ދ. ކުޑަހުވަދޫގައި 2012 ވަނަ އަހަރު މަރާލި އަލީ ހަސަން (އައްޔުބެ) ގެ މަރުގައި ބައިވެރިވިކަން ސާބިތުވި މީހަކު ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، ނުވަ އަހަރު ޖަލުގައި ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތް ކަމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ.
14 ސެޕްޓެމްބަރ 2022
ދ. ކުޑަހުވަދޫގައި 2012 ވަނަ އަހަރު މަރާލި އަލީ ހަސަން (އައްޔުބެ) ގެ މަރުގައި ބައިވެރިވިކަން ސާބިތުވި މީހަކު ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، ނުވަ އަހަރު ޖަލުގައި ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތް ކަމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖެނުއަރީ، 2012 ގައި އައްޔުބެއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރި ތިން ކުދިންގެ ތެރެއިން ދެ ކުއްޖަކަށް ކުށް ސާބިތުވި އެވެ. އައްޔުބޭގެ ވާރިސުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖަކު ހުރުމުން އެ ކުއްޖާ ބޮޑުވެ، މަރަށް މަރު ހިފުމާ މެދު ގޮތެއް ނިންމަންދެން ޖުވެނައިލް ކޯޓުން ނިންމީ ކުށް ސާބިތުވި ކުދިން ޖަލުގައި ބޭތިއްބުމަށެވެ. (އެ މީހުންނަށް މިހާރު 18 އަހަރު ވަނީ ފުރިފަ އެވެ. އެކަމަކު އެ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.)
އޭގެ ނުވަ އަހަރު ފަހުން އޭގެ ތެރެއިން އެކަކުގެ މައްސަލާގައި ހައި ކޯޓުން މިދިޔަ އަހަރުގެ ފަހުކޮޅު ނިންމީ އައްޔުބެ މަރާލުމުގައި ބައިވެރިވިކަން އޭނާގެ މައްޗަށް ސާބިތުވިޔަސް، އިސްލާމީ ޝަރީއަތުގެ އުސޫލުތަކަށް ބަލާއިރު އޭނާއަށް މަރުގެ އަދަބު ނުދެވޭނެ ކަމަށެވެ. އެހެންވެ، ގާނޫނީ ގޮތުން ދޭންޖެހޭ އަދަބުގެ ބައި ޖުވެނައިލް ކޯޓުން ކަނޑައަޅަން ހައި ކޯޓުން އޭރު އެންގި އެވެ.
ހައިކޯޓުގެ ހުކުމަށް ރިއާޔަތްކޮށް، މިދިޔަ މަހުގެ ފަހުކޮޅު ޖުވެނައިލް ކޯޓުން ނިންމީ އޭނާއަށް ގާނޫނީ އަދަބެއްގެ ގޮތުން ހަތަރު އަހަރާއި ތިން މަހާއި ހަ ދުވަހަށް ޖަލަށްލުމަށެވެ. އެއީ އޭނާ އެ ކުށުގައި ބައިވެރިވެފައިވާ މިންވަރާއި ތަހުގީގަށް ދީފައިވާ އެއްބާރުލުމަށް ރިއާޔަތްކޮށް، އަދަބުގެ މިންވަރު މަތިކޮށް އަދި ދަށްކުރުމަށްފަހު މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ.
ކުޑަކުދިންގެ ގޮތުގައި ތިބެ ކުރާ ކުށްތަކަށް ދޭންޖެހެނީ ގާނޫނުގައި ބުނާ އަސާސީ އަދަބުގެ ތިން ބައި ކުޅަ ދެ ބައި ކަމަށްވާތީ އެއީ އޭނާގެ އަދަބު އިތުރަށް ލުއިވި ސަބަބެކެވެ. އަދި ހަތަރު އަހަރަށް ޖަލަށްލިޔަސް، އޭނާ މިހާތަނަށް ޖަލުގައި ނުވަ އަހަރާއި 11 މަސް ދުވަސް ހޭދަކޮށްފައިވާތީ ކޯޓުން ނިންމީ އިތުރަށް ތަންފީޒުކުރަންޖެހޭ އަދަބެއް ނެތް ކަމަށެވެ.
އެގޮތަށް ޖުވެނައިލް ކޯޓުން ނިންމުމުގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ވެސް އޭނާ ހުރީ ބަންދުން ދޫކޮށްލައިފަ އެވެ. އެގޮތަށް އަމަލުކުރީ ވެސް އޭނާގެ މައްޗަށް އަންނާނެ ކަމަށް ބެލެވޭ އަދަބަށް ވުރެ ދިގު މުއްދަތެއް ޖަލުގައި ހޭދަކޮށްފައިވާތީ އެވެ.
ދައުލަތުން ކޯޓުގައި އެދުނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އޭނާއަށް އަދަބު ކަނޑައެޅުމަށެވެ. އެ ގާނޫނުގެ ދަށުން އަދަބު ކަނޑައެޅި ނަމަ، އޭނާ އެއްކޮށް މިނިވަނެއް ނުވީހެވެ.
އެކަމަކު ކޯޓުން ނިންމީ ލުއި އަދަބު ބަޔާންކުރާ ގާނޫނެއްގެ ދަށުން އަދަބު ކަނޑައެޅުމަކީ ގާނޫނީ ހަމައެއް ކަމަށްވާތީ ގާނޫނުލް އުގޫބާތުގެ ދަށުން އަދަބު ކަނޑައެޅުމަށެވެ.
އެ މައްސަލާގައި ޖުވެނައިލް ކޯޓުގައި ކުށް ސާބިތުވި ދެވަނަ މީހާ ހައި ކޯޓުން 2017 ވަނަ އަހަރު ވަނީ މިނިވަންކޮށްފަ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާ ހެއްކެއް ނެތް ކަމަށް ހައި ކޯޓުން އޭރު ނިންމި އެވެ.
އައްޔުބެގެ މަރުގައި ބައިވެރިވި ކުއްޖަކު އިސްތިއުނާފަށް
ފޯނު ބަލަން އަމުރުނުދޭ މައްސަލަ އިސްތިއުނާފެއް ނުކުރާނެ
15 އަހަރުނުވާ ކުދިންގެ ފޯނު ފުލުހުންނަކަށް ނުބެލޭނެ
ވީޑިއޯއަށް ބާރުދީ، ކުއްޖެއްގެ ކުށް ސާބިތުވެއްޖެ
އަނަސް މަރާލި ކުޑަކުއްޖާ 18 އަހަރަށް ޖަލަށް
އަނަސްގެ މަރު: ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
އުދައްޔުގެ މަރު:ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
މަރުގެ ދައުވާލިބޭ ކުއްޖާ ގޭގައި ހުރުމުގައި ގޯހެއް ނެތް
މަރުގެ ދައުވާލިބޭ ކުއްޖާގެ ގޭ ބަންދު ދަމަހައްޓައިފި
އައްޔުބެގެ މަރު:މަރުގެ އަދަބު ނުދެވޭނެކަމަށް ނިންމައިފި