Roadha Mihaaru
މެއި 6ގެ ހަމަލާ: ނަޝީދުގެ ބޮޑީގާޑުންނަށް މެޑަލް ދީފި

މެއި 6ގެ ހަމަލާ: ނަޝީދުގެ ބޮޑީގާޑުންނަށް މެޑަލް ދީފި

14 ސެޕްޓެމްބަރ 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު ހަމަލާދިން ވަގުތު އެ މަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ބޮޑީގާޑުންނަށް ހިތްވަރުގެ މެޑަލް ރޭ ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު ހަމަލާދިން ވަގުތު އެ މަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ބޮޑީގާޑުންނަށް ހިތްވަރުގެ މެޑަލް ރޭ ދީފި އެވެ.

ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ތިން އޮފިސަރަކަށް މެޑަލް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

ޝަރަފު ލިބުނު ބޮޑީގާޑުން

- ސްޓާފް ސާޖަންޓް އިލްހާމް އާދަމް، ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް އަދި ހިތްވަރުގަދަ ކުލަ

- ކޯޕްރަލް މުހައްމަދު ނިޔާޒު

- ލާންސް ކޯޕްރަލް މުހައްމަދު ރިޝްވާން

އެ ތިން އޮފިސަރުންގެ އިތުރުން ފުވައްމުލަކުގެ ޓައިގާ ޝާކް ޑައިވިން ޕޮއިންޓަށް އޮގަސްޓް، 2019 ގައި ގެއްލުނު ޑައިވަރަކު ހޯދަން ހަފުތާއަކަށް ވުރެ ގިނަ ދުވަސްވަންދެން ކުރިއަށްގެންދިޔަ އޮޕަރޭޝަނާއި 10 މީހުންނާ އެކު ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަނިކޮށް ފަސް މީހަކު ނިޔާވި ހާދިސާގައި ހަރަކާތްތެރިވި މީހުންނަށް ވެސް ޝަރަފުގެ ނިޝާން ދީފައިވެ އެވެ.

މަޖީދީމަގުން، ގ. ކެނެރީގެ ހުންނަ ނީލޯފަރު ގޯޅި ކަންމަތީގައި މެއި 6، 2021 ވަނަ ދުވަހުގެ ރޭ ގޮއްވާލި ބޮމުގައި ނަޝީދުގެ އިތުރުން އެ މަނިކުފާނުގެ ދެ ބޮޑީގާޑަކަށް ވެސް އަނިޔާވި އެވެ. އޭގެ ތެރެއިން އެކެއްގެ ވާތަށް ހުރީ ބުރައިގެން ދިޔަ އެތިއެތިކޮޅުތައް ހެރިފަ އެވެ. އޭޑީކޭ ހޮސްޕިޓަލުން ހަމަ އެރޭ އެ އެއްޗެހިތައް ވަނީ ނަގައިފަ އެވެ. އެއީ ހަމަލާގެ ވަގުތު ނަޝީދު ކަވަރުކުރި ބޮޑީގާޑެވެ.

އެ އަނިޔާތަކާ ގުޅިގެން އިލްހާމް ވަނީ ކަނދުރާގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.

ހަމަލާ ދިން އިރު އެ ހިސާބުގައި ހުރި މީހަކު "މިހާރު"އާ ވާހަކަ ދައްކަމުން ބުނީ ބޮން ގޮއްވާލި ގަޑީގައި އިވުނު ބާރު އަޑާ އެކު ނަޝީދު ކުއްލިއަކަށް ތިރިވި ކަމަށެވެ. ބޮޑީގާޑުންނަށް އަނިޔާވެފައި ވަނީ ނަޝީދު ތިރިވެލި ވަގުތު، އެ މަނިކުފާނު ވަށައިލުމުން ކަމަށް އޭނާ ކުރިން ބުނެފައިވެ އެވެ.