Roadha Mihaaru
ބޮޑު ފައިދާއަކަށް ކައުންސިލުން ވިޔަފާރިކޮށްގެން ނުވާނެ

ބޮޑު ފައިދާއެއް ހޯދަން ކައުންސިލްތަކުން ވިޔަފާރިކޮށްގެން ނުވާނެ: ފައްޔާޒު

12 ސެޕްޓެމްބަރ 2022

ކައުންސިލްތަކަށް ވިޔަފާރިކުރުމަށް އޮތް ފުރުސަތުގެ ބޭނުމަކީ ވަކިވަކި ކައުންސިލްތަކުން ބޮޑެތި ފައިދާ ހޯދަން ވިޔަފާރިކުރުން ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކައުންސިލްތަކަށް ވިޔަފާރިކުރުމަށް އޮތް ފުރުސަތުގެ ބޭނުމަކީ ވަކިވަކި ކައުންސިލްތަކުން ބޮޑެތި ފައިދާ ހޯދަން ވިޔަފާރިކުރުން ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުގެ މާލީ ފުދުންތެރިކަމާ ގުޅޭ ގޮތުން ލ. ގަމުގައި ކުރިއަށްދާ ވިޔަވަތި ފޯރަމްގައި ފައްޔާޒު ވިދާޅުވީ، ބޮޑެތި ވިޔަފާރިތައް ހިންގުމުގެ ބަދަލުގައި ކައުންސިލްތަކުން ޖެހޭނީ ރަށްރަށުގެ އިގްތިސާދުތައް ފުޅާ ކުރުމުގައި އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދޭން ކަމަށެވެ. އަދި ބައެއް ވިޔަފާރިތައް ފެށުމަށް ފުރަތަމަ ފިޔަވަޅު އަޅާ ބަޔަކަށް ކައުންސިލްތަކުން ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ މުހިއްމު ކަމަކީ އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ އިގްތިސާދު ކުރިއެރުމަށްޓަކައި ކުރަން ޖެހޭ، އޮތޯރިޓީއެއްގެ ސިފައިގައި އަމިއްލަ ވިޔަފާރިވެރިންނަށް މަގުފަހިކޮށްދިނުމަށް ޓަކައި ކުރަން ޖެހޭ ކަންކަން ކުރުން،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، މިސާލަކަށް ގެސްޓްހައުސް ވިޔަފާރި ހިންގަމުން އަންނަ ރަށްރަށުގައި އެކަން ފެށުމުގެ ގޮތުން ކަންކަން ފަހިކޮށްދެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ގެސްޓްހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިނގަމުން އަންނަ ސަރަހައްދުތައް ކަމަށްވާ މާފުށި ކަހަލަ ރަށްރަށުގެ ކައުންސިލްތަކުން އެފަދަ ވިޔަފާރިތަކަށް ވަނުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެނިހެން މޭޖާ ޑިވެލޮޕްމެންޓްތަކުގައި މަސައްކަތް ކުރައްވާ އިރު އެކަހަލަ ކަންކަމުގައި އިންވެސްޓް ކުރެވިދާނެ. އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ އެއީ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، ބައެއް ކައުންސިލްތަކަށް ހީވެފައި އޮންނަނީ ވިޔަފާރި ކުރުމުގެ ފުރުސަތު ކައުންސިލްތަކަށް އޮތުމުން، ބޮޑެތި ފައިދާ ހޯދުމަށް މަސައްކަތްތައް ކުރުން ކަމަށެވެ. އެހެން ނަމަވެސް އެއީި ކައުންސިލްތަކުން މަސައްކަތް ކުރަން ޖެހޭނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.