Roadha Mihaaru
ހުޅުމާލެ ހޮސްޕިޓަލުގައި މެންޓަލް ހެލްތު ސެންޓަރެއް ހަދަނީ

ހުޅުމާލެ ހޮސްޕިޓަލުގައި މެންޓަލް ހެލްތު ސެންޓަރެއް ހަދަނީ

19 ސެޕްޓެމްބަރ 2022

ނަފްސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ވަކި ސެންޓަރެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނަފްސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ވަކި ސެންޓަރެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އެ ހޮސްޕިޓަލްގެ ފްރޮންޓް އޮފިސް އަދި ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަބްދުﷲ މައުރޫފް މިއަދު ވިދާޅުވީ، އަންނަ މަހުގެ 10 ގައި ފާހަގަކުރާ ނަފްސާނީ ސިއްހަތުގެ ދުވަހު އެ ތަން ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އިއްޔެ އެ ހޮސްޕިޓަލަށް ވަޑައިގެން، މެންޓަލް ހެލްތު ސެންޓަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފަ އެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފެށުމާއެކު އެންމެ ބާރުބޮޑުވި އެއް ތަނަކީ ހުޅުމާލެ ހޮސްޕިޓަލެވެ. އެހެންވެ، އެ ތަނުން ވެސް އަންނަނީ ހޮސްޕިޓަލްގެ ޖާގަ އިތުރުކޮށް، އާ ހިދުމަތްތައް ތައާރަފްކުރަމުންނެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ މަސައްކަތްތަކަކާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް މައުލޫމާތު ސާފުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ ހޮސްޕިޓަލްގެ މަސައްކަތްތަކަކާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް މައުލޫމާތު ސާފުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މައުރޫފް ވިދާޅުވީ ސައިކޭޓްރިސްޓަކާ އެކު، ނަފްސާނީ ބައްޔަށް ފަރުވާ ދޭން ފެށީ މީގެ ދެ މަހެއް ކުރިން ކަމަށެވެ. އެކަމަށް ފަރުވާ ހޯދަން ގިނަ ބަޔަކު ނަން ނޯޓު ކޮށްފައިވިއަސް، މި ވަގުތު ދިމާވާ އެންމެ ބޮޑު ދައްޗަކީ އެންމެ ސައިކޭޓްރިސްޓެއް ހުރުމެވެ.

ނަމަވެސް މެންޓަލް ހެލްތު ސެންޓަރު ހުޅުވާނީ އިތުރު ސައިކޭޓްރިސްޓުންނާއި ސައިކޮލޮޖިސްޓުންނާ އެކު ކަމަށް މައުރޫފް ވިދާޅުވި އެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް މި ވަގުތު ވަކި ސެންޓަރެއް ހިންގަނީ އައިޖީއެމްއެޗްގައި އެކަންޏެވެ. އެކަމަކު އެ ސެންޓަރުން ފަރުވާ ހޯދުމަށް ވެސް އެވްރެޖުކޮށް އަހަރެއް ވަންދެން މަޑުކުރަން ޖެހެ އެވެ.