Roadha Mihaaru

މަޖިލީހުން ހިންގާ ތަހުގީގުގައި މެމްބަރުން އެމްއެންޑީއެފްގެ ހެޑްކުއާޓަރަށް ޒިޔާރަތްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީން ހިންގާ ތަހުގީގުގައި އެ ކޮމެޓީން އެމްއެންޑީއެފްގެ ހެޑްކުއާޓަރަށް މިއަދު ޒިޔާރަތްކޮށްފި އެވެ.

މަޖިލީހުގެ ތަހުގީގުގައި މެމްބަރުން އެމްއެންޑީއެފްއަށް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

19 ޖޫން 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީން ހިންގާ ތަހުގީގުގައި އެ ކޮމެޓީން އެމްއެންޑީއެފްގެ ހެޑްކުއާޓަރަށް މިއަދު ޒިޔާރަތްކޮށްފި އެވެ.

މިދިޔަ މަހު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީން ހިންގާ ތަހުގީގުގައި ޑިފެންސް މިނިސްޓަރު މާރިޔާ އާއި ސިފައިންގެ އިސްވެރިންގެ އިތުރުން ވަކިވަކި ސިފައިން ވެސް އެ ކޮމެޓީއަށް ކުރިން ވަނީ ހާޒިރުކޮށްފަ އެވެ.

އެމްއެންޑީއެފްގެ ހެޑްކުއާޓަރަށް މިއަދު ޒިޔާރަތްކުރެއްވީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމާއި އެ ކޮމެޓީގެ މެމްބަރުން ކަމަށްވާ ހަސަން ލަތީފާއި އަލީި ނިޔާޒެވެ. މަޖިލީހުން ބުނީ އެ ބޭފުޅުން އެމްއެންޑީއެފްގެ ހެޑްކުއާޓަރަށް ވަޑައިގަތީ މަޖިލީހުން ހިންގާ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތުތައް ހޯއްދެވުމަށް ކަމަށެވެ. އެ ބޭފުޅުންނާ ބައްދަލު ކުރެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމެވެ.

މަޖިލީހުން ހިންގާ ތަހުގީގަށް ވަކިވަކި ސިފައިން ހާޒިރު ނުވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ކުރިން އެންގިޔަސް، ވަކިވަކި ސިފައިން ވެސް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރި އެވެ. ޑިފެންސް މިނިސްޓްރީން އެގޮތަށް ކުރިން އެންގުމުން އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކު ކޮމެޓީއަށް ވެސް ހުށަހެޅި އެވެ. އެކަމަކު އެ ކޮމެޓީން ނިންމީ އެ މައްސަލަ ނުބެލުމަށެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ފާޑުކިޔުން އަމާޒުވި އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާއިރު، އެ މައްސަލާގެ ޖިނާއީ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.