Roadha Mihaaru
އެންގި ކަންކަން އިސްލާހުކޮށްފިން: ފެނަކަ

އެންގި ކަންކަން އިސްލާހުކޮށްފިން: ފެނަކަ

08 އެޕްރީލް 2021

ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ކުރެވޭ ފެނަކަ ކޯޕަރޭޝަނަށް އިސްލާހުކުރަން އެންގި ކަންކަން ތަންފީޒުކޮށްފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ކުރެވޭ ފެނަކަ ކޯޕަރޭޝަނަށް އިސްލާހުކުރަން އެންގި ކަންކަން ތަންފީޒުކޮށްފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ފެނަކައިގައި ކޮރަޕްޝަން ހިނގަމުންދާ ކަން ނުވަތަ އެ ފުރުސަތު އޮތްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެ ކޮމިޝަނުން މިހާރު ވެސް އަންނަނީ ފެނަކައާ ގުޅޭ 22 މައްސަލައެއް ތަހުގީގުކުރަމުންނެވެ.

އެކަމާ ގުޅިގެން، އެ މަނިކުފާނު ވަނީ ޕްރައިޓަވައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) ހިންގާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ބައެއް ކަންކަން އިސްލާހުކުރަން މިދިޔަ މަހުގެ 25 ގައި ފެނަކަ އަށް އަންގައިފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ފެނަކަ އަށް އެންގީ 13 ކަމެއް އިސްލާހު ކުރަން ކަމަށެވެ. އެއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕްރޮސީޖާ އަދި ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ނުވަ އިސްލާހަކާއި އިތުރު ހަތަރު ކަމެކެވެ.

އެކަމަކު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން މުހައްމަދު ރަޝީދަށް ފޮނުއްވި ސިޓީގައި އަންގަވާފައި ވަނީ ހަތަރު ކަމެއް އިސްލާހު ކުރާށެވެ. އެ ސިޓީގެ ކޮޕީއެއް މިހާރު އަށް ވެސް ވަނީ ލިބިފަ އެވެ.

އެކަންކަން އިސްލާހުކުރަން މިނިސްޓްރީން މުއްދަތު ދިނީ މި މަހުގެ 1ގެ ނިޔަލަށެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި ފެނަކައިގެ ބޯޑުން ވަނީ، ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައިވާ ކަންކަން ބަދަލުކުރެވޭނީ އިއްޔެގެ ނިޔަލަށް ކަމަށް މިނިސްޓްރީ އަށް އަންގައިފަ އެވެ.

އިސްލާހުކުރަން އެދިފައިވަނީ ކުންފުނި ހިނގަމުންދާ ގޮތަށް ބަލައި އާއްމުކޮށް ބޭނުންވާ ތަކެތި އަދި ކޮންމެހެން ހުންނަންޖެހޭނެ ތަކެތީގެ މިނިމަމް ސްޓޮކެއް ކުންފުނީގެ ބޯޑުން ކޮންމެ ހަ މަހަކުން ބަދަލު ގެންނަގޮތަށް ކަނޑައަޅާފައި ބޭއްވުމަށާއި ކުންފުނީގެ މިނިމަމް ސްޓޮކް މެއިންޓެއިން ކުރަން މެނޭޖްމަންޓަށް އަންގައި މިނިމަމް ސްޓޮކް މެއިންޓެއިން ކުރާކަން ބޯޑުން މޮނިޓާ ކުރުމަށެވެ.

އޭގެ އިތުރުން ވެންޑާސް ލިސްޓެއް ތައްޔާރުކޮށް ބެލެހެއްޓުމަށާއި އެ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަށް އޯޕަން ބިޑިން މެދުވެރިކޮށް ނޫން ގޮތަކަށް އެއްވެސް މުދަލަކާއި ހިދުމަތެއް ނުހޯދަން ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީގައި ހިމަނައި ވެންޑާސް ލިސްޓުގައި ފުރިހަމަ މައުލޫމާތުތައް އަޕްޑޭޓުކުރަމުން ގެންދިއުމަށް ވެސް އެދިފައި ވެ އެވެ.

އެހެން މުދަލާއި ހިދުމަތް ހޯދުމުގެ މުއާމަލާތަކަށް ކުރިން ބޭނުންކޮށްފައިވާ ކޯޓޭޝަންތައް އިތުރު މުދަލާއި ހިދުމަތް ހޯދުމުގައި ބޭނުންކުރުން ހުއްޓުވަން ބަދަލު ގެންނަން ސިޓީގައި ހުށަހަޅާފައި ވެ އެވެ. އެއީ އެހެން މުއާމަލާތަކަށް ހޯދާ ކޯޓޭޝަން އެ ނޫން ކަންކަމުގައި ބޭނުން ނުކުރެވޭނެ ކަމަށް ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީގައި ހިމެނުމަށެވެ.

އިސްލާހުކުރަން އެދުނު އެންމެ ފަހު ކަމަކީ، ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުންގެެ ގަވައިދު 2015 ގެ ޗެޕްޓާ 4 ގެ 6 (ހ) އަށް ބަދަލު ގެނެސް އެ ކުންފުނީގެ ބޯޑުން ވީ އެންމެ އަވަހަކަށް ފާސްކުރުމެވެ.

މިހާރު އޮތްގޮތުން މުވައްޒަފުންގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށް ބެލުމަށްފަހު އެފަދަ މުވައްޒަފުންނަށް، ކުންފުނިން ފާސްކޮށްފައިވާ އުސޫލުތައް އިސްތިސްނާކޮށް މެނޭޖިން ޑިރެކްޓަރު ބޭނުންވެއްޖެ ނަމަ ވަޒީފާގެ ކުރިއެރުން ދެވެ އެވެ.

އެކަމަކު ފިނޭންސް މިނިސްޓްރީން ވަނީ ވަޒީފާގެ ކުރިއެރުން ދިނުމަށް ކުންފުނިން ފާސްކޮށްފައިވާ އުސޫލުތައް އިސްތިސްނާނުކޮށް ވަޒީފާގެ ކުރިއެރުން ދިނުމުގެ ބާރު މެނޭޖިން ޑިރެކްޓަރަށް ލިބޭ ގޮތަށް އުސޫލު ބަދަލުކުރަން އަންގައިފަ އެވެ.

އެ ކަންކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ރިކޮމެންޑޭޝަންތައް މިހާރު ތަންފީޒުކޮށްފައިވާ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެއްވި އެވެ.

ފެނަކައިގެ ގިނަ މައްސަލަތަކުގައި ކޮރަޕްޝަންގެ ތުހުމަތުކޮށްފައި ވަނީ ވެސް ސައީދަށެވެ. އެކަމަކު އޭނާއާ ދެކޮޅަށް މިހާތަނަށް އެއްވެސް ފިޔަވަޅެެއް ނާޅަ އެވެ. ތުހުމަތުތައް ދޮގުކުރައްވައި ސައީދު ވިދާޅުވީ އެއީ ސިޔާސީ ރޭވުމެއް ކަމަށެވެ.