Roadha Mihaaru
60 އަހަރު ލަސްވިޔަސް މިއީ ދޭންޖެހޭ އެވޯޑެއް: ރައީސް

60 އަހަރު ލަސްވިޔަސް މިއީ ދޭންޖެހޭ އެވޯޑެއް: ރައީސް

14 ސެޕްޓެމްބަރ 2022

ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގުވަޒަންކޮށް، އެ މީހުންނަށް ހާއްސަ އެވޯޑެއް 60 އަހަރު ފަހުން ދިން ނަމަވެސް އެއީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގުވަޒަންކޮށް، އެ މީހުންނަށް ހާއްސަ އެވޯޑެއް 60 އަހަރު ފަހުން ދިން ނަމަވެސް އެއީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރޯޑްކާސްޓިން ދާއިރާގެ އަގު ވަޒަންކުރުމަށް ބޭއްވި އެވޯޑް ހަފުލާގައި ރައީސް ވިދާޅުވީ، އެ މަނިކުފާނަކީ ވެސް ޒުވާން ދުވަސްވަރު އެ ދާއިރާގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅަކަށް ވާތީ، އެ ދާއިރާ އެނގިވަޑައިގަންނަވާ ކަމަށެވެ. ރީތި މަންޒަރެއް ޓީވީން ދެއްކުމަށް ބުރަ މަސައްކަތްތަކެއް އެ ދާއިރާގައި މަސައްކަތް ކުރާ މީހުން ކުރާ ކަމަށާއި އެ އެވޯޑް ދޭން ކިތަންމެ ލަސްވިޔަސް އެއީ ދޭން ޖެހޭ އެވޯޑެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި ބްރޯޑްކާސްޓިން ފެށުނީ ރާއްޖޭގެ ދެކުނުގައި އުފެދުނު ގަޑުބަޑެއްގެ ޚަބަރު ރައްޔިތުންނަށް ދިނުމަށް ކަމަށާއި އޭގެ ފަހުން ދިވެހިންނަށް ބޮޑެތި ފައިދާތަކެއް އެ ދާއިރާގެ ސަބަބުން ލިބެމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިންނާއި ޓީވީގެ ހިދުމަތް ބަދަހިވީ ވަރަށް އަވަހަށެވެ. ޓީވީން ގެނެސްދީފައިވާ އަދި ގެންނަ ޕްރޮގްރާމުތަކަކީ ރައްޔިތުންނާ ގުޅޭ ޕްރޮގްރާމުތަކެއް ކަމަށް ވިދާޅުވި އެވެ.

"ވަރަށް ގިނަ ތަކުލީފާއި ދައްޗާއެކު ސްކްރީނު ރީތިކުރުމަށް މުވައްޒަފުން ކުރި ބުރަ މަސައްކަތް އަޅުގަނޑަށް އެނގޭ. އަދި މިހާރު ރާއްޖޭގެ ވަރަށް ގިނަ ޕްރައިވެޓް ޓީވީ ޗެނަލްތަކުން ކުރަމުންދާ މަސައްކަތްތުގެ އަގު ވެސް އަޅުގަނޑު ވަޒަންކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބްރޯޑްކާސްޓިން އެވޯޑް ގުޅެނީ ދިވެހި ބަހާއި އަދަބިއްޔާތަށް ކަމަށާއި އަމިއްލަ ބަހާއި އަދަބިއްޔާތުގެ ތަފާތު ބަހާތަކުން ދިވެހިންގެ ތޫނުފިލި ވިސްނުން ފެންނަމުން އަންނަ ކަމަށެވެ.

ބްރޯޑްކާސްޓިންގެ މުހިއްމު އެއް ދާއިރާއަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަމަށާއި އެ ދާއިރާ އިން ބޮޑު ބަދަލެއް ފެނުނީ "ވީ ބަޔަކު ވަރަށް ބޮޑު ގުރުބާނީއެއް" ވެގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ރޯޅި އަރައި ފައިބައިގެން ދިޔައިރު ވަރަށް ގިނަ ކަންކަން އޮތީ ބަދަލުވެފައި. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއި ޑިމޮކްރަސީ އާއި އެއްވެ އުޅުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ލިބިފައި. އެދިއެދި ތިބި އެއްޗެއް އަލަށް ލިބުމުން އަލާކަން ކެނޑެން ވަގުތު ނަގާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ކޮންމެ ގައުމެއްގައި ވެސް އަލަށް ގެނެވޭ ކަމެއްގެ ސަބަބުން އެ ކުރިމަތިވާ ކަންކަން ނޫސްވެރިންނަށް ވެސް ކުރިމަތިވާނެ ކަމަށާއި ރާއްޖޭގައި 2008 ގެ ފަހުން ނޫސްވެރިކަމުގެ މިނިވަންކަން ލިބި ދެން ކުރިމަތިވި ކަންކަމުން ވެސް އެ މަންޒަރު ފެނުނު ކަމަށް ރައީސް ވިދާޅުވި އެވެެ.

"ރާއްޖޭގެ އެންމެ ބޮޑު ޓީވީ ޗެނަލްގެ އިމާރާތް އަނދައި އަޅިއަށް ހަދައިލި. އެތައް ނޫސްވެރިންނަށް ނުރައްކާތެރި ހާލަތަކާ ކުރިމަތިވި. އަދި ސިޔާސީ މީހުން ނޫސްވެރިންނަށް، ނޫސްވެރިން ސިޔާސީ މީހުންނަށް ބަދަލުވާ މަންޒަރު ފެނުނު،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދުނިޔެ އަށް ހެޔޮ ބަދަލެއް ގެނައުމަށް ބަސް ބުނުމުގެ މިނިވަންކަން ގެންނަންޖެހެ އެވެ. އެކަމަކު އެ މިނިވަންކަން ދިނުމުގައި ވަކި މިންގަނޑެއް އޮންނަންޖެހޭތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.

ކަމަކާ ގުޅިގެން އެ މީހެއްގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަން ވާނެ ކަމަށާއި އެކަމަކު ފާޅުކުރެވޭ ހިޔާލަކީ އަނެކާ އަށް ކުރެވޭ އިހުތިރާމަކަށް ވެސް ވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެެކެއްގެ މިނިވަންކަން ފެށޭ ހިސާބަކީ އަނެކާގެ މިނިވަންކަން ގެއްލޭ ހިސާބަށް ވެގެން ނުވާނެ. އެކަމުން ނުކުންނާނެ ނަތީޖާއަކީ ކޮބާތޯ ވިސްނަންޖެހޭ. އެއީ ތިމާއަށް ފެންނަ ގޮތް ހާމަކުރުމަކީ ގޯސްގޮތް ކަމަށް ވެދާނެތީ އެއް ނޫން. އެއީ ބުނެވޭ ބުނާ ބަހެއް ނޫނީ ލިޔާ ލިޔުމެއްގެ ސަބަބުން ނުކުންނާނީ ރަނގަޅު ނަތީޖާއެއްތޯ ގޯސް ނަތީޖާއެއްތޯ ބެލުމަކީ ޒިންމާދާރު ނޫސްވެރިންކުރަންޖެހޭ ކަމަކަށް ވާތީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި "ތިމާގެ ބާރު ހުރި އަތް ހޫރާލުމުގެ ހައްގު ނިމެނީ ކައިރީގައި ހުންނަ މީހާގެ ކަންކައްޓަށް ލިބޭ އަނިޔާ އިން" ކަމަށް ވާ ނަމަ، އެ މިނިވަންކަން އެ ބޭނުންކުރެވެނީ ރަނގަޅަކަށް ނޫނެވެ. އަދި ކޮންމެ ކަމަކަށް ގާނޫނެއް ބޭނުން ނުވާ ކަމަށާއި އެއީ ނޫސްވެރިކަމުގެ އެތިކްސްގައި ވެސް ނޫސްވެރިން ހިފަހައްޓަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވެ އެވެ.

ނޫސްވެރިކަމުގެ މައްޗަށް ސަރުކާރު އަތްގަދަކުރާނެ ޖާގަ މިއަދު ނޯންނާނެ ކަމަށާއި ސަރުކާރުން ތަންފީޒުކުރި ހެއްކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ނޫސްވެރިންގެ ކަންބޮޑުވުންތައް އޮތުމާ އެކު ގާނޫނު އަލުން އިސްލާހުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.