Roadha Mihaaru
ކައުންސިލްތަކުގެ ބަޖެޓް އަންނަ އަހަރު ބޮޑުވާނެ: އަމީރު

ކައުންސިލްތަކުގެ ބަޖެޓް އަންނަ އަހަރު ބޮޑުވާނެ: މިނިސްޓަރު އަމީރު

21 އޯގަސްޓް 2019

އަންނަ އަހަރު ކައުންސިލްތަކަށް ދޭ ބަޖެޓު ވަރަށް ބޮޑުތަން އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އަންނަ އަހަރު ކައުންސިލްތަކަށް ދޭ ބަޖެޓު ވަރަށް ބޮޑުތަން އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ނިޒާމް ހަރުދާނަކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރުނބާ މޯލްޑިވްސްގައި ބާއްވާ މަހާސިންތާގައި މިނިސްޓަރު އަމީރު ވިދާޅުވީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުވަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމަށާއި ބިމުގެ ކުލިން ލިބޭ އާމްދަނީގެ ވަކި ބައެއް ކައުންސިލްތަކަށް ދޭން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"2020 ވަނަ އަހަރުގެ ބަޖެޓް ހެދިގެން ދާއިރު ތިޔަ ބޭފުޅުންނަށް ފެނިގެންދާނެ ޖަޒީރާ މެނިފެސްޓޯގައި އަޅުގަނޑުމެން ފާހަގަކުރި ކަންތައްތައް ރިފްލެކްޓް ކުރާތަން. އެގޮތުން އަޅުގަނޑުމެން އޭރު ފާހަގަކުރި ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް އަޅުގަނޑުމެން ކައުންސިލްތަކަށް އިޔާ މާކްކުރާނަން. މީގެ އިތުރުން ލޭންޑް ރެންޓުގެ ގޮތުގައި ލިބޭ އާމްދަނީގެ ވަކި ބައެއް ވެސް އިޔާ މާކްކޮށް ކައުންސިލްތަކަށް ލިބޭގޮތް ހަދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާ މިފަދަ ކަންތައްތަކުގެ ސަބަބުން ކައުންސިލްތަކުގައި ހުރި މާލީ މައްސަލަތައް ހައްލުވާނެ ކަމަށެވެ.

މީގެ އިތުރުން ކައުންސިލްތަކަށް ލިބޭ ފައިސާ އަކީ ވެސް އާއްމުންގެ ފައިސާއަށް ވާތީ ހުރިހާ ކައުންސިލްތަކަކުން ވެސް އެ ފައިސާ އަށް އަމާނާތްތެރިވާން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މާލީ ރިޕޯޓުތައް ކޮންމެ ކައުންސިލަކުން ވެސް ނެރެން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވަނީ ބައެއް ކައުންސިލްތަކުން މާލީ ބަޔާން ނުނެރޭކަން ފާހަގަކުރައްވައިފަ އެވެ.

"އަޅުގަނޑުމެން މި ދައްކަނީ ޓެކްސްޕޭޔާގެ ފައިސާގެ ވާހަކަ. ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އަޅުގަނޑު އަބަދުވެސް ފާހަގަކޮށްލަން ބޭނުންވޭ އެކައުންޓެބިލިޓީ ނިޒާމެއް އޮންނަން ޖެހޭކަން. މާލީ މިނިވަންކަން ލިބުނު ނަމަވެސް އަޅުގަނޑުމެން އެބަޖެހޭ ޓެކްސްޕޭޔާ ފައިސާ އަށް ޖަވާބުދާރީވެވޭ ނިޒާމަކަށް އަހުލުވެރިވާން،" މިނިސްޓަރު ވިދާޅުވި އެވެ.

މާލީގޮތުން ކައުންސިލްތައް ހަރުދަނާކުރުމަށް މިހާރު ވެސް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ބަޖެޓުގައި ބާކީ ހުރި ފައިސާ ކައުސިލްތަކާ ހަވާލުކުރަން މިއަހަރު ސަރުކާރުން ވަނީ ފަށައިފަ އެވެ. މީގެ އިތުރުން އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ ވެސް ކައުންސިލްތަކާ ހަވާލުކުރަން ވަނީ ފަށައިފަ އެވެ.

މާލީ ކަންކަމާ ގުޅޭ ގޮތުން ކައުންސިލްތަކުގެ މުވައްޒަފުން އަހުލުވެރިކުރުވުމަށް އެލްޖީއޭއާ ގުޅިގެން ފިނޭންސް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމުގައި ހުރި ދަތިތައް ދެނެގަނެ އެކަންތައް ހައްލު ކުރުމުގެ ގޮތުން ގާނޫނީގޮތުން ކުރެވޭ ކަންތައްތަކުގެ އޮނިގަނޑެއް އެކުލަވާލަން ވެސް އެ މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.