވެންޓަސް ބައްދަލުކުރާނީ ޕޯޗުގަލްގައި އެ ގައުމުގެ ބެންފީކާއާ ދެކޮޅަށެވެ. ޗެމްޕިއަންސް ލީގުގައި އިތުރަށް މި ސީޒަންގައި ކުރިއަށް ދާން ބޭނުން ނަމަ އެ މެޗުން މޮޅުވުން މުހިއްމެވެ.

ބެންފީކާ އަތުން މޮޅެއް ނޫން އިތުރު ނަތީޖާއެއް ނުކުމެއްޖެ ނަމަ، ޔުވެންޓަސް އަށް އޮތީ ގުރޫޕުގެ ތިން ވަނައަށް ވާދަކޮށް، ޔޫރޮޕާ ލީގު މޮކައުޓް ބުރުގެ ޖާގައަކަށް މަސައްކަތް ކުރުމެވެ.

ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ޔުވެންޓަސް މިވަގުތު އޮތީ ވެސް ތިން ވަނައިގަ އެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅު ވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ ޓިއުރިންގައި އިޒްރޭލުގެ މެކާބީ ހައިފާ އަތުންނެވެ. އޭގެ ކުރިން ޕީއެސްޖީ އާއި ބެންފީކާ އަތުން ވަނީ ބަލި ވެފަ އެވެ. އަދި އެންމެ ފަހުން ޔުވެންޓަސް ވަނީ އިޒްރޭލުގައި ލަދުވެތި ގޮތަކަށް ހައިފާ އަތުން ބަލި ވެފަ އެވެ.

ޔުވެންޓަސް އާއެކު ޗެމްޕިއަންސް ލީގު ގުރޫޕްގައި ހިމެނޭ ބެންފީކާ އާއި ޕީއެސްޖީ އަށް އަށް ޕޮއިންޓް ލިބިފައި ވާއިރު، ޔުވެންޓަސް އާއި ހައިފާ އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.