Roadha Mihaaru

ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި

މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ، ފުލުހަކަށް މަރުގެ އިންޒާރުދިން މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ޕޮލިހަށް ވަދެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

18 ސެޕްޓެމްބަރ 2022

މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ، ފުލުހަކަށް މަރުގެ އިންޒާރުދިން މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ، މާފަންނުގައި ހަރަކާތްތެރިވާ ގްރޫޕަކަށް ނިސްބަވްތާ މީހަކު ވައްކަމުގެ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކުރުމުން އެ ގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެފައިވާ ކަމަށެވެ.

އެތަނުގައި ހުރި ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރުދީފައިވާތީ އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ އެ މީހާ ހައްޔަރުކުރި ފަހުން އެ ސްޓޭޝަން ދޮށަށް އެއްވި ގްރޫޕުގެ މީހުންނާ މެދު ވެސް ފިޔަވަޅު އެޅޭނެ ކަމަށެވެ.

"ޖަމާއަތް ހަދައި ކުށްކުރުމާއި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް އަމަލުތައް ހިންގާ، އާންމުންގެ މެދުގައި ބިރުވެރިކަން އުފައްދާ ގޮތަށް ހަރަކާތްތެރިވާ ގްރޫޕްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން،" ގްރޫޕްތަކަށް އިންޒާރު ދެއްވައި ސީޕީ ވިދާޅުވި އެވެ.

އެކަމަކު ޕޮލިސް ސްޓޭޝަނަށް ވަދެ، ފުލުހަކަށް މަރުގެ އިންޒާރުދީ އެތަނުގެ ބޭރުގައި އެއްވެ އަޑުގަަދަކުރީ ކޮން ގްރޫޕެއް ކަމެއް ސީޕީ ވިދާޅެއް ނުވެ އެވެ.

ގޭންގުތަކުގެ ހަރަކާތްތައް އަނެއްކާވެސް އިތުރުވެ އާންމުންގެ ކަންބޮޑުވުން އެކަމުގައި ވަރަށް ބޮޑެވެ. އެކަމަކު ސީޕީ ކުރިން ވެސް ވަނީ ގޭންގްތަކުގެ ކުރިމަތީގައި ފުލުހުން ކުޑަކަކޫ ނުޖަހާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކްޝަން ޕްލޭނެއް އެކުލަވާލައި ގޭންގުތައް މައިތިރި ކުރުމަށް ސިފައިންނާ ގުޅިގެން ފުލުހުންވަނީ މާލޭގައި އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެެ.

މިފަހުން ވެސް ގޭންގަކުން ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ތިން ފުލުހަކު އޮފް ޑިއުޓީގައި ތިއްބާ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ.