Roadha Mihaaru
ޑަބްލިއުޑީސީއާ ގުޅޭ ވާހަކަތަކަށް ހިސާންގެ ނުރުހުން

ޑަބްލިއުޑީސީއާ ގުޅޭގޮތުން މެމްބަރު ވަހީދުގެ ވާހަކަތަކަށް ހިސާންގެ ހިތްހަމަނުޖެހުން

20 ސެޕްޓެމްބަރ 2022

ލޯކަލް ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އިތުރުކުރަން ކަނޑައެޅި ކޯޓާއާ އެކު، އަންހެނުންގެ ކޮމިޓީ ބާއްވާނެތޯ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލުތަކާ ގުޅޭގޮތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޯކަލް ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އިތުރުކުރަން ކަނޑައެޅި ކޯޓާއާ އެކު، އަންހެނުންގެ ކޮމިޓީ ބާއްވާނެތޯ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލުތަކާ ގުޅޭގޮތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަހީދު ވިދާޅުވީ ކައުންސިލްގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރިއަސް ފަސް ކައުންސިލަރުން ތިބޭ ރަށެއްގެ 42 ޕަސެންޓަކީ އަންހެން މެމްބަރުން ކަމަށެވެ.

އެ މެމްބަރުންނަށް ރަނގަޅު މުސާރައެއް ދީ، އިތުރު ފަށަލައަކަށް އަންހެނުންގެ ކޮމިޓީ ވަނުމުން، ލޯކަލް ކައުންސިލްތަކުގައި ވާ ގޮތަށް ރަށާއި އަތޮޅާ ހުރި ފުށުއެރުންތައް އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގައި ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުން ހަގީގަތުގައި ކައުންސިލްގެ ރިކަރަންޓް ހަރަދުކޮށްފައި މާ ބޮޑު އެއްޗެއް ބާކީއެއް ވެސް ނުވޭ. އެހެންވެ [ކޮމިޓީތަކަށް] ދެވެން ނޯންނާތީ ހިފެހެއްޓުންތަކެއް ވެސް އާދޭ. މިހާރު 33 ޕަސެންޓް ކޯޓާގައި ތިބޭ އަންހެން ކައުންސިލަރުންނާ ޑަބްލިއުޑީސީއަކާ ގުޅުމެއް ނެތް. އެއީ ވެސް މައްސަލައެއް،" ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު އިންތިހާބުވެފައި ތިބި އަންހެނުންގެ ކޮމިޓީގެ މެމްބަރުންގެ ދައުރު ހަމަވުމުން، އެ ކޮމިޓީ ރާއްޖޭގައި އިތުރަށް އޮންނާނެތޯ ނުވަތަ ނޫންތޯ އެއީ ދައްކަން ރަނގަޅު ވާހަކައެއް ކަމަށެވެ. އެއަށް ވުރެ، މި ނިޒާމުގެ ތެރެއިން ކޯޓާގައި ތިބި އަންހެން މެމްބަރުން އިތުރަށް ބާރުވެރިކޮށް މަސައްކަތް ފުޅާވާނެ ގޮތަށް ކަންކަން ބައްޓަން ކުރުން މާ މުހިއްމުކަން ފާހަގަކުރެއްވި އެވެ.

"ދެން ޑަބްލިއުޑީސީ ބާއްވަންޏާ ވެސް އެ ދެ ބޭފުޅުން ހިމެނޭ ގޮތަށް ޑަބްލިއުޑީސީ ބާއްވަން. އޭރަށް އިންނާނެ ކައުންސިލާއި އަޅުގަނޑަށް ހީވަނީ އެއްވެފައި،" ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންހެނުންގެ ކޮމިޓީއާ ގުޅޭގޮތުން ޕޮލިސީ ގޮތުން ނިންމުންތަކެއް އަންނަންޖެހެ އެވެ.

އެކަމާ ގުޅިގެން، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ވިދާޅުވީ އަންހެނުން ކޮމިޓީއަކީ އުވާލަންޖެހޭ ތަނެއްތޯ ނުވަތަ ނޫންތޯ އެއީ ބަހުސްކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ހިސާބް ވިދާޅުވީ އަންހެނުން ކޮމިޓީގެ ދައުރެއް އޮތުމާ ގުޅޭގޮތުން ސުވާލު އުފައްދަން ޖެހޭ ހިސާބަކީ ކައުންސިލްތަކުގައި އަންހެނުންގެ އަދަދު 50 ޕަސެންޓަށް ވުރެ މަތިވުމުން ކަމަށެވެ. ނަމަވެސް، އަތޮޅު ކައުންސިލްގެ ރައީސަކަށް އަދި އެއްވެސް ރަށެއްގެ ރައީސަކަށް ވެސް އަންހެން މެމްބަރަކު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ކުރިން އެ ބަހުސް އެއީ އަޅުގަނޑުމެން ކޮށްގެން ވާނެ ބަހުސް އެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ކޯޓާ ސިސްޓަމެއް އަޅުގަނޑުމެން ހެދީ ތަރައްގީގައި އަންހެނުން ބައިވެރިކުރަން. އޭގެ މާނައަކީ ސިޔާސަތުތައް އެކުލަވާލާއިރު ޕޮލިސީ ޑިސިޝަންސްތައް ނަގާއިރު އެ މޭޒުގައި އަންހެނުންނަށް ޖާގައެއް ނެތް. ޑަބްލިއުޑީސީތައް ހެދީ އަންހެނުން ތަރައްގީކުރަން މަސައްކަތްކުރަން، ވުމަން އެމްޕަވަމެންޓަށް މަސައްކަތްކުރަން. މިއީ ވަރަށް ތަފާތު ދެ ކަމެއް،" ހިސާން ވިދާޅުވި އެވެ.

"އެމްޕަވާވެގެން އާދެވޭ ތަރައްގީއަށް އަންހެނުންގެ ސޭ އެއް އޮތުމުގެ ހިސާބަށް ނާދެވޭތީ ނެގި ސްޓެޕް އެއީ ސައިމުލްޓޭނިއެސްލީ ކޯޓާ ސިސްޓަމެއް ތައާރަފްކުރުމާއި ޑަބްލިއުޑީސީތައް ތައާރަފްކުރުން. މި ތަނުން އެކަތި ނައްތާލީމަ ހާސިލްކުރަން ބޭނުންވާ މަގުސަދަކަަށް އަޅުގަނޑުމެންނަށް ނާދެވޭ. އަޅުގަނޑު ގަބޫލެއް ނުކުރަން ޑަބްލިއުޑީސީ އޮތުމާއި ނެތުމާއި އަންހެން މެމްބަރެއްގެ ހައިސިއްޔަތުން އެ ކޮންވަޒޭޝަން ހިންގަން ވެސް. އޮބްޖެކްޓުކުރާ ވާހަކަ ރިކޯޑަށް ޓަކައި ދަންނަވަން،"

އެއާ ގުޅިގެން ވަހީދު ވިދާޅުވީ އޭނާއަކީ އަންހެނުން ބާރުވެރިކުރުމާ ދެކޮޅު ހަދާ މެމްބަރެއް ނޫން ކަމަށެވެ. ނަމަވެސް މައްސަލައަކީ އެ ތަންތަން ނުހިގުން ކަން އޭނާ ތަކުރާރުކުރެއްވި އެވެ.

"ޑަބްލިއުޑީސީއަށް ކުޑަ އެއްޗެއް ލިބިފައި އަންހެނުން ކޮމިޓީއަށް ލިބެނީ ބޮޑު އެއްޗެެއް. އަތޮޅު ކައުންސިލްގައި މެމްބަރުން ނެތީމަ އެ ކައުންސިލްގައި މެމްބަރުން ހިމެނޭނެ ގޮތެއް ހިމަނަންޖެހޭ،"

އެ ބައްދަލުވުމުގައި މެމްބަރުން ވަނީ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަންތައް ގިނައިން ބާއްވަންޖެހޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ވަހީދު ވިދާޅުވި ގޮތުގައި ބައި-އިލެކްޝަންތަކުގެ ބައި އިލެކްޝަންތަކަށް ހައްލެއް ހޯދޭނީ އިންތިހާބާ ބެހޭ ގާނޫނުން ކަމަށް ގަބޫލުކުރެވެ އެވެ.

ލާމަރުކަޒު ކުރުމަކީ ސަރުކާރުގެ ސިޔާސަތަކަށް ވާއިރު، އިންތިހާބުތައް ވެސް އެ އުސޫލުން ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކި އިންތިހާބުތަކަށް ގާނޫނުތައް ހަދާފައިވާއިރު، އިންތިހާބާ ބެހޭ ކަންކަން އެއް ގާނޫނެއްގެ ދަށަށް ބަދަލުކޮށް ގައުމީ އިންތިހާބަކީ ކޮބައިކަން ކަނޑައަޅަންޖެހޭނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރަސްމާދޫ ޑަބްލިއުޑީސީއަށް މެމްބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަނަކީ ގައުމީ ފެންވަރުގެ އިންތިހާބެއް ކަމަކަށް. އެހެންވީމަ، އިލެކްޝަންސް ކޮމިޝަނުން އެކަން ކުރަންޏާ ވަރަށް ބޮޑު ހޭދައަކާ ވަރަށް ބޮޑު ޕްރޮސެސް އެއް ފޮލޯކުރަން ކުރަން އެބަޖެހޭ. އަޅުގަނޑު ހިތަށް އަރަނީ ސިވިލް ސާވިސްގެ ތެރެއިން ވެސް މިހާރު ހުރޭ އަތޮޅު ތަކުގައި ވެސް އެޗްއާރު ކޮމިޓީތައް ރަނގަޅަށް ހިނގާ ިވިލް ސާވިސް ފަށަލައގެ ތެރެއިން، އަދި ބައެއް ކަހަލަ ޓެންޑާ ކުރުމުގެ ކަންކަން ހިނގާ ކޮމިޓީތައް ހުރޭ ވަރަށް ރަނގަޅަށް ހިނގާ،" ވަހީދު ވިދާޅުވި އެވެ.

"އެ ކަހަލަ އަތޮޅު ލެވެލްގެ އިންތިޒާމެއްގައި ޑަބްލިއުޑީސީ އިންތިހާބު ބޭއްވިއްޖެއްޔާ އަދި އަތޮޅު ކައުންސިލްގެ ދައުރެއް އެ އިންތިހާބު އޮބްޒާވްކުރުމުގައި އީސީގެ މިންގަނޑުތަކަށްތޯ ބޭއްވީ އަދި އެ އިންތިހާބަކީ މިނިވަންކަމާއެކު ބޭއްވުނު އިންތިހާބެއްތޯ ކަނޑައެޅުމަށް އީސީއަށް ދައުރެއް އޮންނަ ގޮތަށް އެކަން ބޭއްވިއްޖެއްޔާ އަޅުގަނޑަށް ހީވަނީ ވަރަށް ފަސޭހަވެދާނެހެން،"