އާދިއްތަ ދުވަހާ ގުޅޭ
14 ސެޕްޓެމްބަރ 2022
އާދިއްތަ ދުވަހާ ގުޅޭ
"އެއީ ކާކު؟" ފައިރޫޒު އެހިއެވެ.
"އެއީ ދިވެހިރާއްޖޭގެ.." ޖައުފަރަށް ބުނެވުނީ އެ ހިސާބަށެވެ.
ފައިރޫޒަށް ފޯނެއްއައެވެ. ގުޅީ ކާކުކަމެއް، ދެއްކީ ކޮން ވާހަކައެއްކަމެއް ޖައުފަރަކަށް ނޭނގެއެވެ. ފައިރޫޒުގެ މޫނުމަތީގައި ހުރި ނުތަނަވަސްކަން ފިލައި، އުފާވެރިކަން ވެރިއެވެ.
"ތީ ހާދަ އުފާވެރި ޚަބަރެކޭ،" ފައިރޫޒު ބުންޏެވެ. "ކުޑަ އިރުކޮޅެއް ތެރޭގަ ޖައުފަރު ދާނެ ތި ކޮޅަށް. އޭނައަށް ތި މައުލޫމާތުތައް ދީ. ނޯޓުކޮށްލެވުނުކަން ތީ ވަރަށް މުހިންމުކަމެއް. ހަމަ މިހާރު މި ފޮނުވާލަނީ."
ފޯނުބާއްވާފައި ފައިރޫޒު ކަރުދާސްކޮޅެއް ނަގައިފައި މޭޒުމަތީގައި ބޭއްވިއެވެ. ގަލަމުން މާލޭގެ ސަރަހައްދެއް ކުރަހައިލިއެވެ.
"މިހިރީ އޮލިންޕަސް،" ފައިރޫޒު ކިޔައިދިނެވެ. "މީ މަޖީދީމަގު. މަޖީދީމަގުން ގޮސް މި މަގަށް އަޅާ އިރު، ވައަތްފަރާތުން ދެވަނަ ބުލޮކުގެ މި ހިސާބުގަ ހުންނާނެ ކުޑަ ފިހާރައެއް. ސެކަންޑްހޭންޑް ސާމާނު ގިނައިން ހުންނާނީ. ދޭބަލަ އެ ތަނަށް. ހަމަ މިހާރު. ގޮސް ފަހުދާ މީޓުކުރޭ! އޭނަ ހުންނާނެ އެ ތާ. އެކަނި ދާނީ އިނގޭ!"
ޖައުފަރު ސައިކަލުގައި އެ ބުނާ ދިމާއަށް ދިޔައެވެ. ފައިރޫޒު ބުނި ތަނުގައި ހުރީ ފިހާރައެއް ނޫނެވެ. ފިޔަފާޅިގަނޑެކެވެ. އެ ތަނުގައި ހުރީ ބޭނުންކޮށްފައިވާ ސާމާނެވެ. އެ ތަނުގެ ދޮރުމަތިން ފަހުދާ ދިމާވިއެވެ. ފަހުދަކީ ތަނުގެ ވެރިމީހާއެވެ. ބާޒާރުމަތީގައި ވެސް އޭނަގެ އެ ކަހަލަ ފިހާރަގަނޑެއް ހުންނަކަމަށް ވެއެވެ. ޖައުފަރު ވަނުމުން ފަހުދު ބަންދު ބޯޑު އެޅުވިއެވެ.
"މި ނާޅުވައިފިއްޔާ އިރުކޮޅުކޮޅާ މީހުން ވަންނާނެ. އެއްޗެއް ނުގަންނާނެ. މުޅި ތަނުގަ ހޭކިފަ ދާނީ،" ފަހުދު ވާހަކަދައްކަމުން ގޮސް މޭޒުމަތީގައި އޮތް ގަނޑުކޮޅެއް ދިއްކޮށްލިއެވެ. "ނަސީބެއް ތި ނަތާޝާއެއްގެ މަރުގެ ވާހަކަ އަހަރެންނަށް ނޫސްތަކުންނާ ޓީވީން ފެނިފަ ހުރިކަން. އެކަމަކު ފަހަރެއްގަ ވެދާނެ އެ ކަމާ މި ކަމާ ގުޅުމެއް ނެތްކަމަށް ވެސް. ދެންމެ ފޮޓޯކެމެރާއެއް ވިއްކަންވެގެން މީހަކު ވަނީ. އެއީ އާ ކެމެރާއެއް ނޫން. ނަތާޝާގެ އެޕާޓުމަންޓުން ވެސް ކެމެރާއެއް ގެއްލުނު ވާހަކަ އޮތް ނޫހުގަ ޖަހާފަ. އެހެންވެ ހީވީ އެ ކެމެރާއަށް ވެދާނެ. އޭނަ އައި ގޮތަށް އައިސް ބުނީ ކެމެރާ ގަންނާނަންހޭ؟ އަގެއް ނުކިޔާ! ފެންނަ އެއްޗެއް ދޭށޭ ބުނީ. އޭނަ ހުރީ ވަރަށް ހާސްވެފަ. ސަތޭކަ ރުފިޔާއަށް ވެސް ކެމެރާ ވިއްކާ ގޮތަށް އޭނަ ހުރީ. އަހަރެން ބުނެފިން މި ވަގުތު ކެމެރާއެއް ބޭނުމެއް ނެތޭ! ތި ކަހަލަ އެއްޗެއްސެއް ނުވިކެޔޭ! ހަމަ ބުނާ އިރަށް އޭނަ ކެމެރާ ހިފައިގެން ނައްޓާލައިފި. އޭނަ އެރީ ކުޑަ ސައިކަލަކަށް. ތީ އޭގެ ލައިސަން ނަންބަރު. ސީޕީޔާ އަހަންނާ ވަރަށް ރައްޓެހިވާނެ. އެހެންވެ ސީދާ އޭނައަށް ފުރަތަމަ ގުޅީ."
ޖައުފަރުގެ ނަޒަރުގައި، ސައިކަލުގެ ނަންބަރު ނޯޓުކުރިކަން އެއީ ފަހުދަށް ކުރެވުނު އެންމެ މުހިންމު ކަންތަކެވެ.
"އޭނަގެ މޫނު ކިޔައިދޭން އެނގޭނެތަ؟" ޖައުފަރު އެހިއެވެ. "މި ބުނީ، ސިފަ ހުރި ގޮތް ހަނދާން އެބަ ހުރިހޭ؟"
"ޔަގީން ކަށަވަރެއްނު!" އަޑަށް ބާރުލައިފައި ފަހުދު ބުންޏެވެ.
ޖައުފަރު ފުލުސް އޮފީހަށް ގޮސް ބެލި އިރު، ނަތާޝާގެ ސައިކަލުގެ ލައިސަން ނަންބަރާއި ފަހުދު ދިން ނަންބަރު ދިމާވެއެވެ. އެހެނަސް، ސައިކަލުގެ ކުލަކަމަށް ފަހުދު ބުނީ އަޅިކުލައެވެ. ނަތާޝާގެ ސައިކަލުގެ ކުލައަކީ މުށިކުލައެކެވެ. އެހެން ވިޔަސް ޖައުފަރު ބެލީ އެއީ ކާމިޔާބެއްކަމުގައެވެ. ނަތާޝާގެ މައްސަލަޔާ އެހައި ގުޅުން ހުރި ދެވަނަ މީހަކު، އެހައި ތަނަކަށް ނުފެނެއެވެ. ނަތާޝާގެ ފޮޓޯކެމެރާއާއި ސައިކަލު ގެންގުޅޭ މީހަކު، ނަތާޝާގެ މަރާ ކޮންމެވެސް ގުޅުމެއް އޮންނާނެއެވެ. ފުލުހުން ވަގުތުން އެ މީހާ ހޯދުމުގެ މަސައްކަތް ފެށިއެވެ.
ފުލުހުން ތެރޭގައި ކުރެހުންތެރިން ތިބެއެވެ. އެ މީހުންގެ މަސައްކަތަކީ، ސިފަ ކިޔައިދިނުމުން އެ ސިފަތައް ހިމަނައިގެން މޫނެއް ކުރެހުމެވެ. ކުށްވެރިންނަށް ސިފައެއް ދިނުމެވެ. ދެ ގަޑިއެއްހައި އިރު ތެރޭގައި ކުރެހުން ތައްޔާރުކޮށް، މުޅި ރާއްޖެއަށް ފޮނުވައިލެވުނެވެ. މައުސޫމާއާއި ހަލީމަށް ވެސް އެ ކުރެހުން ދެއްކިއެވެ. އެކަމަކު އެއިން އެކަކު ވެސް އެ މޫނެއް ނުދަނެއެވެ. ނަތާޝާގެ އެކުވެރިންނަށް ވެސް އެ މޫނު އެނގޭކަމަކަށް ނުވިއެވެ. ނޫސްތަކާއި ޓީވީ ޗެނަލުތަކަށް ފޮޓޯ ދީގެން ވެސް ކާމިޔާބެއް ނުވިއެވެ. އެ ކަމާ ބެހޭ އެއްވެސް ފޯނެއް ނައެވެ. ފޮޓޯ ނުވައްތަރީކަމެއް ނުވަތަ ގާތިލު ދަންނަ މީހަކު ނެތީކަމެއް ނޭނގެއެވެ. ސީސީޓީވީ ކެމެރާއަކަށް އެ ސައިކަލު އަރާފައިވެއެވެ. ވަކި ހިސާބަކުން ގެއްލުނީއެވެ. ފުލުހުންނަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު އެ ގޮތަށް ގެއްލިގެންދާތީ ޖައުފަރު ވަރަށް ކަންބޮޑުވިއެވެ. މޭޒުގައި ދެ އުޅަނބޮށި ޖައްސައިގެން، ނިތްކުރީގައި ދެ އަތުން ހިފާއްޓައިލައިގެން ޖައުފަރު އިނީއެވެ. ދެން ހަދާނެ ގޮތެއް ނޭނގިފައެވެ.
"ހަމަ އެއްވެސް މީހަކާ އެ ފޮޓޯ ވައްތަރުނުވަނީ؟" ހިތާހިތުން ޖައުފަރަށް ބުނެވުނެވެ. "ނުވާނެ އެހެނެއް."
ޖައުފަރަށް ހީވީ ރަނގަޅެވެ. ފޮޓޯ އާންމުކުރިތާ ފަސްވަނައަށް ވީ ދުވަހު މީހަކު ގުޅިއެވެ. ގުޅީ ޖައުފަރުގެ އޮފީސް ފޯނަށެވެ.
"އަހަރެންގެ ނަމަކީ މުޖުތަބާ! އާންމުކޮށް ކިޔާނީ މުޖޫ،" އެ މީހަކު ބުންޏެވެ. "އަހަންނަކީ ގަރާޖެއް ހިންގާ މީހެއް. ކޮންމެވެސް އަންހެންކުއްޖަކު މަރާލި މީހެއްގެ ކުރެހުމެއް އެބަ ދައްކައެއްނު ދޯ؟ އެ ކުރެހުމުން ފެންނަ މީހާޔާ ވަރަށް ވައްތަރު މީހަކު މި ގަރާޖުގަ މަސައްކަތްކުރޭ!"
ޖައުފަރަށް ފުންމައިގެން ތެދުވެވުނެވެ. ގަރާޖު ހުންނަ ތަން އޮޅުންފިލުވައި، ޓީމެއް ގޮވައިގެން އެ ދިމާއަށް މިސްރާބުޖެހިއެވެ. ގަރާޖު ދޮރުމަތިން މުޖުތަބާޔާ ބައްދަލުވިއެވެ. ފޯނުން ވާހަކަދެއްކި އިރު އަޑު ހުރި ގޮތުން ޖައުފަރު ހީކުރީ މުޖުތަބާ ހުންނާނީ ތަންކޮޅެއް ނިކަމެތިކޮށްކަމަށެވެ. އެހެނަސް މުޖުތަބާއަކީ ޖާނުގެ ވަރުގަދަކަމާ އެއްވަރުގެ މަތިމަހެއް ވެސް ހުރި، އިސްކޮޅުން ދިގު މީހެކެވެ. ޓީމުގެ އެހެން މީހުންނަށް ގަރާޖު ބެލުމުގެ މަސައްކަތް ހަވާލުކޮށްފައި ޖައުފަރު ނޯޓު ފޮތް ހުޅުވައިލިއެވެ. މުޖުތަބާ ގާތަށް ޖެހިއެވެ.
"ތި ބުނާ މީހެއްގެ ނަމާ، އެޑުރެހާ، ފޯނު ނަންބަރާ.." ޖައުފަރު ބުންޏެވެ. "އެނގޭ ހުރިހާ މައުލޫމާތެއް ކިޔައިދީ."
މުޖުތަބާ އެޑުރެސް ކިޔައިދިނެވެ. ފޯނު ނަންބަރު ވެސް ދިނެވެ.
"ފުރިހަމަ ނަމެއް ނޭނގޭ. ދައިސަމް ކިޔާނީ،" މުޖުތަބާ ބުންޏެވެ. "ވަރަށް މަޑުމަޑުން ހުންނަ ސޮރެއް އެއީ. ތިރީހަކަށް އަހަރުކަން ނޭނގެ ވާނީ. މާ ގިނައިން މީހުނާ ވާހަކަދައްކައެއް ނޫޅޭނެ. ބައެއް ދުވަސްދުވަހު ލޯ ވަރަށް ރަތްކޮށް ހުންނާނީ. އެއީ ވަރަށް ފާހަގަކުރެވޭ ކަމެއް. މަސައްކަތަށް ވަރަށް ފަރުވާތެރިވާނެ. އެކަމަކު މިހާރު މަސައްކަތަށް ނާންނަތާ ވެދާނެ ހަފުތާއެއްހައި ދުވަސް. ފޯނެއް ނުނަގާ! މާ ބޮޑު ލިޔެކިޔުމަކަށް ބަލާފައެއް ނޫން ވަޒީފާ މި ދެނީ. ދެ ދުވަހު ހަމައަށް ވެސް ނާންނާނެ ވިއްޔަ! އެކަމަކު ދައިސަމަކީ ތަފާތު ގޮލައެއް."
އެ ހުރިހައި މައުލޫމާތެއް ވެސް ފުލުހުންނަށް ވަރަށް މުހިންމެވެ. އެ ދަނޑިވަޅު، ވަރަށް މުހިންމު ކަމެއް ވެސް ފުލުހުންނަށް ފާހަގަކުރެވުނެވެ. ގަރާޖުގެ ތަޅުންގަނޑާއި، އެހެން ބައެއް ތަންތަނުގައި އަޅިކުލައެއްގެ ދަވާދެއް ބުރާފައި ހުއްޓެވެ. އެއީ ނަތާޝާގެ ސައިކަލުގައި ހުރިކަމަށް ފަހުދު ބުނި ކުލައެވެ.
"މީ ކޮން އަޅިކުލައެއް؟" ޖައުފަރު އެހިއެވެ. "ކާކު، ކޯޗެއްގަ ލީ ދަވާދެއް މީ؟"
"ދަވާދުގެ މަސައްކަތް ވެސް މި ތާ ހިނގާނެ،" މުޖުތަބާ ޖަވާބުދިނެވެ. "ހީވަނީ ދަގަނޑު ހޮޅިތަކެއްގަހެން ދަވާދުލީ. އެ މަސައްކަތްކުރީ ކާކުތޯ ބަލާލަން ޖެހޭނީ. މި ވަގުތު އެންމެން ސަޔަށް ގޮސް ވީ."
ޖައުފަރު ވިސްނައިލިއެވެ. ގަރާޖެއްކަމުން، ހުރިހައި އެއްޗެއްގައި ހުރިހައި އެންމެންގެ އިނގިލީގެ ނިޝާން ހުންނާނެއެވެ. ތެލާއި، ހިރަފުސް ވެސް ހުންނާނެއެވެ. މަސައްކަތް އުނދަގޫވާނެކަން ޖައުފަރަށް އެނގެއެވެ. ޖައުފަރު ހިތުގައި ވަރަށް މުހިންމު ސުވާލެއް ވެސް އުފެދުނެވެ. ސައިކަލުގެ ކުލަ ބަދަލުކުރަން ހިޔާލުއައި ހުސިޔާރު މީހަކު، ލައިސަން ނަންބަރު ބަދަލުނުކުރީ ކީއްވެގެން ހެއްޔެވެ؟
"އައިޑީ ކާޑު ނަންބަރެއް ނޭނގޭ ދޯ؟" ޖައުފަރު ސުވާލުކުރިއެވެ.
މުޖުތަބާ ވިސްނައިލިއެވެ. އެއްދުވަހަކު ދައިސަމް ބުނެގެން ދައިސަމްގެ އައިޑީކާޑުގެ ނަންބަރު މުޖުތަބާ ނޯޓުކުރިއެވެ. ކޮންމެވެސް މީހަކަށް ދޭންވެގެންނެވެ. މުޖުތަބާ ގޮސް ވަތްގަނޑުތައް ހޭވިއެވެ. އެ ކަރުދާސްކޮޅެއް ނުފެނުނެވެ. ދެން ކުއްލިއަކަށް ހަނދާންވިއެވެ. އެ ނަންބަރު ނޯޓުކުރީ ކަރުދާހަކު ނޫނެވެ. ފޯނުގައެވެ. އެ ވަގުތު ދައިސަމް އަތުގައި ގިރިސް ހުރެގެން ދައިސަމް ބުނި ފޯނު ނަންބަރަކަށް އެ އައިޑީ ނަންބަރު ފޮނުވީ މުޖުތަބާއެވެ. އެތައް އިރަކު ފޯނު ހާވައިގެން މުޖުތަބާއަށް ނަންބަރު ފެނުނެވެ. ޖައުފަރަށް ހީވީ ގުރުއަތުލައިގެން އެޕާޓުމަންޓެއް ލައްވައިލިހެންނެވެ.
ކުށްވެރިންގެ މައުލޫމާތަކީ ފުލުހުން ޖަމާކޮށްފައި ބަހައްޓާ އެއްޗެކެވެ. ދައިސަމްގެ އައިޑީކާޑު ނަންބަރު ޖަހައިލުމާ އެކު އޭނަގެ ފޮޓޯއާއި ފުލުސް ރިކޯޑު އެރިއެވެ. އެއީ ދިގު ރިކޯޑެކެވެ. ޑުރަގު ބޭނުންކުރުމާއި ޑުރަގުގެ ވިޔަފާރިކުރުމެވެ. ވައްކަންކުރުމާއި މާރާމާރީއެވެ. ސައިކަލު ވަގަށްނެގުމުގެ ދެ މައްސަލައަކާއި، ޓެކުމާއި، ފޭރުމުގެ މައްސަލައެއްގައި ވެސް ދައިސަމް ހައްޔަރުކޮށްފައިވެއެވެ.
"ނުމޮށޭ ގުރައެއްތާ!" ޖައުފަރަށް މަޑުމަޑުން ބުނެވުނެވެ. "ވަގުތު ހަމަވެއްޖެ! ކޮންމެ ތާކު އޮތަސް ދަމާ ނެރޭނަން."
ދައިސަމް ހޯދުމުގެ މަސައްކަތް ފުލުހުން ފެށިއެވެ. އޭނަގެ ގެއަށް ދިޔަ އިރު ގެޔަކު ނޫޅެއެވެ. ގެއަށް ނާންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ފޯނު އޮންނަނީ ނިއްވާލައިފައެވެ. ފޯނު ރިކޯޑު ބަލައިގެން ދައިސަމްގެ އެކުވެރިންނަށް ގުޅިއެވެ. ކޮންމެ މީހަކު ވެސް ބުނަނީ ދައިސަމާ ނުގުޅޭތާ އެތަކެއް ދުވަހެއް ވެއްޖެކަމެވެ. އެކުވެރިންގެ ފޯނު ރިކޯޑުތައް އެ ކަމަށް ހެކިދެއެވެ.
ފުލުހުންގެ ހޯދުން ފުޅާކޮށް، ވަރުގަދަކުރިއެވެ. ޓެކުސީ ސެންޓަރުތަކުގެ އެހީއަށް ވެސް އެދުނެވެ. އެކަމަކު އާންމުންގެ އެހީއަކަށް ނޭދެވުނެވެ. އެ ސައިކަލު ހޯދި މީހަކަށް އިނާމެއް ވެސް ކަނޑައެއް ނޭޅުނެވެ. އެހެން ހަދައިފި ނަމަ ނަންބަރު ބަދަލުކޮށްފާނެކަމުގެ ބިރަށެވެ.
އެއްރޭ ޑިއުޓީއަށް ދާންވެގެން ޖައުފަރު ގެއިން ނުކުތް އިރު، ޖައުފަރު ހޯދަން އުޅުނު ސައިކަލު ހުރީ މަގުގެ އަނެއް ފަރާތުގައެވެ. ސައިކަލުގައި ހުރީ އަޅިކުލައެވެ. ލައިސަން ނަންބަރު އޭރު ވެސް ހުރީ ބަދަލުނުކޮށެވެ. ޖައުފަރަށް ގަބޫލުކުރަން ދަތިވިއެވެ.
ނުނިމޭ