Roadha Mihaaru
އެންމެ ފަހުން ލީގުގައި ޔުވެންޓަސް އަށް މޮޅެއް

އެންމެ ފަހުން ލީގުގައި ޔުވެންޓަސް އަށް މޮޅެއް

23 ސެޕްޓެމްބަރ 2021

ލެ ސްޕެޒިއާ (ސެޕްޓެމްބަރު 23) - ފަހަތުން އަރައި 3-2 އިން ސްޕެޒިއާ ބަލިކޮށް ޔުވެންޓަސް އިން މި ސީޒަނުގައި ސެރީއާގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ލެ ސްޕެޒިއާ (ސެޕްޓެމްބަރު 23) - ފަހަތުން އަރައި 3-2 އިން ސްޕެޒިއާ ބަލިކޮށް ޔުވެންޓަސް އިން މި ސީޒަނުގައި ސެރީއާގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ވެސް ޔުވެންޓަސް އެވެ. ލަނޑު ޖެހީ މެޗުގެ 28 ވަނަ މިނިޓުގައި މޮއިސް ކީން އެވެ. މިއީ ކީން މި ސީޒަނުގައި އިނގިރޭސި ކްލަބް އެވަޓަން އިން ލޯނަކަށް ޔުވެންޓަސް އަށް ބަދަލުވެ، އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ޔުވެންޓަސް އިން ލީޑު ނެގި ނަމަވެސް ލީޑު ހިފަހައްޓާލެވުނީ އެންމެ ފަސް މިނިޓަށެވެ. ސްޕެޒިއާގެ ގާނާ ފޯވަޑް އެމަނުއެލް ގްޔާސީގެ ލަނޑުން ނަތީޖާ އެއްވަރުވެގެން ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނިޓުގައި ސްޕެޒިއާ އިން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޒުވާން ފޯވަޑް ޔާނިސް އަންޓިސްޓޭ އެވެ.

ޔުވެންޓަސް އިން ނަތީޖާ އެއްވަރު ކުރީ މެޗުގެ 66 ވަނަ މިނިޓުގަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ފެޑެރީކޯ ކިއޭޒާ އެވެ. އޭގެ ހަ މިނިޓް ފަހުން ޔުވެންޓަސް އިން ނެގި ކޯނަރެއްގައި އޭރިއާ ތެރެއިން ސްޕެޒިއާ ޑިފެންޑަރުންނަށް ރަނގަޅަށް ބޯޅަ ސާފުކޮށް ނުލެވުމުގެ ފައިދާ ނަގައި އެޓީމު މޮޅުކޮށްދިން ލަނޑު ޖެހީ ޑިފެންޑަރު މެތިއަސް ޑި ލީޓް އެވެ.

ލީގުގެ ފުރަތަމަ ހަތަރު މެޗުގައި ޔުވެންޓަސް އަށް މޮޅެއް ހޯދިފައި ނުވާއިރު، ރޭގެ މިމޮޅާ އެކު އެޓީމުން ވަނީ ކުޅުނު ފަސް މެޗުން ހޯދި ފަސް ޕޮއިންޓާ އެކު ސެރީ އާ ތާވަލުގެ 13 ވަނައަށް ޖެހިލައިފަ އެވެ.