Roadha Mihaaru

މޯލްޑިވިއަން އިން ޗައިނާ އަށް ކުރާ ދަތުރުތަކުގެ އަގުތައް އާންމުކޮށް، ބުކިން އަށް ހުޅުވާލައިފި

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓުން ޗައިނާ އަށް ކުރާ ދަތުރުތަކަށް ޓިކެޓް ވިއްކަން ފަށައިފި އެވެ.

މޯލްޑިވިއަންގެ ޗައިނާ ދަތުރުތަކުގެ ޓިކެޓް ވިއްކަނީ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

16 ޖެނުއަރީ 2025

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓުން ޗައިނާ އަށް ކުރާ ދަތުރުތަކަށް ޓިކެޓް ވިއްކަން ފަށައިފި އެވެ.

އެ ބޯޓުގެ ފުރަތަމަ މަންޒިލް ކަމަށްވާ ޗައިނާގެ ޗެންގްޑޫ އަށް ދެކޮޅު ޓިކެޓެއްގެ އަގަކީ 688 ޑޮލަރު (10،610ރ.) އެވެ. އެ ސިޓީ އަށް ކުރާ ފުރަތަމަ ދަތުރު އޮންނާނީ މި މަހުގެ 22 ގަ އެވެ.

މޯލްޑިވިއަން އިން އާންމުކޮށްފައިވާ ގޮތުން ޗައިނާގެ ބެއިޖިންގެ ދެކޮޅު ޓިކެޓެއްގެ އަގު 788 ޑޮލަރު (12،151ރ.) އަށް އަރަ އެވެ. ޗައިނާގެ ޝެންހާއީގެ ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރު (11،981ރ.) އެވެ.

ބެއިޖިން އަށް މި މަހުގެ 24 ގައި ދަތުރުތައް ފަށާ އިރު ޝެންހާއީ އަށް ދަތުރުތައް ފަށާނީ މި މަހުގެ 27 ގަ އެވެ.

މޯލްޑިވިއަންގެ އާ މަތިންދާބޯޓު ރާއްޖެ އަށް ގެނެސްފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. އެއާބަސް އޭ330 ބޯޓުން 260 މީހުންގެ އުފުލޭނެ އެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހާއްސަ ކޮށްފައިވާ އެ ބޯޓުން ދުރުރާސްތާ ދަތުރުތައް ކުރެވޭނެ އެވެ. ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.

ދަތުރުުކުރާ ކޮންމެ ފަސިންޖަރަކަށް ވެސް 40 ކިލޯގެ ބެގޭޖު އުފުލޭނެ އެވެ.

އެއާބަސް އޭ330 ބޯޓާ އެކު، މޯލްޑިވިއަން އެއާލައިންގެ ފްލީޓުގެ އަދަދު 25 އަށް އިތުރުވާނެ އެވެ. އެއާލައިނުން އަންނަނީ މިހާރު 29 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ.