ދިވެހި ދަރިވަރުން އެވްރެޖުކޮށް 12 އަހަރު ސްކޫލްގައި ކިޔެވި ނަމަވެސް، ރާއްޖޭގެ ތައުލީމީ ފެންވަރު ދަށްވުމުގެ ސަބަބުން ހަތަރު އަހަރުގެ ކިޔެވުން އެ ކުދިންނަށް ގެއްލޭނެ ކަމަށް ވޯލްޑް ބޭންކްގެ ހިއުމަން ކެޕިޓަލް ރިވިއު ރިޕޯޓްގައި ބުނެފި އެވެ.
08 ފެބުރުއަރީ 2024
ދިވެހި ދަރިވަރުން އެވްރެޖުކޮށް 12 އަހަރު ސްކޫލްގައި ކިޔެވި ނަމަވެސް، ރާއްޖޭގެ ތައުލީމީ ފެންވަރު ދަށްވުމުގެ ސަބަބުން ހަތަރު އަހަރުގެ ކިޔެވުން އެ ކުދިންނަށް ގެއްލޭނެ ކަމަށް ވޯލްޑް ބޭންކްގެ ހިއުމަން ކެޕިޓަލް ރިވިއު ރިޕޯޓްގައި ބުނެފި އެވެ.
އަންނަން އޮތް ޖީލުގެ އުފެއްދުންތެރިކަމަށް ސިއްހަތާއި ތައުލީމުން އަންނާނެ ބަދަލު ވަޒަންކުރާ މިންގަނޑު ކަމަށްވާ ހިއުމަން ކެޕިޓަލް އިންޑެކްސް (އެޗްސީއައި) ވޯލްޑް ބޭންކުން ބެލި މިއީ ފުރަތަމަ ފަހަރެވެ. އިންސާނީ ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފާ މިންވަރު ވަޒަންކުރަނީ ގައުމުގެ ތައުލީމީ ފެންވަރާއި ސިއްހީ ނިޒާމުގެ ހާލަތަށް ބަލައިގެން ކަމަށް ވާއިރު ރާއްޖޭގެ ފުރަތަމަ އެޗްސީއައި ސްކޯއެއް ކަމަށް ވޯލްޑް ބޭންކުން ކަނޑައަޅާފައި ވަނީ 0.6 އެވެ.
އެ ރިޕޯޓްގައި ބުނީ މިހާރު ރާއްޖޭގައި އުފަންވާ ކުދިންނަށް، ފުރިހަމަ ސިއްހަތެއްގައި ހުރެ އުނގެނުމުގެ ފުރުސަތު ފަހިވެއްޖެ ނަމަ، އުމުރުން 18 އަހަރު ވާއިރު، އެ ކުދިންގެ ގާބިލްކަމުގެ 59.6 ޕަސެންޓް ހާސިލުވާނެ ކަމަށެވެ. މިއީ ރާއްޖެ ކަހަލަ އެހެން ގައުމުތަކާ އަޅާބަލާއިރު މަތީ އަދަދެއް ކަމަށް ބުންޏެވެ.
ނަމަވެސް، ރާއްޖޭގައި މުސްތަގުބަލަށް މީހުން ބިނާކުރުމަށް ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެއީ ރާއްޖޭގައި މިހާރު މި އޮތް ނިޒާމުގެ ތެރެއިން އެންމެންނަށް ހަމަހަމަ ފުރުސަތު ނުލިބުން ކަމަށް ސަބަބެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.
އޭގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމެއް ކަމަށް ފާހަގަކޮށްފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގެ ފެންވަރު ދަށްވުމެވެ.
އެ ރިޕޯޓުގައި ބުނީ ދިވެހި ދަރިވަރުން ތައުލީމު ހާސިލްކުރުމަށް ނިސްބަތުން 12.4 އަހަރު ސްކޫލްގައި ހޭދަކުރާނެ ކަމަށެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އެ ކުދިންނަށް ލިބެނީ ނިސްބަތުން 8.17 އަހަރުގެ ތައުލީމު ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
"އޭގެ މާނައަކީ ތައުލީމީ ފެންވަރު ދަށްވުމުގެ ސަބަބުން ނިސްބަތުން 4.32 އަހަރުގެ ކިޔެވުން އެ ކުދިންނަށް ގެއްލޭނެ ކަމަށް. މި ގެއްލުމަކީ ރާއްޖެ ކަހަލަ ތަރައްގީވަމުން އަންނަ އެހެން ގައުމުތަކާ އަޅާބަލާއިރު، ކަންބޮޑުވާން ޖެހޭ މިންވަރެއް،" އެ ރިޕޯޓްގައިވެ އެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމުގެ ފެންވަރާއި ރާއްޖެ ކަހަލަ އެހެން ގައުމުތަކާއި ދެކުނު އޭޝިއާގެ ގައުމުތަކާ އަދި ތަރައްގީވަމުން އަންނަ ގައުމުތަކާ އަޅާކިޔާފައިވާ ގޮތުގެ ޗާޓެއް.
ރާއްޖޭގެ އިންސާނީ ވަސީލަތުގެ ރައުސްމާލުގެ ބޭނުން ހިފޭ މިންވަރު މިހާރު ހުރި ވަރަށް ބަލާ ނަމަ، މި ކުދިން ވަޒީފާ އަދާކުރާ އުމުރަށް ދާއިރު، ރާއްޖޭގެ އުފެއްދުންތެރިިކަމުގެ ނިސްބަތް 23 ޕަސެންޓަށް ދަށްވާނެ ކަމަށް ވެސް ވޯލްޑް ބޭންކުން އަންދާޒާ ކުރެ އެވެ. އެއީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަ ހީނަރުކަމުގެ ސަބަބުން އަދި ހާއްސަކޮށް އަންހެނުންނަށް ވަޒީފާގެ ފުރުސަތު ލިބުމުގައި ކުރިމަތިވާނެ ގޮންޖެހުންތަކުގެ ސަބަބުންނެވެ.
އެ ރިޕޯޓުގައި ބުނީ ވެރިރަށް، މާލެއަށް އުފަންވާ ކުއްޖަކު އުމުރުން 18 އަހަރު ވާއިރު، އެ ކުއްޖާގެ ގާބިލްކަން ހުންނާނީ ނިސްބަތުން 64 ޕަސެންޓުގައި ކަމަށެވެ. މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް އުފަންވާ ކުދިންގެ ގާބިލްކަން ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފަ އެވެ.
ވޯލްޑް ބޭންކުން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިންސާނީ ތަރައްގީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑަށް ގުޅިފައި ވަނީ އިގްތިސާދީ ހާލަތާ އެވެ. ޓޫރިޒަމް ކަހަލަ ފަސޭހައިން ހީނަރުކަން އަންނާނެ ސިނާއަތަކަށް ރާއްޖޭގެ އިގްތިސާދު މާ ބޮޑަށް ބަރޯސާވެފައި އޮތުމާއި ދުނިޔޭގެ މޫސުމަށް މިހާރު އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކަކީ ވެސް މި ގޮންޖެހުންތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަމުގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މާލޭ ސްކޫލެއްގެ ދަރިވަރުންތަކެއް: ރާއްޖޭގެ ތައުލީމީ ފެންވަރު ދަށްވުމުގެ ސަބަބުން އިންސާނީ ތަރައްގީއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
• ތައުލީމީ ނިޒާމު ހަރުދަނާކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ކުއްޖަކަށް ވިޔަސް، ހުރިހާ ކުދިންނަށް އެއް ހަމައެއްގައި، ތަފާތުކުރުމެއް ނެތި ތައުލީމު ހާސިލްކުރެވޭނެ ފުރުސަތު ފަހިކޮށްދިނުން.
• ތައުލީމީ މަންހަޖާއި ވަޒަންކުރުމާއި ޓީޗަރުން ތަމްރީނުކުރުމުގެ ނިޒާމު ހަރުދަނާކޮށް، ތައުލީމީ ނިޒާމަކީ ވަޒީފާގެ ބާޒާރާއި މުޖުތަމައުގެ އެހެން ބޭނުންތަކަށް މުހިންމު ނިޒާމެއްކަން ކަށަވަރުކުރުން. އަދި ތައުލީމީ ނިޒާމުގެ ތެރެއިން އާ އީޖާދުތަކަށް ހިތްވަރުދިނުމާއި ޓެކްނޮލޮޖީ ކުރިއެރުވުމާއި ދަރިވަރުންނާއި މުދައްރިސުންގެ މެދުގައި އުނގެނުމުގެ ޝައުގުވެރިކަން އިތުރުކުމުގެ ސަގާފަތެއް ދިރުވާއަލާކުރުން.
• ހެދިބޮޑުވަމުން އަންނަ ކުދިންގެ ސިއްހަތު ރަނގަޅުކުރުމަށް ރައްކާތެރި ކާބޯތަކެތި ފޯރުކޮށްދީ، ސިއްހީ ހިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން.
• އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ވަޒީފާ ހޯދުމުގައި އަންހެނުންނަށް މުޖުތަމައުގެ ތެރެއިން ކުރިމަތިވާ ހުރަސްތައް ނައްތާލުން.
• އިޖުތިމާއީ ދާއިރާ ކުރިއެރުވުމަށް ކުރާ ހޭދަ އިތުރުކުރުން.
ކުލާހުގެ ހަގު ދަރިވަރު ނަމަ އެކުވެރިން މަދު
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ގްރޭޑް 9،8 ގެ ދަރިވަރުންގެ އޯ ލެވެލް އަންނަ އަހަރު
ކުދިން ބައިވެރިކުރާ ހަރަކާތްތަކަށް ހުއްދަ ހޯދަން ޖެހޭ
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ