Roadha Mihaaru
ރަށްރަށުގައި ކައުންސިލަރުންގެ އަދަދު މިހާރު ވެސް މަދު: އެލްޖީއޭ

ރަށްރަށުގައި ކައުންސިލަރުންގެ އަދަދު މިހާރު ވެސް މަދު: އެލްޖީއޭ

26 ޖޫން 2024

ރަށްރަށުގައި ކައުންސިލަރުންގެ އަދަދު މިހާރު ވެސް މަދު ކަމަށާއި އެކަމަކު، ކައުންސިލަރުން އިތުރުކުރިޔަސް މިހާރު މުސާރަ ދޭ ގޮތަށް އެކަން ކުރަން ތާއީދު ނުކުރާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރަށްރަށުގައި ކައުންސިލަރުންގެ އަދަދު މިހާރު ވެސް މަދު ކަމަށާއި އެކަމަކު، ކައުންސިލަރުން އިތުރުކުރިޔަސް މިހާރު މުސާރަ ދޭ ގޮތަށް އެކަން ކުރަން ތާއީދު ނުކުރާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި، ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ ވިސްނުންތަކާ ގުޅޭ ގޮތުން ބިލެއްދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަސްލަމް ކުރެއްވި ސުވާލަކާ ގުޅިގެން އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ، ލޯކަލް ގަވަނެންސްގެ މާނައަކީ ޕާޓިސިޕޭޓްރީ ގަވަނެންސް ނުވަތަ ރައްޔިތުން ބައިވެރިވެގެން ރަށެއް، އަތޮޅެއް ހިންގާނެ ގޮތެއް ކަމަށެވެ.

އެހެންވެ، ރަށަކަށް ނުވަތަ އަތޮޅަކަށް 1-2 މީހުން އިންތިހާބުކޮށްފި ނަމަ އެއީ ޕާޓިސިޕޭޓްރީ ގަވަނެންސް އަކަށް ނުވާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލޯކަލް ގަވަނެންސަކީ ހަރަދު ބޮޑު އަދި އާއްމުންގެ ބޮޑު ބައިވެރިވުމާ އެކު ހިންގާ ނިޒާމެކެވެ.

ހަރަދުގެ ވާހަކަ ދައްކާ ނަމަ ކައުންސިލްތައް ހިންގަން ހަރަދު ބޮޑު ކަމަށާއި އެކަމަކު، ހަރަދު ބޮޑު ވެގެން ކައުންސިލްތައް ބޮޑު ކަމަށް ބުނަނީ އެއީ ރަނގަޅު މޮޑިއުލެއްގައި އެކަން ނުކުރާތީ ކަން އެލްޖީއޭ އިން ފާހަގަކުރި އެވެ.

"އަޅުގަނޑަށް އަސްލު ފަސް މީހުން ވެސް މަދު. ފަންނީ ގޮތުން ރައްޔިތުން ޝާމިލްވާ ލޯކަލް ގަވަނެންސެއް ރަށްރަށުގައި ހިންގަން. ޝާމިލްވާ ލޯކަލް ގަވަނެންސެއް ހިންގުމަކީ ރައްޔިތުން އެކު ވެގެން، މަޝްވަރާ ކޮށްގެން ގޮތްތަކެއް ނިންމައިގެން ދެން ކައުންސިލް ލައްވައި އެ ކަންތައް ތަންފީޒު ކުރުން،" އާދަމް ޝަރީފު ވިދާޅުވި އެވެ.

ރައްޔިތުންގެ ބައިވެރިވުން ބޮޑުވާ ވަރަކަށް ލޯކަލް ގަވަނެންސް ރަނގަޅު ވާނެ ކަމަށާއި މެމްބަރުން ދަށްވާ ވަރަކަށް ރައްޔިތުންގެ ބައިވެރިވުން ކުޑަކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، މަޝްވަރާ ޖެހޭނީ ފުޅާކުރަން ކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރަށްރަށުގައި ފަސް މެމްބަރުން ވެސް މަދު. އެ ވެސް އިތުރު ވާންވީ. އެކަމަކު، މުސާރަ ނުދެވޭ ގޮތަށް، އިތުރު ކުރެވޭ ގޮތަށް އަޅުގަނޑުމެންނަށް ފޯމިއުލާތައް ހޯދޭނެ. މައްސަލަ ޖެހެނީ ހުރިހާ ބޭފުޅުންނަކީ ފުލްޓައިމްކޮށް ނުކުމެ ކައުންސިލްގައި މަސައްކަތްކުރާ ސިކުނޑި ހުންނާތީ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ފަސް މެމްބަރުން ބޮޑެއް ނޫން. ކުދި ރަށްރަށް ދެން އޯކޭ. އެކަމަކު، އަޅުގަނޑު ދެކޭ ގޮތުގައި ޝާމިލްވުން ޖެހޭނީ ބޮޑުވާން. މުސާރައިގެ މޮޑެލް ބަދަލުކުރެވިދާނެ. އެ ވާހަކަ ދައްކަންވީ."

ލާމަރުކަޒީ ކޮމިޓީއާއެކު، އެލްޖީއޭއިން ބޭއްވި ބައްދަލުވުމުގައި، އެ އޮތޯރިޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް

ލާމަރުކަޒީ ކޮމިޓީއާއެކު، އެލްޖީއޭއިން ބޭއްވި ބައްދަލުވުމުގައި، އެ އޮތޯރިޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް

އާދަމް ޝަރީފު ވިދާޅުވީ ކައުންސިލަކަށް ތިން މެމްބަރުން ކުޑަ ކަމަށެވެ. އެ އަދަދަކީ ގެއެއްގައި ކަމެއް ނިންމުން ކަހަލަ ކަމެއް ކަމަށް ވިދާޅުވި އެވެ.

އަންހެނުންގެ ކޮމިޓީތަކާ ގުޅޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް، އާދަމް ޝަރީފު ވިދާޅުވީ 2011 ވަނަ އަހަރު އަންހެނުންގެ ކޮމިޓީތަކަށް އެ އޮތޯރިޓީން އިންތިހާބު ބޭއްވިއިރު، އެކަށީގެންވާ ތަރުހީބު ނުލިބުމުން އޭރު ސިޔާސީ ބޭފުޅުންނަށް ވިސްނުނީ އެލްޖީއޭ އިން އެކަން ކުރާތީ އެއްބާރުލުން ނުލިބުނީ ކަމަށެވެ.

ނަމަވެސް، އޭނާ ވިދާޅުވީ މިހާރުގެ ހާލަތަކީ ވެސް އެއީ ކަމަށެވެ.

"... އެބަ އިނގޭ ނޫންތޯ އިންތިހާބުގެ މައްސަލައެއް ނޫން ކަން މި އުޅެނީ. އަޅުގަނޑުމެންނަށް އޭރު އެނގުނު އެއްޗަކީ އެއް ރަށެއްގައި ހިންގާކަށް، ދެ އިންތިހާބީ ބޮޑީއެއް އޮވެގެން ފަންކްޝަން ނުކުރާނެއޭ. އިންތިހާބީ ދެ ބޮޑީ ރަށެއްގައި އޮންނަ ކަމަށް ވެއްޖިއްޔާ އެ ދެ ބޮޑީ ދޭތެރޭގައި ކޯޅުން އޮންނާނެ. ރަށުގެ މުދާވެރިކަމަށް، މިލްކުވެރިކަމަށް، ވަސީލަތްތަކަށް، ދެބައި މީހުންގެ ތެރޭގައި ކޯޅުން އޮންނާނެ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އާދަމް ޝަރީފު ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ގާނޫނަށް އެ އޮތޯރިޓީން ޕްރޮޕޯޒްކުރި އިސްލާހަކީ އަންހެނުންގެ ކޮމިޓީ، ކައުންސިލްގެ ތެރޭގައި އޮންނަ ކޮމިޓީއެއް ގޮތަށް ބާއްވައި، ކައުންސިލަށް އަންހެނުންނަށް ކޯޓާއެއް ހަމަޖެއްސުމެވެ. ނަމަވެސް، މަޖިލީހުން އެ ނިންމުން ނިންމީ އެލްޖީއޭގެ ހުށަހެޅުމާ ދެކޮޅަށެވެ.

އޭގެ އިތުރުން، ރަށަކަށް ކައުންސިލަރެއް ނުވަތަ މޭޔަރެއް އިންތިހާބު ކުރުމަށްފަހު، ބާކީ ތިބޭނީ އެކި ދާއިރާތަކުން އިންތިހާބުވާ ކައުންސިލަރުން ކަމާއި އެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާނީ ހަމައެކަނި ބައްދަލުވުންތަކުގައި ކަމަށް ހެދުމަށް ވެސް އެ އޮތޯރިޓީން ހުށަހެޅި އެވެ.

އާބާދީ ކިތަންމެ ކުޑަ ރަށަކަށް ވިއަސް، އެ ތަނެއްގައި ފަސް ކައުންސިލަރުން ތިބެ އެވެ. ނަމަވެސް، އެއީ، މަސައްކަތުގެ ލޯޑަށް ވުރެ ބޮޑު އަދަދެއް ކަމަށް ބުނެ އާއްމުންގެ ފާޑުކިޔުން އަމާޒުވެ އެވެ.