Roadha Mihaaru
މިލިއަނުން ހުރެ ބައެއް ކައުންސިލްތަކުން ބިލެއް ނުދައްކާ

ބައެއް ކައުންސިލްތަކުގެ އެކައުންޓުގައި މިލިއަނުން ރުފިޔާ އެބަހުރި، އެކަމަކު ކަރަންޓު ބިލެއް ނުދައްކާ: އަމީރު

13 ސެޕްޓެމްބަރ 2022

ބައެއް ރަށު ކައުންސިލްތަކުގެ އެކައުންޓްތަކުގައި މިލިއަނުން ރުފިޔާ ހުރި ނަމަވެސް ކަރަންޓު ބިލް ނުދައްކާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބައެއް ރަށު ކައުންސިލްތަކުގެ އެކައުންޓްތަކުގައި މިލިއަނުން ރުފިޔާ ހުރި ނަމަވެސް ކަރަންޓު ބިލް ނުދައްކާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

މިިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ލ. ގަމުގައި ބޭއްވި "ވިއަވަތި" ކޮންފަރެންސްގައި ކައުންސިލްތަކުން ވަނީ އެ ތަންތަނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ކަރަންޓު ބިލްތަކާ އެކު މަހުން މަހަށް ކުރަންޖެހޭ ހަރަދުތައް ބޮޑުވުމެވެ.

އެކަމުގެ ސަބަބުން ކައުންސިލްތަކުގެ ބަޖެޓުން އިތުރު މަސައްކަތްތައް ނުކުރެވޭ ކަމުގެ ޝަކުވާތައް، އެ ކޮންފަރެންސްގައި ވާހަކަދެއްކި ބައެއް ކައުންސިލަރުން ފާހަގަކުރި އެވެ.

ފެނަކަ އިންޖީނުގެ ހިންގަން ރަށުގެ ބިމުން ބޮޑު ބައެއް ހިލޭ ދީފައި އޮތުމަކީ އިންސާފެއް ނޫން ކަމަށާއި އާމްދަނީ ހޯދޭނެ ކަމެއްގެ ގޮތުގައި އެ ތަންތަނުން ކުލި ނަގަން ފަށަން ވެސް ބައެއް ބައުންސިލަރުން އެދުނެވެ.

ނަމަވެސް ކައުންސިލްތަކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާ މިނިސްޓްރީއަށް ފެންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ގިނަ ކައުންސިލްތަކުގެ އެކައުންޓުގައި މިލިއަނުން ރުފިޔާ ހުންނަ ކަމަށާއި އެކަމަކު ވެސް ކަރަންޓު ބިލް ނުދައްކާ ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން މި ކޮންފަރެންސްގައި ތިބި ގިނަ ބޭފުޅުން ރަނގަޅުކަމަށް ވެސް ފާހަގަކުރަން. އެކަމަކު ކޮންމެ ވެސް ވަރެއްގެ ޒިންމާއެއް، އެއްކޮށް [ބިލް] އެހެން ނުދެއްކުނު ކަމުގައި ވިއަސް އަޅުގަނޑުމެންނާ ވާހަކަދައްކައިގެން، އެ ދެއްކޭނެ ގޮތަށް، ކިހިނެއްތޯ ހަދާނީ. 2018 އަދި 2019 އެއް ނޫން. އޭގެ ކުރީގެ ބިލްތަކާ. ހާއްސަކޮށް 2020 ވަނަ އަހަރު އަޅުގަނޑުމެންނަށް އައި ދަތިތަކާ އެކު ބްލޮކް ގްރާންޓު ވަރަށް ދަށްވެގެން ދިޔައީމާ ތި ބޭފުޅުންނަށް ދަތިވާނެ ކަން ވެސް އަޅުގަނޑުމެންނަށް އެނގޭ. އެކަމަކު އެއްވެސް ވަރަކަށް އެންގޭޖްމަންޓް ނެތިއްޔޭ އެކަމަކު،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި އަމީރު ވިދާޅުވި އެވެ.

ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ރައީސް އޮފީސް

ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ރައީސް އޮފީސް

ކުޑަ ރަށެއްގެ ކައުންސިލް އިދާރާގެ ކަރަންޓް ބިލަށް އެކަނި ވެސް އަހަރެއްގެ މައްޗަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ. ނަމަވެސް ބައެއް ކައުންސިލްތަކުން އެތައް މަހެއްވާއިރު ވެސް ކަރަންޓު ބިލް ނުދައްކަ އެވެ. އެހެންވެ، ފެނަކައިން ރަތް ނޯޓިސް ފޮނުވުމަށް ފަހު، ވަކި ހިސާބަކުން ބައެއް ކައުންސިލްތަކުން ކަރަންޓު ކަނޑާލަ އެވެ. އަދި ކަރަންޓު ބިލް ދައްކަން ހަނދާންކޮށްދިނުމަށް ފިނޭންސުން ސިޓީ ފޮނުވަ އެވެ.

އަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީން ސިޓީ ފޮނުވުމުން ކައުންސިލްތަކުން ފައިސާ ދޭ ކަމަށެވެ. އެ މިނިސްޓްރީން ބުނީ ކަރަންޓު ބިލްތަކުގެ މައްސަލައިގައި މަޝްވަރާކޮށް ހައްލު ހޯދަން ތައްޔާރު ކަމަށެވެ.

"..އެކަމަކު އެ އެންގޭޖްމަންޓް ނެތިއްޔާ އަޅުގަނޑުމެން ސިޓީ ފޮނުވާނަން، ހަމަ ބްލޮކް ވެސް ކުރާނެ. އެއީ ރައްޔިތުންގެ ފައިސާ. ފެނަކަށް އެ ލާރި ނުލިބުނީމަ މި ޖެހެނީ ދަރަންޏަށް ފައިސާ ނަގައިގެން އިތުރަށް، އިތުރު އިންޓްރެސްޓް ރޭޓުގައި ދަރަންޏަށް ފައިސާ ނަގައިގެން އަނެއްކާ ފެނަކައަށް އަޅުގަނޑުމެން ސަރުކާރުން އިތުރަށް ދޭންޖެހޭ، އަސްލު ސަރުކާރުން ދޭން ނުޖެހޭ ފައިސާ ފެނަކައަށް، ފެނަކަ ހިންގުމަށްޓަކައި ދޭން. އެހެންވީމަ މިއީ ވަށާޖެހޭ އެއްޗެއް. އެކަންތައްތައް އެކަން ކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ހައްލުކުރަން ބޭނުންވާ ކަމަށެވެ.

ފެނަކަ އިންޖީނުގެ އަޅަން ދިން ބިންތަކުން ކުލި ނަގަން ކައުންސިލަރުން ހުށަހެޅުމުން، އެ ބައްދަލުވުން ޗެއާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކަމާ މެދު ދެ ވަނަ ވިސްނުމަކަށް ދިއުމަށް އެދިވަޑައިގެންފަ އެވެ.