Roadha Mihaaru
އެފްއޭ ކަޕަކީ އަބަދުވެސް އާސެނަލްގެ ޓާގެޓެއް: ވެންގާ

އެފްއޭ ކަޕަކީ އަބަދުވެސް އާސެނަލްގެ ޓާގެޓެއް: ވެންގާ

07 ޖެނުއަރީ 2017

ލަންޑަން (ޖެނުއަރީ 7) - އިނގިރޭސި އެފްއޭ ކަޕަކީ ކޮންމެ ސީޒަނެއްގައި ވެސް އެ ޓީމުގެ ޓާގެޓެއް ކަމަށް އެ މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖެނުއަރީ 7) - އިނގިރޭސި އެފްއޭ ކަޕަކީ ކޮންމެ ސީޒަނެއްގައި ވެސް އެ ޓީމުގެ ޓާގެޓެއް ކަމަށް އެ މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އެފްއޭ ކަޕް ތިން ވަނަ ބުުރުގައި އާސެނަލް މިރޭ ކުޅޭނީ ރަށުން ބޭރުގައި ޕްރެސްޓަންއާ ދެކޮޅަށެވެ.

އާސެނަލް ވަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އެފްއޭ ކަޕް ދެ ފަހަރެއްގެ މަތިން ހޯދައިފަ އެވެ. ވެންގާ އަކީ މުބާރާތުގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. އާސެނަލް 12 ފަހަރު އެފްއޭ ކަޕް ހޯދާފައިވާއިރު، އޭގެ ތެރެއިން ހަ ފަހަރު އެ ޓީމުން ތަށި އުފުލާލީ ވެންގާގެ ކޯޗުކަމުގަ އެވެ.

"މިއީ އާސެނަލާ ކިހާ ބޮޑަކަށް ގުޅިފައި އޮތް މުބާރާތެއްކަން ތާރީހު ހެކިދޭ. ތެދެއް އާސެނަލުން ވަރަށް ބޮޑު ހާއްސަކަމެއްދޭ މުބާރާތެއް މިއީ. މިއީ ޝަރަފްވެރި މުބާރާތެއް،" ވެންގާ ބުންޏެވެ.

"ގިނަ ބަޔެއް އަހަންނަށް ފާޑުކިޔަނީ ލީގުގައި ދަށްވުމުން އެކަމަކު އެފްއޭ ކަޕްގެ ކާމިޔާބީ ފާހަގަކުރަން ބޭނުންނުވާތީ ހައިރާންވޭ."

ވެމްބްލީގައި ފައިނަލެއް ކުޅުމަކީ އިނގިރޭސިވިލާތުގައި ކުޅޭ ކޮންމެ ކުޅުންތެރިޔަކު ވެސް ބޭނުންވާނެ ކަމެއް ކަމަށާއި އާސެނަލްގައި ތިބި ގިނަ ކުޅުންތެރިންނަކީ އެ ހިތްހަމަޖެހުން ލިބިފައިވާ ކުޅުންތެރިން ކަމަށް ވެންގާ ބުންޏެވެ.

ލީގުގައި އެންމެ ފަހުން ބޯންމައުތާ 3-3 އިން އެއްވަރުވި މެޗުން އާސެނަލަށް ފިލާވަޅުތަކެއް ލިބިފައިވާ ކަމަށް ވެންގާ ބުންޏެވެ.

"ބޯންމައުތު މެޗު ފަސޭހަކޮށްލުމުން އަހަރެމެންނަށް ލަނޑު ލިބިއްޖެ. އެ ފަދަ ކަމެއް ދެން ތަކުރާރުވާން މި ޓީމުގައި ތިބި އެއްވެސް ކުޅުންތެރިޔަކު އަދި އަހަރެން ވެސް ބޭނުމެއް ނޫން. ޕްރެސްޓަން އަކީ ވެސް އަމިއްލަ ދަނޑުގައި މޮޅަށް ކުޅޭ ޓީމެއް." ވެންގާ ބުންޏެވެ.

ޕްރެސްޓަންއާ ދެކޮޅަށް ނެރޭނީ އާސެނަލްގެ ވަރުގަދަ ސްކޮޑެއް ކަމަށް ވެންގާ ބުންޏެވެ. ޕްރެސްޓަން އާއި އާސެނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:30 ގަ އެވެ.