Roadha Mihaaru
ސައީދާއި އިބްރޭގެ ކޯޅުން:ސައީދުގެ ތުހުމަތަކީ ފުރައްސާރަ

ސައީދާއި އިބްރޭގެ ކޯޅުން: ސައީދުގެ ތުހުމަތަކީ ޖިންސީ ފުރައްސާރަ

20 ސެޕްޓެމްބަރ 2022

މަގާމުން އިސްތިއުފާ ދެއްވަމުން، ފެނަކަ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އިބުރޭ) ކުރެއްވި ކޮރަޕްޝަންގެ ތުހުމަތުތައް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މިއަދު ދޮގުކުރައްވައި އިބުރޭގެ ބޮލުގައި ތުހުމަތުތަކެއް އަޅުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަގާމުން އިސްތިއުފާ ދެއްވަމުން، ފެނަކަ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އިބުރޭ) ކުރެއްވި ކޮރަޕްޝަންގެ ތުހުމަތުތައް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މިއަދު ދޮގުކުރައްވައި އިބުރޭގެ ބޮލުގައި ތުހުމަތުތަކެއް އަޅުވައިފި އެވެ.

އިބްރޭ މި މަހުގެ ހަތް ވަނަ ދުވަހު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވަނީ ސައީދާއި ފެނަކައިގެ ޗެއާމަން މުހައްމަދު ރަޝީދަށް ގިނަ ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

އޭގެ ތެރެއިން، އެމްޑީއަށް ކުރާ ކޮރަޕްޝަންގެ ތުހުމަތާއި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ގިނަ އަމަލުތަކެއް ތަކުރާރު ނުވާނެ ގޮތަށް ފެނަކައިގެ ގަވައިދު ބަދަލުކުރަން ދައުލަތުގެ މުއައްސަސާތަކުން އަންގާ އެންގުންތައް، ޗެއާމަން ރަޝީދު ފޮނުވަމުންދާ ކަން ހިމެނެ އެވެ.

އެ ދެ ބޭފުޅުންގެ ނާގާބިލް ކަމުން ފެނަކައިގެ ދަރަނި 1.5 ބިލިއަން ރުފިޔާ އަށް އަރާފައިވިއަސް، މީގެ ކުރިން އެ ކުންފުނީގެ ދަރަނި ހުރީ 60 މިލިއަން ރުފިޔާގައި ކަމަށް އިބުރޭ ވިދާޅުވި އެވެ. އޭގެ އިތުރުން މަސައްކަތަށް ހުރަސް އަޅައި، ފެނަކައިގެ އެއްވެސް ޑޭޓާ އަކަށް އެކްސެސް ނުވެވޭ ގޮތަށް ހުންނަތާ ތިން އަހަރު ވެފައިވާ ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެކަން ދޮގުކޮށް، ސައީދު "މިހާރު" އަށް މިއަދު ވިދާޅުވީ އެއީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރަމުން ދިޔަ ތުހުމަތުތަކެއް ކަމަށެވެ. އެއީ އެއްވެސް ހަގީގަތެއް ނެތް، ދޮގު އިލްޒާމްތަކެއް ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެނަކައާ ހަވާލުވިއިރު ވެސް 1.2 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތެވެ. ކުންފުނީގައި މިހާރު ދަރަނި ހުރި ވަރު ވިދާޅުނުވިއަސް ސައީދު ވިދާޅުވީ އެ އަދަދަށް މާ ބޮޑެތި ބަދަލުތައް އައިސްފައި ނުހުންނާނެ ކަމަށެވެ.

"އެސްޓީއޯ އަށް 700 މިލިއަން ރުފިޔާ، އެހެނިހެން ކަންކަމަށް ވެސް އޮތް 500 ކޮންމެ ވެސް މިލިއަނެއް ދައްކަން އޮތް އޭރު،" އޭނާ ވިދާޅުވި އެވެ.

އެއާއެކު، ސައީދު ވިދާޅުވީ އިބްރޭ މަގާމުން އިސްތިއުފާ ދެއްވީ ފެނަކައިގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރައިގެ މައްސަލަތައް ތަހުގީގު ކުރަމުން ދާތީ، އޮފީހަށް ވަޑައިގަންނަވަން ލަދުވެތި ހާލަތްތަކެއް މެދުވެރިވުމުން ކަމަށެވެ.

ފެނަކައިގައި ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލާ ކޮމިޓީން މިހާރު ވެސް އިބްރޭއާ ގުޅޭގޮތުން 3-4 އަންހެން މުވައްޒަފަކު ހުށަހެޅި މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެ މައްސަލައިގައި ބައެއް މުވައްޒަފުންގެ ބަޔާން ވެސް ނަގާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"ބުހުތާނު ދޮގު ހަމަ، [އަޅުގަނޑުގެ] ބޮލުގައި ދޮގު އިލްޒާމް އަޅުވަނީ. އިސްތިއުފާ ދޭން ޖެހުނު ސަބަބަކީ، ލަދުވެތި ހާލަތްތައް، ވަޒީފާ އަށް ހާޒިރުވާން ލަދުވެތި ހާލަތްތަކެއް ފެނަކަ ތެރެއިން މެދުވެރިވަނީއޭ އެ މަނިކުފާނަށް [އިބުރޭ އަށް] އެހެން ގޮސް، ވަޒީފާއަށް ހާޒިރު ވެސް ނުވަނީ. އެއްވެސް މަސްއޫލިއްޔަތަކުން އެއްކިބާ ނުކުރޭ. އަމިއްލައަށް އެއްކިބާވެ ހުންނަނީ. އެއްކިބާވެ ހުންނަނީ ލަދުވެތި ކަމަކާ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިބްރޭ ގިނައިން ހުންނަވަނީ ޗުއްޓީގަ އެވެ. އެހެން ނޫން ނަމަ އޮފީހަށް ސައިން-އިން ވުމަށް ފަހު އުޅުއްވަނީ ބޭރުގައި ކަމަށް ވެސް ވިދާޅުވި އެވެ.

އައިޓީ އެކްސެސް ދިނުން ހުއްޓާލީ ވެސް އެ ކުންފުނީގެ ލިޔެކިޔުންތައް 'ވަގަށް' ނަގައި އެހެން މީހުންނާ ހިއްސާކުރާކަން ސާބިތުވުމުންކަން ސައީދު ފާހަގަކުރެއްވި އެވެ.

އިބްރޭ ވަނީ ސައީދާ ގުޅުމެއް ނެތް ވިޔަފާރިތަކުގެ ބިލްތަކަށް ފައިސާ ނުދެއްކުމާއި ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ނުހިމެނޭ އެތައް ކަމެއް އޭނާ އާއި ޗެއާމަނަށް ފައިދާވާ ގޮތަށް ކުރަން ފެށުމުން އެތައް ކުދި ވިޔަފާރިއަކަށް އެކަމުގެ އަނިޔާ ލިބެމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު، ސައީދު ވިދާޅުވީ އޭނާއަކީ އެއްވެސް ބަޔަކާ ގުޅިގެން، ވަކި ބަޔަކަށް ފައިދާހުރި ކަންކަން ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ. މިހާތަނަށް ވެސް އެކަން ކޮށްފައި ނުވާނެ ކަމަށާއި އަދި ދުވަހަކު ވެސް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

"ކަނޑައެޅިގެން ދޮގު އިލްތިޒާމްތަކެއް. އަބުރު ކަތިލުމަށް ނޫނީ އެއްވެސް ކަމެއް ނެތް. ވަޒީފާއިން އިސްތިއުފާ ދިނީ އެއްވެސް އެ ބާވަތުގެ ކަމެއް ވެގެން ނޫން،" ސައީދު ވިދާޅުވި އެވެ.

ސަޢީދުގެ ތުހުމަތުތަކާ ގުޅިގެން އިބްރޭ ވިދާޅުވީ އޭނާއާ ގުޅޭގޮތުން ޖިންސީ ފުރައްސާރައިގެ އެއްވެސް މައްސަލައެއް ބަލަމުންދާ ކަން މިހާތަނަށް ފެނަކައިން އަންގާފައިވާ ނުވާ ކަމަށެވެ. އަދި އިސްތިއުފާ ދެއްވި ފަހުން އެ ތުހުމަތުތައް ކުރި މަގުސަދާ ގުޅޭގޮތުން ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

"ކޮރަޕްޝަންގެ ތުހުމަތުތައް އޮއްބާލަން ކުރި ކަމެއް ކަމަށް ގަބޫލުކުރެވެނީ. މިހާތަނަކަށް ވެސް ނެތް ފުރައްސާރައިގެ މައްސަލައިގައި ސުވާލުކޮށްފައި ވެސް،" އިބްރޭ ވިދާޅުވި އެވެ.