ދ. ކުޑަހުުވަދޫގައި އަނިޔާވެރި ގޮތަކަށް މަރާލި އަލީ ހަސަން (އައްޔުބެ) ގެ މަރުގެ މައްސަލާގައި ކުށްވެރިވެފައިވާ މީހަކަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
18 ނޮވެމްބަރ 2021
ދ. ކުޑަހުުވަދޫގައި އަނިޔާވެރި ގޮތަކަށް މަރާލި އަލީ ހަސަން (އައްޔުބެ) ގެ މަރުގެ މައްސަލާގައި ކުށްވެރިވެފައިވާ މީހަކަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ޖެނުއަރީ، 2012 ގައި އައްޔުބެއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުގައި ތިން ކުއްޖެއްގެ މައްޗަށް ދައުވާ ކުރުމުން އޭގެ ތެރެއިން ދެ ކުއްޖަކަށް ކުށް ސާބިތުވި އެވެ. އެކަމަކު އެ ކޯޓުން އޭރު ނިންމީ އައްޔުބެގެ ވާރިސުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުދިން ތިބުމުން، އެ ކުދިން ބޮޑުވެ އަދި ގާތިލުންގެ ކިބައިން މަރަށް މަރު ހިފުމާ މެދު ގޮތެއް ނިމެންދެން އެ ދެ މީހުން ޖަލުގައި ބޭތިއްބުމަށެވެ. އެކަމަކު އޭގެ ތެރެއިން އެކަކުގެ ހުކުމް ހައި ކޯޓުން 2017 ވަނަ އަހަރު ވަނީ ބާތިލްކޮށްފަ އެވެ.
ދެވަނަ މީހާގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ މިދިޔަ އަހަރު އެވެ. އޭނާއަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް، އޭނާ ކުށްކުރީ ކުޑަކުއްޖެއްގެ ގޮތުގައި ހުރެގެން ކަމަށްވާތީ އެފަދަ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
އެ މައްސަލައިގައި ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އައްޔުބެ މަރާލުމުގައި ބައިވެރިވި ކަމަށް ޖުވެނައިލް ކޯޓުގެ ޝަރީއަތުގައި އޭނާ އިއުތިރާފްވެފައިވާ ކަމަށާ އަދި މިހާރު ކުށަށް އިންކާރު ކުރިޔަސް، އެކަމަށް މަގްބޫލު އުޒުރެއް އޭނާއަށް ދެއްކިފައިނުވާ ކަމަށެވެ. އަދި އޭރު އެއްބަސްވީ ބިރު ދެއްކުމުން ކަމަށް މިހާރު ބުންޏަސް، އެއީ މަގްބޫލު އުޒުރެއް ކަމަށް ބެލެވެން ނެތް ކަމަށާއި އެހެންވެ، އޭނާ ވެފައިވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެކަމަކު ހައި ކޯޓުގެ ހުކުމުގައިވަނީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވިޔަސް، އޭނާގެ މައްޗަށް މަރުގެ އަދަބު ނުދެވޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައި ވަނީ އައްޔުބެ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވުނު އެއްވެސް މީހަކަށް ކުށް ސާބިތުވެފައި ނެތުމާ އަދި ހުށަހެޅި ހެކިތަކަށް ބަލާއިރު އެކަމުގައި އޭނާގެ ދައުރަކީ އެ ހަމަލާދިނުމަށް ހަތިޔާރާއި ތަކެތި ގެންގޮސްދިނުން އެކަނި ކަމަށްވާތީ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅޭ ކުށްތައް ސާބިތު ކުރުމުގައި ޝައްކުތަކުން ދުރުވާން ޖެހޭއިރު، ކުށްކުރި އަސްލު ކުށްކުރި މީހާ ނުހޯދެނީސް އަދި ތަހުގީގު ބަޔާންތަކަށް އެކަނި ބިނާކޮޮށްގެން އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އުސޫލުން މަރުގެ އަދަބު ނުދެވޭނެ ކަމަށެވެ. އެހެން ނަމަވެސް، މީހަކު މެރުމުގައި ބައިވެރިވެފައިވާތީ އެކަމަށް ދޭންޖެހޭ އަދަބެއް އޭނާއަށް ދޭންޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
"ގަސްދު މަރުގެ ކުށުގައި ބައިވެރިވެފައިވާކަން ސާފުކޮށް އެނގެން އޮތުމުން އެ ބައިވެރިވި މިންވަރުގެ މައްޗަށް ރިއާޔަތްކޮށް އަދަބު ކަނޑައެޅެންވާނެ ކަމުގައި ދެކެމެވެ." ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ބުނެފައިވެ އެވެ.
ހުކުމުގައިވާ ގޮތުން އައްޔުބެ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތު ނުވުމުގައި ދައުލަތުގެ ބޮޑެތި އިހުމާލުތަކެއް އެބަހުއްޓެވެ. އެގޮތުން ދައުލަތުން ދަށު ކޯޓަށް ހުށަހަޅާފައި އޮތީ ތަހުގީގު ބަޔާންތައް އެކަނި ކަމަށާއި އަދި ތަހުގީގަށް އިތުރު ގިނަ ހެކިތަކެއް ލިބުނަސް، އެ ހެކިތައް ކޯޓަށް ހުށަހަޅާފައި ނެތް ކަމަށާއި އެކަމަށް ދައުލަތުން ވެސް އެއްބަސްވާ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އައްޔުބެ މަރާލުމުގެ އަސްލު ކުށްކުރީ ކާކުކަން ހޯދިފައި ނެތް ކަމަށް ހުކުމުގައިވެ އެވެ.
"މި މައްސަލާގައި އަސާސީ ކުށް ސާބިތު ކުރުމުގައި ދައުލަތުން އަމަލު ކޮށްފައިވާ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވެ އެވެ." އެ ހުކުމުގައި ބުނެފައިވެ އެވެ.
އެހެންވެ، ހައި ކޯޓުގެ ހުކުމުގައިވަނީ އައްޔުބެ މަރާލުމުގައި ބައިވެރިވިކަން އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކުރި ހުކުމް ރަނގަޅު ކަމަށެވެ. އަދި އޭނާއަށް އަދަބު ކަނޑައެޅުމުގެ މައްސަލަ ޖުވެނައިލް ކޯޓުގައި މިހާރު ހިނގަމުންދާތީ އަދަބު ކަނޑައެޅުމުގައި ހައި ކޯޓުގެ މި ނިންމުމަށް އަމަލު ކުރަން އަންގާފައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފަރުހީޒާ އެވެ.
އައްޔުބެގެ މަރުގެ މައްސަލާގައި އިތުރު ބަޔަކަށް ވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. އެކަމަކު އެއިން އެއްވެސް މީހެއްގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކުރިން އޮތީ ހުކުމްކޮށްފަ އެވެ.
އައްޔުބެގެ މަރު: އިސްތިއުނާފް އަޑުއެހުންތައް ނިމުމަކަށް
އައްޔުބެ މަރަން ވަސީމް އެހީވުމުގެ ދައުވާ ސާބިތެއް ނުވި
އައްޔުބެގެ މަރުގައި ބައިވެރިވި ކުއްޖަކު އިސްތިއުނާފަށް
ޝަހުމް މަރަން ކުރި ހުކުމް ދަމަހައްޓަން އެދިއްޖެ
ޝަހުމް މަރަން ހުކުމްކުރި މައްސަލަ ސުޕްރީމްކޯޓުން ފަށަނީ
ގާނޫނު ލިޔެފައި އޮތީ މަރުގެ އަދަބު ނުދެވޭ މިންވަރަށް
މަހްމޫދުގެ ގާތިލްގެ މަރުގެ ހުކުމަށް ތާއީދު
މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ
މަރުގެ ހުކުމަށް ފަސް އަހަރު، އިސްތިއުނާފް ފަސްވެއްޖެ
ދެ މީހެއްގެ މަރު: މައްސަލަ ނުފެށި ހަތަރު އަހަރު!