Roadha Mihaaru
އެކްރެޑިޓް ފާސް ދޫކުރާނީ ބްރޯޑްކާސްޓަރުންނަށް:ބްރޯޑްކޮމް

އެކްރެޑިޓް ފާސް ދޫކުރާނީ ބްރޯޑްކާސްޓް ނޫސްވެރިންނަށް: ބްރޯޑްކޮމް

15 ޖުލައި 2024

ނޫސްވެރިން އެކްރެޑިޓް ކުރުމާ ގުޅޭ އުސޫލުގެ ދަށުން ފާސް ދޫކުރާނީ ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް އެކަނި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނޫސްވެރިން އެކްރެޑިޓް ކުރުމާ ގުޅޭ އުސޫލުގެ ދަށުން ފާސް ދޫކުރާނީ ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް އެކަނި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ވިދާޅުވީ، މިދިޔަ ހަފުތާގައި އާއްމުކުރީ މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާ ވަޒަން ކުރެވޭނެ ގޮތަށް ބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ ދަށުން ހަދަންޖެހޭ "ނޫސްވެރިން އެކްރެޑިޓް އުސޫލު" ކަމަށެވެ.

އެއީ ބްރޯޑްކާސްޓްކުރުމުގެ ލައިސެންސް ލިބިފައިވާ ތަންތަނުގައި މަސައްކަތްކުރާ ނޫސްވެރިންގެ މައްޗަށް ހިނގާނެ އުސޫލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ދަށުން ބްރޯޑްކޮމްގެ އެކްރެޑިޓެޑް "ޕްރެސް ފާސް" ދޫކުރާނީ ހަމައެކަނި ޓީވީތަކާއި ރޭޑިއޯތަކަށެވެ. އެ ތަންތަނުގައި މަސައްކަތްކުރާ އެޑިޓަރުންނާއި ނޫސްވެރިންނާއި ޕްރެޒެންޓަރުންނާއި ލިޔުންތެރިންނާއި ކޮލަމިސްޓުންނާއި ފޮޓޯ ޖާނަލިސްޓު އަދި ވީޑިއޯ ޖާނަލިސްޓުން އެކްރެޑިޓްކޮށް، ފާސް ހޯދަންޖެހެ އެވެ.

ބްރޯޑްކޮމް އިން ލައިސެންސް ދޭއިރު އެންމެ ފުރަތަމަ ބަލާނީ ގުޅުންހުރި ދާއިރާއަކުން އެމްކިއުއޭ ލެވެލް ތިނެއް ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައިވޭތޯ އެވެ. އެ ޝަރުތު ފުރިހަމަ ނުވާނަމަ ތަމްރީނުތަކެއް ފުރިހަމަކުރުމުން ފާސް ލިބޭނެ ކަމަށް ޒީނިޔާ ވިދާޅުވި އެވެ.

އެ ތަމްރީނުތަކަކީ؛

- ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު)

- ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ހިމާޔަތްކުރުމުގައި އަމަލުކުރަންވީ ގޮތް

- ބްރޯޑްކާސްޓްކުރުމުގައި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އަމަލުކުރަންވީ ގޮތް

- ގުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުމުގައި އަމަލުކުރަންވީ ގޮތް

- މުޒާހަރާއާއި ހަލަބޮލި ހާލަތުތައް ކަވަރުކުރުމުގެ ގައިޑްލައިން

- އިންތިހާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން

ޒީނިޔާ ވިދާޅުވީ އުސޫލު ހެދުމަށްފަހު އާއްމުންގެ ހިޔާލަށް ހުޅުވާލި ކަމަށެވެ. އެކަމަކު، އެ މުއްދަތުގެ ތެރޭގައި ބްރޯޑްކާސްޓިން އެއްވެސް މީޑިއާއަކުން އެއްވެސް ހިޔާލެއް ހުށަހަޅާފައިނުވާ ކަމަށް ވިދާޅުވި އެވެ.

ބްރޯޑްކޮމް އިން މިހާރު ވެސް އަންނަނީ އެއްވެ އުޅުމާ ބެހޭ ގާނޫނުގެ ދަށުން މުޒާހަރާތައް ކަވަރުކުރަން އެކްރެޑިޓް ފާސްކުރަމުންނެވެ. އެ ފާސްތައް އޮންލައިން މީޑިއާތައް ދޫކުރިޔަސް،، އޮންލައިން އަދި ޕްރިންޓް މީޑިއާ ރެގިއުލޭޓް ކުރުމުގައި ބްރޯޑްކޮމްގެ އެއްވެސް ދައުރެއް ގާނޫނީ ގޮތުން ނޯވެ އެވެ.