ބުދަ ދުވަހާ ގުޅޭ
18 ސެޕްޓެމްބަރ 2022
ބުދަ ދުވަހާ ގުޅޭ
ޖައުފަރަށް ގަބޫލުކުރަން ދަތިވިއެވެ. މުޅި ސައިކަލުގެ ދަވާދު ބަދަލުކޮށްފައި، އެއަށް ވުރެ ފަސޭހަކަމެއް ނުކޮށް ދޫކޮށްލައިފައިހުރީމައެވެ. ޕުލާސްޓިކު ކޮޅެއްގައި ލައިސަން ނަންބަރެއް ޖަހައިލުމަށް ގަޑިއެއްހައި އިރު ވެސް ނުނަގާނެއެވެ. އެހެނަސް ކަމެއް ފަޅާއަރަންވެއްޖެއްޔާ ކޮންމެވެސް ޅައެއްޗެއްއެޅޭނެއެވެ. އެއީ ވަގަކަށް ހާސް ދުވަސް އައުމަށް ފަހު ވެރިޔަކަށް އައި އެއް ދުވަސް ކަހަލަ ދުވަހެކެވެ. ޖައުފަރު ވަގުތުން އެޗްކިއުއަށް ގުޅިއެވެ. ފުލުހުން ގެނެސް، ވާންޖެހޭ ތައްޔާރީތައް ވިއެވެ. އެއަށް ފަހު ކޮޅުކޮޅުމައްޗަށް މީހުން ބަހައިލިއެވެ. އޭރު ވެސް ދައިސަމެއް ނުވަތަ އެ ސައިކަލުގެ "ވެރިމީހާއެއް" ނާދެއެވެ. ވީ ތަނެއް ވެސް ނޭނގެއެވެ. ފުލުހުން އިންތިޒާރުކުރިއެވެ.
ދޮޅުގަޑިއިރަށް ފަހު، ދުރުން ހިނގައިފައި އައި މީހަކު ނަތާޝާގެ ސައިކަލު ކައިރިއަށް ހުއްޓުނެވެ. މަގުގެ ދެކޮޅަށް ބަލައިލިއެވެ. ޖައުފަރު ހިތަށްއެރިއެވެ. އެއީ ދައިސަމްއެވެ. އޭނަގެ ރޭވުންތެރިކަމަށް ތައުރީފު ހައްގެވެ. ސައިކަލު ބަހައްޓާފައި ހުރީ ދައިސަމް ނުކުތް ގެއަށް ވުރެ މާ ދުރުގައެވެ. ދައިސަމް ސައިކަލަށް އަރައި އިސްޓާޓުކޮށްލިއެވެ. އިސްޓާޓެއް ނުވިއެވެ.
"ކަލޭ ހީކުރީ ކަލެއަށް އެކަނިކަމަށްތަ ބުއްދި ދެއްވީ؟" ޖައުފަރު މަޑުމަޑުން ބުނެލިއެވެ. "ނިކަން ސްޓާޓުކޮށްބަލަ!"
ދައިސަމަކަށް ސައިކަލު އިސްޓާޓެއް ނުވިއެވެ. އެ ގާބިލުކަން ފުލުހުން މާ ކުރިން ނައްތާލައިފައިވާތީއެވެ. ފައިން އިސްޓާޓުކުރުމުގައި އަވަދިނެތި އުޅެނިކޮށް، ފުލުހުންގެ ޓީމު މަޑުމަޑުން އައިސް ދައިސަމް ވަށައިގެން ރުކުރުވައިލިއެވެ. އެންމެން ވެސް ތިބީ ކުލަހެދުމުގައެވެ. ޝައްކުކުރަން ވެސް ދައިސަމްއަކަށް ފުރުސަތެއް ނުލިބުނެވެ.
"އިސްޓާޓުނުވީތޯ؟" ޖައުފަރު ސުވާލުކުރިއެވެ.
ދައިސަމް ބަލައިލި އިރު ކުރިމަތީގައި އޮތީ ފުލުހުންގެ ފާރެކެވެ. އެ މީހުން ތިބި ގޮތުންނާއި، ހެދުންއަޅާފައި ތިބި ގޮތުން އެއީ ކޮން ބައެއްކަން ދައިސަމަށް ވިސްނުނެވެ. ފުލުހުންގެ އަތްދަށުން ސަލާމަތްނުވެވޭނެކަން ވެސް އެނގުނެވެ. އެހެންވިޔަސް ދުއްވައިގަންނަން ދައިސަމް މަސައްކަތްކުރިއެވެ. ކުރިޔަށް އެއް ފިޔަވަޅުއެޅުނު އިރު ދައިސަމް އޮތީ ބިންމަތީގައި ތަތްކޮށްލައިފައެވެ. އަތަކަށް މީހަކު، ދެ ފަޔަށް ދެ މީހުން ތިއްބެވެ. ދައިސަމް ނޭވާލާން ވެސް ފުލުހުންގެ ހުއްދަ ބޭނުންވާ ކަހަލައެވެ.
"ކާރެއް އޮއްވާ ކީއްކުރަން ސައިކަލުގަ ދާން ތި އުޅެނީ؟" އަތުގައި ބިޑިއަޅުވަމުން ޖައުފަރު އެހިއެވެ.
ދައިސަމް ކޮޅަށް ނަގައި އޭނަގެ ޖީބުތައް ބަލައި ފާސްކުރި އިރު ފައިސާއާއި ޑުރަގު ހުއްޓެވެ. ބައްތިފޯނުގެ ދެ ފޯނު އޮތެވެ. ތިން އައިޑީކާޑު ވެސް އޮތެވެ. އެ ވަގުތު، ސައިރަންއަޅަމުންއައި ފުލުސްކާރު އެ ތަނަށް މަޑުކޮށްލިއެވެ. ކާރުގެ ފަހަތަށް ދައިސަމް ލާފައި، ޖައުފަރު ވެސް ފަހަތަށް އެރިއެވެ.
"ސައިކު ގެންދޭ ޓޯޔާޑަށް،" ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލާފައި ޖައުފަރު ބުންޏެވެ. "ވަކިން ބަހައްޓާނީ."
ފުލުސްކާރު ދުއްވައިލިއެވެ. ދައިސަމް އިތުރަށް ގަދައެއްނަހަދައެވެ. ތިމާގެ ފަރުވާކުޑަކަމުން ފުލުހުންގެ އަތްދަށަށްދިޔައީތީ ހިތާހިތުން ކުދިކިޔާލަކިޔާލާ އިނީއެވެ.
"މި ސުވާލުގެ ޖަވާބު ކޮންމެހެން ދޭކަށް މަޖުބޫރެއް ނުވާނެ،" ޖައުފަރު ބުންޏެވެ. "ހަނުހުރުމަކީ ގާނޫނީ ހައްގެއް. އެކަމަކު ހަމަ އަހާލާ ހިތްވޭ! ލައިސަން ނަންބަރު ބަދަލުނުކުރީ ކީއްވެ؟"
ދައިސަމް އެއްވެސް ޖަވާބެއްދޭނެކަމަކަށް ޖައުފަރު އުންމީދެއް ނުކުރެއެވެ. އިރުކޮޅެއްވަންދެން ޖައުފަރު އެއްޗެއް ނުބުނެ އިން ވެސްމެއެވެ.
"ކަންފަސޭހަކަމުން،" ދައިސަމް ބުނެލިއެވެ. "އެހެން ކޮން ކަމެއް؟"
ދައިސަމް ފުލުސް އޮފީހަށް ގެންދިޔަ ގޮތަށް ތަހުގީގު ފެށިއެވެ. އެ ޓީމުން ފުރަތަމަ އުފެއްދި ސުވާލަކީ، ދައިސަމްއާއި ނަތާޝާޔާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ދޮރެއް ނުވަތަ ކުޑަދޮރެއް ވެސް ހަލާކުކޮށްނުލައި، ނަތާޝާގެ ގެއަށް ދައިސަމް ވަނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ ނަތާޝާގެ އެޕާޓުމަންޓަށް ދައިސަމް ވެއްދީ ކާކު ހެއްޔެވެ؟ ތަހުގީގު ދިޔައީ ތިންވަނަ ގިޔަރުގައެވެ. ދައިސަމް ކޮންމެހެން ކަމެއް ސިއްރުކުރާކަށް ނުވެސް އުޅެއެވެ. އެ ވާހަކަތައް ކިޔައިދޭން އޭނަ ބޭނުންވެފައިވާ ކަހަލައެވެ. އެއްވެސް ހާސްކަމެއް، ބިރެއް ނުވަތަ ޖެހިލުންވުމެއް ނެތި ދައިސަމް ކިޔައިދޭން ފެށިއެވެ.
ދައިސަމް ބުނި ގޮތުގައި އޭނައަކީ ހާނިމުގެ އެކުވެރިޔެކެވެ. ނަތާޝާއަށް ދައިސަމް ތާރަފުކޮށްދިނީ ހާނިމެވެ. ދައިސަމްއާއި ނަތާޝާ ދިމާވި ހަމަ އެކަނި ފަހަރަކީ އެއީއެވެ. ދައިސަމްގެ ކުށުގެ މާޒީއެއް އޮތްކަމެއް ނަތާޝާއަކަށް ނޭނގެއެވެ. ވީމާ ނަތާޝާގެ އެޕާޓުމަންޓަށް ގޮސް ދައިސަމް ރަނގަބީލުޖެހުމުން ނަތާޝާ ދޮރުހުޅުވީއެވެ. އިސްތިހާރެއް ހެދުމާ ގުޅޭ ގޮތުން ވާހަކަދައްކާލަން ބޭނުންކަމަށް ދައިސަމް ބުނުމުން، އުފަލާ އެކުގައި ދައިސަމް އެތެރެއަށް ވެއްދީއެވެ. ކޮންމެވެސް ވަރަކަށް ދައިސަމް ދަންނާތީއެވެ. އެ ވާހަކަ ޖައުފަރަށް ގަބޫލުކުރެވުނެވެ. އެއްކޮޅުން ދައިސަމާ ސުވާލުތައް ކުރި އިރު، އަނެއްކޮޅުން ދައިސަމް ދުއްވި ސައިކަލުން އިނގިލީގެ ނިޝާން ނެގުމާއި، ހެކިހޯދުމުގެ މަސައްކަތް ވެސް ދިޔައީ ކުރެވެމުންނެވެ. ހަމަ އެހެންމެ ދައިސަމްގެ ކޮޓަރި ވެސް ފުލުހުން އެއްކޮޅުން އަނެއްކޮޅަށް ޖެހިއެވެ.
ދައިސަމް ދުއްވި ސައިކަލުގެ މަޑިދަށަކީ، ފުލުހުންނަށް ލިބުނު ހެކީގެ ހާއްޔެކެވެ. މަޑިދަށުގައި ޑުރަގާއި، ތިލައިގައި ތުނޑުތުނޑު ހުރި ވަޅިއަކާއި، ކަރަންޓު އިސްތިރިއެއްގެ ފުނޑުފުނޑުވެފައިވާ ބައިތަކެއް ހުއްޓެވެ. ދައިސަމް ދިރިއުޅުނު ކޮޓަރިން ޓެނިސް ޖޯޑަކާއި، ލެއިން ކަޅިވެފައިވާ އަންނައުނު ފެނުނެވެ. އެއީ ދައިސަމްގެ އަންނައުނެވެ. ފުލުހުން އެންމެ އިސްކަމެއްދިނީ ހަމަލާދިން ހަތިޔާރަށެވެ. ކުށެއް ސާބިތުކުރުމަށް ޓަކައި، އަނިޔާލިބިފައިވާ މީހާގެ ހަށިގަނޑުން ފެންނަ އަނިޔާއާއި ހަމަލާދިން ހަތިޔާރު ގުޅުވެންޖެހެއެވެ. ޝައްކެއް ނެތް މިންވަރަށް ސާބިތުވާންޖެހެއެވެ. ފޮރެންސިކު ޓީމުން އެ މަސައްކަތް ފެށިއެވެ.
ނަތާޝާގެ ހަށިގަނޑުން ވަނީ، ތޫނު އެއްޗަކުން އެޅިފައިވާ ކޫރުންތަކެއް ފެނިފައެވެ. އެއީ ކައިރިކައިރީގައި ހުރި ފަސް ރޮނގެވެ. އެ ރޮނގުތަކުގެ ފޮޓޯނަގައި ރައްކާކުރެވިފައި ހުއްޓެވެ. ރޮނގުތަކުގައި ވަޅީގެ މިޔަ ޖައްސައިލުމުން، ރޮނގުތަކާއި ވަޅީގެ މިޔައިގައި ހުރި ތުނޑުތައް ބަރާބަރަށް ދިމާވެއެވެ. ނަތާޝާގެ ހަށިގަނޑު ކައިރިން ކުރިން ވަނީ ކަޅުކުލައިގެ ޕުލާސްޓިކު އެތިކޮޅުތަކެއް ފެނިފައެވެ. ދައިސަމް ދުއްވި ސައިކަލުގެ މަޑިދަށުން ފެނުނު އިސްތިރީގެ ބައިތަކުގެ ތެރޭގައި ވެސް، ހަމަ އެ ފަދަ ޕުލާސްޓިކު އެތިކޮޅުތަކެއް ހުއްޓެވެ. އެއީ ކަރަންޓު އިސްތިރީގެ ފުލުގައި ހުރި ޕުލާސްޓިކު ބައިގެ އެތިކޮޅުތަކެކެވެ. ކުށުގެ ވެށިން ފެނުނު އެތިކޮޅުތަކާއި، މަޑިދަށުން ފެނުނު އެތިކޮޅުތައް ޖައްސައިލުމުން، ރާވާއެއްޗެއް ފަދައިން އެ ބައި ރޭވުނެވެ. އެއީ އެއް އިސްތިރިއެއްގެ ބައިތަކެއްކަން، ޝައްކެއް ނެތް މިންވަރަށް ސާބިތުވިއެވެ. ނަތާޝާއަށް ހަމަލާދިން އެކައްޗަކީ އެ އިސްތިރިއެވެ. ޖެހިލެއް ބާރުކަމުން އިސްތިރީގެ ޕުލާސްޓިކު ބައި ކުނޑިކުނޑިވީއެވެ.
ފުލުހުން ދެން ބެލީ، ދައިސަމްގެ ކޮޓަރިން ފެނުނު ޓެނިހުގެ ދަށްފަރާތާއި، ނަތާޝާގެ ހެދުމާއި، ނަތާޝާގެ އެޕާޓުމަންޓުން ފެނުނު ލޭގެ ފިޔަވަޅު ދިމާވޭތޯއެވެ. ޓެނިހުގެ ނިޝާން، ދެފުށް ފެންނަ ރަބަރު ކަރުދާހަށް ނެގިއެވެ. އެ ކަރުދާސް، އެޕާޓުމަންޓާއި ނަތާޝާގެ ގައިން ފެނުނު ޓެނިހުގެ ނިޝާނުގެ ފޮޓޯގަނޑު މަތީގައި ބޭއްވިއެވެ. ދެ ނިޝާނުގެ ޑިޒައިން ބަރާބަރަށް ދިމާވެއެވެ. ޓެނިހުގެ ނަންބަރާއި ވައްތަރުކަމަށް ކުރިން ކުރެވުނު ހީ ވެސް ދިމާވިއެވެ. ޓެނިހަށް އަރައިގެން އުޅޭ އިރު، މީހާގެ ބަރުދަނާއި އެ މީހާ ހިނގާ އިރު ބާރުލެވޭ ގޮތުން، ޓެނިހުގެ ދަށްފަރާތުން ގޭނި ކަންފަތިވާ ތަންތަންކޮޅު ހުރެއެވެ. އެ ފަދަ ގޭނުންތައް ދެ މީހެއްގެ ޓެނިހުގައި އެއްގޮތަކަށް ނުހުންނާނެއެވެ. ލޭގެ ފިޔަވަޅުތަކުން ފެނުނު އެ ފަދަ ކަންފަތިވުންތަކުގެ ނިޝާނާއި، ދައިސަމްގެ ޓެނިހުގައި ހުރި ކަންފަތިވުންތައް ވެސް ބަރާބަރަށް ދިމާވެއެވެ. ނަތާޝާގެ އެޕާޓުމަންޓަށް ދައިސަމް ވަންކަމާއި، ލޭ ނުހިކެނީސް އެ ތަނުގައި ދައިސަމް ހާޒިރުވެ ހުރިކަން، ޝައްކެއް ނެތް މިންވަރަށް ސާބިތުވިއެވެ. ދައިސަމްގެ ކޮޓަރިން ފެނުނު ދައިސަމްގެ އަންނައުނުގައި ހުރީ ނަތާޝާގެ ލޭކަން، ޑީއެންއޭގެ އެހީގައި ސާބިތުވިއެވެ. ބާކީ އޮތީ އެންމެ ސުވާލެކެވެ. ނަތާޝާގެ އެޕާޓުމަންޓަށް ދައިސަމް ވަން މަގުސަދަކީ ކޮބައި ހެއްޔެވެ؟
"އަހަރެން އެ ކަން ކުރީ ޑުރަގު ގަންނަން ލާރިހޯދަންވެގެން،" ފޮރުވުމެއް ނެތި ދައިސަމް ބުންޏެވެ. "އެ ބޭނުމުގަ ކުރެވުނު ކުށެއް އެއީ. ދޭން ފެންނަ އަދަބެއް ދޭންވީ! ކަލޭމެން މި ވާހަކަ ނޫސްތަކަށް ވެސް ދޭނެއްނު! ނޫހުގަ މި ވާހަކަ ވެސް ޖަހާ! ޑުރަގު ބޭނުންކުރަންޏާ މީހާ އަޅުވެތިކޮށްލާނެ. ހޯދުނު ގޮތަކަށް ލާރި ހޯދަން މަޖުބޫރުކުރާނެ. އެހެން ޗޮއިސްއެއް ނޯންނާނެ. ހަންރެޑު ބަކައްޓަކާ، އެހެން ހުރިހާ ކަމެއް ހަނދާނުން ފުހެވޭނެ. މީ ހަގީގަތް. ވައްކަންކުރަން ޖެހުނަސް، މީހަކު މަރަން ޖެހުނަސް ހެޔޮ. އެ ކަމެއް ކޮށްގެން އެ ލާރިކޮޅު ހޯދާނެ. ޑުރަގަކީ އެހާ ވެސް ސުންޕާ އެއްޗެއް. ގަބޫލުކުރަންޏާ ކުރޭ ނުކުރަންޏާ ނުކުރޭ! ނަތާޝާ މަރާލީ އަހަރެން. އަހަންނަށް މަރުގެ އަދަބު ހައްގު. އަހަންނަށް ވަރިހަމަ ދަންޖެއްސިއްޔަސް ނޫނީ ކަރަންޓުދީގެން މަރާލިޔަސް. އަހަރެން ކަހަލަ މީހަކު މިނިވަންކޮށްގެން ނުވާނެ."
ދައިސަމް ދެއްކީ ރަނގަޅު ވާހަކަތަކެކެވެ. ދިނީ އެހައިމެ މުހިންމު މެސެޖުތަކެކެވެ. އެކަމަކު އެއިން ދައިސަމަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އަދަބަށް ލިބޭނެ ލުއިކަމެއް ވެސް ނެތެވެ. ދައިސަމް ބުނި ގޮތުގަ އޭނަގެ ހުރިހާ ވެސް ހަލާކަކީ ޑުރަގެވެ. އެއަށް ބޭނުންވާ ފައިސާ ހޯދުމަށް ޓަކައި ދައިސަމް ހޭބުއްދި ފިލުވައިލީއެވެ. އަތުންފައިން ގޯސްހެދުވީއެވެ. ނަތާޝާ ދެކެ ދައިސަމް ރުޅިއެއްނާދެއެވެ. ބަދަލުހިފާނެ ސަބަބެއް ވެސް ނެތެވެ. ނަތާޝާ ނޫން އެހެން މީހަކާ ދިމާވި ނަމަ، އެ މީހާއަށް ވެސް އައީހީ ނަތާޝާއަށް އައި ނިމުމެވެ.
ކޯޓަށް ގެންދާ މަގުމަތީގައި ނޫސްވެރިންކުރާ ސުވާލުތަކަށް ޖަވާބުދިނުމަކީ ކުށްވެރިން ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެ މީހުން ބަލާނީ ނޫސްވެރިންނަށް ފިލޭތޯއެވެ. ދައިސަމް ތަފާތެވެ. ނޫސްވެރިން ކުރި ކޮންމެ ސުވާލަކަށް ދައިސަމް ޖަވާބުދިނެވެ. އެއްވެސް ހާސްކަމެއް، ޖެހިލުންވުމެއް ނެތިއެވެ.
"ކަލޭ އެއް ފަހަރު ވެސް ހިތަކަށްނާރާތަ ނަތާޝާގެ އާއިލާ މީހުންގެ ފަރާތުން މާފަށްއެދޭނަމެކޭ؟" ނޫސްވެރިޔަކު އެހި އަޑުއިވުނެވެ.
އެ ސުވާލަށް ދައިސަމް ވަގުތަކުން ޖަވާބެއްނުދިނެވެ. އިސްޖަހާލައިގެން އިރުކޮޅަކު ހުއްޓެވެ. ފުލުހުން އުޅުނީ ދައިސަމް ގެންދާށެވެ. ދައިސަމް ބޭނުންވީ ސުވާލުގެ ޖަވާބުދީފައި ދާށެވެ.
"އިހަށް މަޑުކޮށްލަބަލަ!" ދައިސަމް އެދުނެވެ. "އަހަރެން މާފަށްއެދުނެކޭ ކިޔާފަ ކޮން ކަމެއްވާނީ؟"
"ތި ވާހަކަ ހުއްޓާލާ!" ސުވާލުކުރި ރިޕޯޓަރު ބުންޏެވެ. "އަހަންނަށް މާފުކުރާށޭ ބުނަން ކެރިދާނެތަ؟"
ނުނިމޭ