އދ. މާމިގިލީގައި އިސްލާމިކް ޔުނިވާސިޓީ(އައިޔޫއެމް) ގެ ކެމްޕަހަކާއި ހޮސްޕިޓަލެއް އިމާރާތް ކުރުމާ އެކު، އިތުރު ގިނަ މަޝްރޫއުތަކެއް ފަށައިފި އެވެ.
07 އޮކްޓޯބަރ 2025
އދ. މާމިގިލީގައި އިސްލާމިކް ޔުނިވާސިޓީ(އައިޔޫއެމް) ގެ ކެމްޕަހަކާއި ހޮސްޕިޓަލެއް އިމާރާތް ކުރުމާ އެކު، އިތުރު ގިނަ މަޝްރޫއުތަކެއް ފަށައިފި އެވެ.
އެ މަޝްރޫއުތައް އިއުލާންކޮށް އަދި އިފުތިތާހު ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އިއްޔެ ހަވީރު މާމިގިއްޔަށް ވަޑައިގެންނެވެ.
މާމިގިލީގައި ބޭއްވި ބޮޑު ޖަލްސާގައި ވަނީ އައިޔޫއެމްގެ ކެމްޕަހުގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލު ކޮށްގެން މާމިގިލީގައި އިމާރާތްކުރާ އައިޔޫއެމްގެ ކެމްޕަހުގައި އިދާރީ އޮފީހަކާއި ލައިބްރަރީއެއްގެ އިތުރުން ފަސް ކްލާސްރޫމާއި މަލްޓި ޕާޕަސް ސެމިނާ ހޯލެއް އަދި މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކެއް ވެސް ހުންނާނެ އެވެ.
އެ އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ.
މާމިގިލީގައި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު (ކ) އާއި އާރުޑީސީގެ އެމްޑީ ނަޒީމް ސޮއިކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
މިއަދު ހެނދުނު ވަނީ މާމިގިލީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާ ވެސް އަޅައިފަ އެވެ. އަދި އެ ރަށުގައި ވަނީ އެމްއެންޑީއެފް ފަޔާ ސްޓޭޝަނެއް ވެސް ހުޅުވައިފަ އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ މާމިގިލީގެ ބްރާންޗުގެ ބިންގާ މިއަދު ހެނދުނު ވަނީ އަޅައިފަ އެވެ.
- ނުހެދި ގިނަ ދުވަސްވެ، މާމިގިލީގެ ޔައްޔިތުންނަށް "ތުރާލަކަށް" ވެފައިވާ ރަށުގެ މަގުތަކުގައި ތާރު އަޅައި މަގުތައް ހެދުމުގެ މަސައްކަތް ފެށުން.
- މާމިގިލީގެ ކުނި މެނޭޖު ކުރަން ވެމްކޯއާ ހަވާލުކުރުން.
- ޕަބްލިކް ވޯކްސްގެ ޔުނިޓެއް ގާއިމްކުރުން.
- ސްޕޯޓްސް ކޮމްޕްލެކްސްއެއް (މާލޭގެ ސޯޝަލް ސެންޓަރު ނަމޫނާއަކަށް ބަލައިގެން)
- މި މަސް ނިމުމުގެ ކުރިން މާމިގިލިން ޕާސްޕޯޓާއި އައިޑީކާޑު ލިބޭ ގޮތް ހެދުން.
ރައީސް މުއިއްޒު މާމިގިލީގެ ރައްޔިތުންނާ ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
މާމިގިލީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ވިސްނުންފުޅަކީ ހުރިހާ ހިދުމަތްތަކެއް ވެސް ރަށްރަށުގައި ތިބެގެން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވިދާޅުވެފަ އެވެ.
މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުން ފަދަ މަޝްރޫއުތައް ކުރިއަށް ގެންދަވަނީ އެހެންވެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ވީހާ ވެސް ލުއި ވާނެ ގޮތަކަށް އަސާސީ ކަންކަން، އަޅުގަނޑު ގަބޫލުކުރަނީ އެއީ އަސާސީ ކަންކަން ކަމުގެ ގޮތުގައި، ގާއިމް ކޮށްދޭން. އަބަދު މާލެ އަށް ނުވަތަ އެ އަތޮޅުގައި އޮތް ދުރު ރަށަކަށް ގޮސްގެން އެ އަޅުދާސްތުވުން، އެ ތަހައްމަލް ކުރަން ޖެހޭ ދަތިކަން އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މާލެ އާއި އަތޮޅުގެ މައި ރަށަށް ބަރޯސާވުން ކުޑަކުރަން ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒުން ސީދާ ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ވެސް ގާއިމުކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ހެލްތު ސެންޓަރުތަކަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސަނީ
ވިލުފުއްޓަށް އާ ވައުދުތަކާއެކު،ބައެއް ކަންކަން ފަށައިފި
ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް ފަށައިފި
ބ.އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އެޅުން އާރުޑީސީއަށް
ރާއްޖޭގައި ސްޕެޝަލައިޒް ހޮސްޕިޓަލްތަކެއް ގާއިމުކުރަނީ
ބީއެމްއެލްގެ ބްރާންޗެއް މާމިގިލީގައި ހަދަނީ
"ރައީސް މުއިއްޒަށް ވުރެ އިހްލާސްތެރި ވެރިއަކު ނެތް"
ބީއެމްއެލް ކްރެޑިޓް ކާޑުތަކުގެ ލިމިޓްތައް ބޮޑުކުރަނީ
ގުރައިދޫ ހޮސްޕިޓަލް ބިންގާއަޅައި ޑީކޯޗެމްބަރު ހުޅުވައިފި
ޑެބިޓް ކާޑުން ކެނޑޭ ވަރު 1،000 އަށް މަތިކުރަނީ