Roadha Mihaaru
"އިލްމީ ދިރާސާތައް އާއްމުންގެ ޝައުގާ ގުޅުވާލަން ޖެހޭ"

ދިރާސާތައް އިލްމީ ވެށިން ނެރެ، އާއްމުންގެ ޝައުގާ ގުޅުވާލަން ޖެހޭ: ޑރ ދީބާ

20 ސެޕްޓެމްބަރ 2022

މިއީ އިލްމީ ދިރާސާތައް އިލްމީ ވެށިން ނެރެ، އާއްމު މުޖުތަމައުއާ ގުޅޭ އަދި ޝައުގުވެރިވާނެ އެއްޗަކަށް ހެދިދާނެ ގޮތްތަކާ މެދު މަޝްވަރާކުރަންވީ ވަގުތު ކަމަށް އިސްލާމީ ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. ދީބާ މޫސާ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިއީ އިލްމީ ދިރާސާތައް އިލްމީ ވެށިން ނެރެ، އާއްމު މުޖުތަމައުއާ ގުޅޭ އަދި ޝައުގުވެރިވާނެ އެއްޗަކަށް ހެދިދާނެ ގޮތްތަކާ މެދު މަޝްވަރާކުރަންވީ ވަގުތު ކަމަށް އިސްލާމީ ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. ދީބާ މޫސާ ވިދާޅުވެއްޖެ އެވެ.

އައިޔޫއެމް އިން މި ހަފުތާގައި ބޭއްވި ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ދީބާ ވިދާޅުވީ ކޮވިޑުގެ ސަބަބުން އިލްމީ ވާހަކަތަކާއި އެއްވުންތަކަށް ހުއްޓުމެއް އަންނާނެ ކަމަށް ވިސްނިފައި އޮވެދާނެ ކަމަށެވެ.

އެކަމަކު އިލްމީ ކަންކަން ހިއްސާކުރުމުގެ ތަބީއަތަށް ކޮވިޑުގެ ސަބަބުން އައި ބަދަލާ އެކު ވެސް، އިލްމީ ވާހަކަތަކާއި ބަހުސްތައް ބަލިމަޑުކަމުގެ ތެރޭގައި ވެސް ކުރިއަށް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަހުގެ ދިރާސާ އިން ދައްކާ ގޮތުގައި، ކުރިން ބާއްވާ ގޮތަށް ފިޒިކަލީ ނޫނަސް، 2020 ވަނަ އަހަރު އެކަނި ވެސް ކުރިއަށް ވުރެ ބޮޑަށް އިލްމީ ހަރަކާތްތައް ފުޅާވެގެންދިޔަ،" ދީބާ ވިދާޅުވި އެވެ.

އައިޔޫއެމްގެ ކޮންފަރެންސްގައި ރިސާޗް ޕޭޕަރެއް ހުށަހަޅަނީ. --ފޮޓޯ: އަބްދުﷲ އަބީދު

އައިޔޫއެމްގެ ކޮންފަރެންސްގައި ރިސާޗް ޕޭޕަރެއް ހުށަހަޅަނީ. --ފޮޓޯ: އަބްދުﷲ އަބީދު

ދީބާ ވިދާޅުވީ އިލްމީ އެއްވުންތަކުގައި ދިރާސާތައް ހިއްސާކުރުމަކީ ސުވާލެއް ނެތް ގޮތެއްގައި މުހިއްމު ކަމެއް ކަމަށާއި އެކަމަކު އެ ދިރާސާގައި ހަގީގީ އަގެއް ހުންނާނީ އެ ދިރާސާއަކުން އިޖްތިމާއީ، ސިޔާސީ އަދި އިގްތިސާދީ އަސަރެއް ކުރާ ނަމަ ކަމަށެވެ.

"ހަމައެއާ އެކު އެ ދިރާސާއެއްގައި އަގެއް ހުންނާނީ އެ މައުލޫމާތަކީ އާއްމުން ޝައުގުވެރިވާ އަދި އާއްމުންނަށް ފެންނަން ހުންނަ އެއްޗަކަށް ވާ ނަމަ. އަދި ދިރާސާ އިން ހޯދޭ މައުލޫމާތާއި ނުކުންނަ ނަތީޖާއަކުން ހަގީގީ މަންފާކުރާނީ ސަރުކާރާއި އެނޫން ވެސް ސްޓޭކްހޯލްޑަރުންގެ ސަމާލުކަން އެއަށް ލިބިގެން،" ތައުލީމީ ދާއިރާ އިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ދީބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިޔޫއެމްގެ ކޮންފަރެންސްގައި ވެސް ދިރާސާތައް ހުށަހެޅިގެންދާނީ މައިގަނޑުކޮށް އިލްމީ މީހުންގެ ކުރިމަތީގައި ކަމަށާއި އެހެން ގޮތަކަށް ބުނާ ނަމަ އެ އެ ދިރާސާތައް ހިފެހެއްޓިފައި ހުންނާނީ އިލްމީ ވެށްޓެއްގެ ތެރޭގައި ކަމަށެވެ.

"ދެން ކިހިނެއްތޯ އަޅުގަނޑުމެން މުޖުތަމައުގެ އެހެން މީހުންނާ ހަމައަށް އެ ދިރާސާތައް ވާސިލްވާނީ؟ އެ ދިރާސާގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ބަދަލު އަންނާނީ ވެސް ދެން ކިހިނެއްތޯ؟،" ދީބާ ސުވާލު އުފެއްދެވި އެވެ.

ދީބާ ވިދާޅުވީ ޔުނިވާސިޓީ ވޯލްޑް ނިއުސްގައި މި މަހު ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން އިލްމީ މީހުންގެ ތެރެއިން އެބައިމީހުން ކުރާ އިލްމީ މަސައްކަތެއްގެ އަސަރު މުޖުތަމައުއަށް ކުރުމާ މެދު ސަމާލުކަންދެނީ ތިންބައިކުޅަ ދެ ބައި ކަމަށެވެ.

އައިޔޫއެމްގެ ކޮންފަރެންސްގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަނެއްގައި މަޖްލިސް މެމްބަރު އަލީ ހުސެއިން (ކ) އާއި ކުރީގެ ޕީޖީ މުއިއްޒު (މ) އަދި ގާނޫނީ ވަކީލް ސިރާޖު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އަބްދުﷲ އަބީދު

އައިޔޫއެމްގެ ކޮންފަރެންސްގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަނެއްގައި މަޖްލިސް މެމްބަރު އަލީ ހުސެއިން (ކ) އާއި ކުރީގެ ޕީޖީ މުއިއްޒު (މ) އަދި ގާނޫނީ ވަކީލް ސިރާޖު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އަބްދުﷲ އަބީދު

ދީބާ ވިދާޅުވީ އެންމެ އިތުބާރުހިފޭ މައުލޫމާތު އުފައްދަނީ ޔުނިވާސިޓީންކަން ވެސް އެންމެންނަށް އެނގޭ ކަމަށެވެ. އަދި އެ ދިރާސާތަކުން، ދޮގު މައުލޫމާތު ހުއްޓުވުމަށާއި ސަރުކާރަށާއި އެނޫން ވެސް މުއައްސަސާތަކަށް އެވިޑެންސް ބޭސްޑް ނިންމުންތައް ނިންމަން އެހީވެދޭކަން ވެސް އެނގޭ ކަމަށެވެ. އެއާ އެކު ވެސް ދިރާސާތަކާއި ސައިންޓިފިކް ހޯދުންތައް ފެތުރުމުގައި އަދިވެސް އިހުގެ ގޮތްތަކުގައި އިލްމީ މީހުން ހިފަހައްޓަނީ ކީއްވެތޯ ދީބާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"މިއީ މިއީ އަޅުގަނޑުމެންނަށް ބަހުސްކުރެވިދާނެ އަދި ކުރަން ޖެހޭ ސުވާލެއް،" ދީބާ ވިދާޅުވި އެވެ.

އެހެންކަމުން ދީބާ ވިދާޅުވީ މިއީ އިލްމީ ދިރާސާތައް އިލްމީ ވެށިން ނެރެންޖެހޭ ވަގުތު ކަމަށާއި މިއަދާއި މާދަމާއާ އަނެއް ދުވަހު ވެސް ސަމާލުކަންދޭންވީ އަޅުގަނޑުމެންގެ ދިރާސާތަކަކީ މުޖުތަމައުއާ ގުޅޭ އަދި ޝައުގުވެރި އެއްޗަކަށް ހެދިދާނެ ގޮތްތަކާ މެދު މަޝްވަރާކުރަން ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންފަރެންސްގައި ހުށަހެޅޭ ދިރާސާތައް އާއްމުކޮށް، މުޖުތަމުގައި މަގުބޫލު އެއްޗަކަށް ހެދުމުގެ މުހިއްމު މަސައްކަތެއް ފެށުމަށް އެ ޔުނިވާސިޓީން އުއްމީދުކުރާ ކަމަށެވެ.

އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އައިޔޫއެމް އިން 2016 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މި ކޮންފަރެންސްގައި މި އަހަރުގެ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ވަރަށް ގިނަ އިލްމީ ބޭފުޅުން ބައިވެރިވެ ރިސާޗް ޕޭޕަރުތައް ހުށަހެޅުއްވި އެވެ. އޭގެ ތެރޭގައި ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިއްހަތު، މީޑިއާ އަދި ސިޔާސަތާ ގުޅޭ ޕޭޕަރުތައް ހިމެނެ އެވެ.