Roadha Mihaaru
ލޯނު ނަގައިގެން ވިޔަސް ބޯޓުތައް ބަދަލުކުރުން ލަސްވެއްޖެ

ލޯނު ނަގައިގެން ވިޔަސް ބޯޓުތައް ބަދަލުކުރުން ލަސްވެއްޖެ، ދެން އޮތީ އެ މަރުހަލާ!

19 ސެޕްޓެމްބަރ 2022

ގައުމީ އެއާލައިން، މޯލްޑިވިއަންގެ މަތިންދާ ބޯޓުން ދަތުރު ކުރާ ގިނަ ބައެއްގެ ޝަކުވާއަކީ އެ އެއާލައިންގެ ބޯޓުތަކުގެ ބާ ވާހަކަ އެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވެ، މުހައްމަދު މިހާދު ފެއްޓެވި އެންމެ ބޮޑު މަސައްކަތަކީ މޯލްޑިވިއަންގެ ބޯޓުތައް އާކޮށް، އެ އެއާލައިނާ މެދު އާންމުން ދެކެމުން އަންނަ ގޮތް ބަދަލު ކުރުމަށެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގައުމީ އެއާލައިން، މޯލްޑިވިއަންގެ މަތިންދާ ބޯޓުން ދަތުރު ކުރާ ގިނަ ބައެއްގެ ޝަކުވާއަކީ އެ އެއާލައިންގެ ބޯޓުތަކުގެ ބާ ވާހަކަ އެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވެ، މުހައްމަދު މިހާދު ފެއްޓެވި އެންމެ ބޮޑު މަސައްކަތަކީ މޯލްޑިވިއަންގެ ބޯޓުތައް އާކޮށް، އެ އެއާލައިނާ މެދު އާންމުން ދެކެމުން އަންނަ ގޮތް ބަދަލު ކުރުމަށެވެ.

މޯލްޑިވިއަންގައި 23 ބޯޓެއް ބޭނުން ކުރަމުން އަންނަ އިރު ގިނަ ބޯޓުތަކަކީ 20 ވަރަކަށް އަހަރު ވެފައިވާ ބޯޓުތަކެވެ. އެންމެ ފަހުން މޯލްޑިވިއަންގެ ފްލީޓަށް ބޯޓެއް ގެނެސްފައި ވަނީ 2018 ވަނަ އަހަރު ޑޭޝް މަރުކާރުގެ ބާ ބޯޓެކެވެ.

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި މިހާދު އިއްޔެ ވިދާޅުވީ، އެ ފެށުނު މަސައްކަތުގެ ތެރެއިން މި އަހަރު ނިމޭ އިރު އޭޓީއާރް މަރުކާރުގެ ތިން ބޯޓެއް ގެންނާނެ ކަމަށެވެ. މި ބޯޓުތައް ބޭނުން ކުރާނީ ޑޮމެސްޓިކް ދަތުރުތަކުގަ އެވެ. އެ ބޯޓުތައް ގަންނަނީ ލޯނެއް ނަގައިގެންނެވެ. އަދި މިހާރު ބޭރުގެ ބޭންކަކުން ލޯނު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ތިން ބޯޓު ގަތުމަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ހޭދަވާނެ އެވެ.

އައިލެންޑް އޭވިއޭޝަންގެ ބޯޓެއް: ބޯޓުތައް އާ ކުރުން ލަސްވެއްޖެ ކަމަށް އެ ކުންފުނިން ދެކޭ -- ފައިލް ފޮޓޯ

އައިލެންޑް އޭވިއޭޝަންގެ ބޯޓެއް: ބޯޓުތައް އާ ކުރުން ލަސްވެއްޖެ ކަމަށް އެ ކުންފުނިން ދެކޭ -- ފައިލް ފޮޓޯ

"މި އަހަރު އޭޓީއާރްގެ ތިން އެއާކްރާފްޓް އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރެވޭނެ އޭގެ ތެރޭގައި 72 ސީރީޒްގެ ދެ އެއާކްރާފްޓާއި 42 ސީރީޒްގެ އެއް އެއާކްރާފްޓް ހިމެނޭ. މި ތިން އެއާކްރާފްޓް އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަން ފެށީމަ ދެވޭ ހިދުމަތް ރަނގަޅުވާނެ،" އޭނާ ވިދާޅުވި އެވެ.

އޭޓީއާރު 72 މަރުކާރުގެ ބޯޓުތަކުން 74 މީހުންނަށް ދަތުރު ކުރެވޭ އިރު އޭޓީއާރް 42 މަރުކާރުގެ ބޯޓުތަކުގެ ޖާގައަކީ 50 އެވެ. މި ބޯޓުތަކަކީ ތެލުގެ ހަރަދު ކުޑަ، ކުރު ދަތުރުތަކުގައި ބޭނުން ކުރަން އެންމެ އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ބޯޓެކެވެ.

އާ އެއާޕޯޓުތަކާ އެކު މޯލްޑިވިއަނުން ޕްރީ ކޮވިޑް ލެވެލްއާ އެއްވަރަށް ފަސިންޖަރުން އަންނަނީ އުފުލަމުންނެވެ. އެހާ ގިނަ ދުވަސްވެފައިވާ ބޯޓުތައް ބޭނުން ކުރުމުން މެއިންޓަނަންސް ހަރަދު ވަރަށް ބޮޑެވެ. މޯލްޑިވިއަން އިން ގެންގުޅޭ ޑޭޝް މަރުކާރުގެ 200-300 ސީރީޒްގެ ބޯޓުތައް މިހާރު ވަނީ އުފެއްދުން ވެސް ހުއްޓާލައިފަ އެވެ. އެހެންވެ ބޯޓުތަކަށް ބޭނުންވާ ސްޕެއާ ހޯދުމަށް އެތައް ދުވަހެއް ހޭދަކުރަން ޖެހެ އެވެ.

ދެ އަހަރުގެ ތެރޭ ހުރިހާ ބޯޓެއް އާ ކުރަނީ

މިހާދު ވިދާޅުވީ، އަންނަ އަހަރު ކުރީކޮޅު ވެސް މޯލްޑިވިއަން އަށް އޭޓީއާރް އިތުރު ތިން ބޯޓު ހޯދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭ މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރާ ހުރިހާ ބޯޓެއް އާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާދު ވިދާޅުވީ، ރާއްޖޭގައި ދަތުރު ކުރާ ގިނަ އެއާލައިންތަކުން މިހާރު ބޭނުން ކުރަނީ ރަނގަޅު ފެންވަރުތަކުގެ ބޯޓުތައް ކަމަށެވެ. އެ އެއާލައިންތަކާ އެކު ވާދަވެރި މާހައުލެއްގައި މަސައްކަތް ކުރުމަށް ޓަކައި މޯލްޑިވިއަންގެ ބޯޓުތައް ޒަމާނީ ބޯޓުތަކަކަށް ހެދުމާއި ނުހެދުމަކީ އޮޕްޝަނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭޓީއާރް އާ އެކު މިހާރު އޮންނާނީ އާ ބޯޓު ހޯދުމަށް ސޮއިކޮށްފައި. އެހެންވީމަ ވަރަށް ބޮޑަށް އުންމީދު ކުރަން މިކަން ވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މިހާދު، އިއްޔެ "މިހާރު" އާ ވާހަކަ ދައްކަވަނީ --

މިހާދު، އިއްޔެ "މިހާރު" އާ ވާހަކަ ދައްކަވަނީ --

ކުރިން މޯލްޑިވިއަން އަށް ބޯޓެއް ގެންނަޔަސް ގެންނަނީ ގިނަ ދުވަސްވެފައިވާ ބާ ބޯޓުތަކެވެ. އެހެން ނަމަވެސް މިހާދުގެ ވިސްނުމަކީ މޯލްޑިވިއަންގެ ބޯޓުތައް ޒަމާނީ ކުރުމަށެވެ. މުޅިން އާ ބޯޓު ބޭނުން ވަނީ މެއިންޓެނެންސް ހަރަދު ކުޑަކޮށް، ގައުމީ އެއާލައިނާ މެދު އާންމުން ދެކޭ ގޮތް ބަދަލުކުރަން އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މޯލްޑިވިއަން އާ މެދު އާންމުން އެހާ ގޯސްކޮށް ދެކެނީ އެ އެއާލައިންގެ ބޯޓުތައް ބާވެ، އެންމެ ފުރިހަމައަށް ހިދުމަތްތައް ނުދެވުމުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފްލީޓަށް އާ ބޯޓުތައް ގެނެސްގެން ނޫން ގޮތަށް، ރިސޯޓުތަކާ އެކު ވެސް އާ އެގްރީމެންޓްތައް ހެދޭކަށް ނެތެވެ. ސަބަބަކީ އިތުރު ދަތުރުތައް ކުރަން ޖެހިއްޖެ ނަމަ، އެކަން އެންމެ ފުރިހަމަ އަށް ކުރެވެން ނެތުމެވެ.

"އާ ބޯޓުތައް އައިމަ އާ އެގްރީމެންޓްތައް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް،" އޭނާ ވިދާޅުވި އެވެ.

ބޭރު ދަތުރުތަކަށް ބޭނުންވަނީ ލޯންގް ހޯލް ބޯޓުތައް

މޯލްޑިވިއަން އިން އިންޓަނޭޝަނަލް މި ވަގުތު ބޭނުން ކުރާ ދެ ބޯޓަކީ ވެސް ޝޯޓް ހޯލް ނުވަތަ އެންމެ ގިނަވެގެން ހަތަރު ވަރަކަށް ގަޑިއިރު ދަތުރު ކުރެވޭ ބޯޓުތަކެވެ. އެހެންވެ، ދިގު ދަތުރުތައް ކުރަން އަބަދު ވެސް ޖެހެނީ އެހެން ކޮންމެވެސް މަންޒިލެއްގައި ޓްރާންސިޓް ވާށެވެ. އެއާ އެކު ތެލުގެ ހަރަދާއި އެހެން ގިނަ ހަރަދުތައް ވެސް ބޮޑުވެ އެވެ.

މޯލްޑިވިއަން އިން އިންޓަނޭޝަނަލް ދަތުރުތައް ކުރަން ގެންގުޅެނީ އެއާބަސް އޭ320 އާއި އޭ321 ބޯޓެވެ. އޭގެ ތެރެއިން އޭ321 ބޯޓުގެ ލީޒް މުއްދަތު އަންނަ އަހަރު ކުރީކޮޅު ހަމަވެ އެވެ. މޯލްޑިވިއަން އިން ހަދާފައިވާ ލީޒް އެގްރީމެންޓުގެ ދަށުން އޭ320ގެ އެގްރީމެންޓް ހަމަވާނީ 2025 އަށެވެ. އެންމެ އަވަހަށް އެގްރީމެންޓް ހަމަވާ އޭ321 ބޯޓުގެ އެއްބަސްވުން އިތުރަށް ނުދެމެހެއްޓި އެއް ސަބަބަކީ ދިގު ދަތުރުތައް ނުކުރެވި، ބޯޓުގެ މެއިންޓަނަންސް ހަރަދު އިންތިހާ އަށް އިތުރުވުމެވެ.

އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓެއް: ބޯޓުތައް ވަނީ ބާވެފައި-- ފޮޓޯ/ މިހާރު

އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓެއް: ބޯޓުތައް ވަނީ ބާވެފައި-- ފޮޓޯ/ މިހާރު

މިހާދު ވިދާޅުވީ، އެއާބަސް މަރުކާ އޭ321 ބޯޓު މުއްދަތު ހަމަވުމުން އަންނަ އަހަރުގެ މެއި ހިސާބުގައި ފޮނުވާލާނެ ކަމަށެވެ. އެ ބޯޓަކީ މޯލްޑިވިއަންގެ އެންމެ އާ ބޯޓު ނަމަވެސް، އެ ބޯޓަށް ވެސް ވަނީ 23 ވަރަކަށް އަހަރުވެފަ އެވެ. ބޯޓުގެ ލީޒް އެގްރީމެންޓް އާ ނުކޮށް ފޮނުވާލާ އިރު ވެސް މޯލްޑިވިއަން އިން އިތުރު ހަރަދުތައް ކުރަން ޖެހޭނެ އެވެ.

މިހާދު ވިދާޅުވީ، ކިތަންމެ ބޮޑު ހަރަދެއް ކޮށްގެން ވިޔަސް، މޯލްޑިވިއަން އަށް ރަނގަޅީ އެ ބޯޓު ފޮނުވާލުމެވެ. ސަބަބަކީ އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރަން ޝޯޓް ހޯލް ބޯޓަކުން ބޮޑު ހަރަދެއް ދާނެތީ އެވެ.

އޭނާ ވިދާޅުވީ، މޯލްޑިވިއަން އާ ވާދަކުރާ އެހެން އެއާލައިންތަކުން އާ ބޯޓުތައް ގެންގުޅޭ އިރު ގިނަ މީހުން އިހްތިޔާރު ކުރަނީ ރަނގަޅު ހާލުގައި އޮންނަ، އެންމެ ފަހުގެ ހިދުމަތްތައް ލިބޭ ބޯޓު ކަމަށެވެ.

"ލޯންގް ހޯލް އޮޕަރޭޝަނަށް ބޭނުން ކުރެވޭ އެއާކްރާފްޓެއް ހޯދާނީ. މިހާރު މި ބޭނުން ކުރަނީ އެންމެ މަދުވެގެން ވެސް ހަތަރު ގަޑިއިރު ދަތުރު ކުރެވޭ ބޯޓެއް. ލޯންގް ހޯލް ބޯޓުތަކާ އެކު ދުރު މަންޒިލްތަކަށް ޑައިރެކްޓް ފްލައިޓް ބޭނުން ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

"މި މަސް ނިމުމުގެ ކުރިން ބޯޓެއް ހޯދަން ހުޅުވާލަނީ މި. އާންމުކޮށް އިއުލާނުކޮށްގެން، އެންމެ ރަނގަޅު އޮޕްޝަނެއް މި ހޯދަނީ،" އޭނާ ވިދާޅުވި އެވެ.

މިހާދު ވިދާޅުވީ، ލޯންގް ހޯލް ބޯޓާ އެކު ސައުތު އެފްރިކާ އާއި އީސްޓާން ޔޫރަޕްގެ މަންޒިލްތައް ދަތުރު ކުރާނެ ކަމަށެވެ. އަދި އެއާކްރާފްޓެއް ހޯދުމަށް ފަހު ދަތުރުތައް ފެށުމުގެ ޕްލޭންތައް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭރުގެ ދަތުރުތައް ކުރުމުގައި އަންނަ އަހަރު އެއް ބޯޓު ގެންގުޅޭ ނަމަ މައްސަލައެއް ދިމާވާ ހާލަތެއްގައި އުނދަގޫތައް ދިމާވެދާނެތީ އަމާޒަކީ އަންނަ އަހަރު ކުރީކޮޅު ލޯންގް ހޯލް އޮޕަރޭޝަންގެ ބޯޓެއް ހޯދުން ކަމަށް މިހާދު ވިދާޅުވި އެވެ.

ކޮވިޑްގެ އުނދަގޫ ދެ އަހަރަށް ފަހު، ބޮޑު ގެއްލުމެއްގައި ހިންގަމުން އައި މޯލްޑިވިއަން އިން އާ ބޯޓުތައް ގެނެސް ފްލީޓު އާ ކުރުމަކީ އެންމެ ބޮޑު އަމާޒެވެ. މި އަހަރު އަދި އަންނަ އަހަރު ގެންނަ ބޯޓުތަކަށް ބިލިއަނަށް ވުރެ ބޮޑު ހޭދައެއް ކުރާނެ އެވެ. އެހާ ބޮޑު ހަރަދެއް ދިޔަ ނަމަވެސް މިއީ އެ އެއާލައިން ކުރިއަށް ގެންދިއުމަށް ކުރަން އެންމެ މުހިއްމު ކަންތައް ކަމަށް މިހާދު ވިދާޅުވި އެވެ. އެ ކުންފުނިން އުފުލާ ފަސިންޖަރުން އިތުރުވެ، ކުންފުނީގެ އާމްދަނީ ކުރީގެ ހާލަތަށް ބަދަލުވެފައިވާ އިރު ލޯނު ނަގައިގެން ބޯޓުތައް ގެންނަން ދަތިތަކެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް ދެ އަހަރު ގެންނަ ބަދަލުތަކާ އެކު މުޅި ކުންފުނީގެ ހާލަތު ބަދަލު ވާނެ ކަމަށް މިހާދު ދެކެވަޑައިގަންނަވަ އެވެ.