Roadha Mihaaru
ނޯރޫ ތޫފާނުގައި ފިލިޕީންސުން 5 މީހަކު މަރުވެއްޖެ

ނޯރޫ ތޫފާނުގައި ފިލިޕީންސުން 5 މީހަކު މަރުވެއްޖެ

26 ސެޕްޓެމްބަރ 2022

ފިލިޕީންސް ކަނޑުގެ ސަރަހައްދުގައި، މި މަހުގެ 22 ވަނަ ދުވަހު އުފެދުނު ބާރުގަދަ ތޫފާން ނޯރޫ، ފިލިޕީންސަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތެރޭގައި މިހާތަނަށް މަދުވެގެން ފަސް މީހަކު މަރުވެއްޖެ އެވެ.

ފިލިޕީންސް ކަނޑުގެ ސަރަހައްދުގައި، މި މަހުގެ 22 ވަނަ ދުވަހު އުފެދުނު ބާރުގަދަ ތޫފާން ނޯރޫ، ފިލިޕީންސަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތެރޭގައި މިހާތަނަށް މަދުވެގެން ފަސް މީހަކު މަރުވެއްޖެ އެވެ.

އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި މި ހާދިސާގައި މަރުވީ، ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ މަސައްކަތުގައި އުޅުނު ފަސް މީހެކެވެ. އެމީހުން މަރުވީ ވެރިރަށް މެނީލާގެ އުތުރުގައި އޮންނަ ސެން މިގުއެލްގައި ހާލުގައި ޖެހިފައި ތިބި ބަޔަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި، އެ އަވަށުގައި ބޮޑުވެފައިވާ ފެންގަނޑުގެ ތެރޭގައި ދެމެމުން ދިޔަ ބާރު އޮއިވަރުގެ ތެރެއަށް ދަމައިގަތުމުގެ ސަބަބުންނެވެ.

މީހުން ސަލާމަތްކުރާ ޓީމުގެ މެމްބަރުން އެއަވަށަށް ދިޔަ އިރު، އެ އަވަށުގެ ގިނަ ބަޔަކު ތިބީ ބޮޑުވެފައިވާ ފެންގަނޑުގެ ތެރޭގައި ހުރި ގެތަކުގެ ފުރާޅުތަކުގެ މަތީގަ އެވެ. އަނެއް ބަޔަކު ތިބީ ކަރުތާފެނަށް އެރި، ރައްކާތެރި ހިސާބަކަށް ދެވޭނެ ގޮތެއް ނެތިފަ އެވެ.

މި ތޫފާނުގައި ފިލިޕީންސުން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބުނީ، އެ ގައުމުގެ އެންމެ ބައިބޯ ސަހަރު ކަމަށްވާ ލުޒޯން އަށެވެ. އެ ގައުމުގެ އާބާދީގެ 110 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ މި ސަހަރަށް ތޫފާން އެރި އިރު، ގަޑިއަކު 149 މޭލު ބާރުމިނުގައި ވައި ޖެހުނު ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.

ފިލިޕީންސްގެ ރަސްމީ އިދާރާތަކުން ބުނި ގޮތުގައި ތޫފާންގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުން، ހާލުގައި ޖެހުނު 74000 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ރައްކާތެރި ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ. ވެރިރަށް މެނީލާގެ ވެސް ބޮޑު ބައެއްގައި ފެން ބޮޑުވެފައިވާ އިރު، ތޫފާންގެ އަސަރު ކުރި ގިނަ ސަރަހައްދުތަކުން މިހާރު ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފަ އެވެ.

ފިލިޕީންސްގެ ރައީސް ފާޑިނެންޑް މާކޯސް ވިދާޅުވި ގޮތުގައި ތޫފާނުގައި އާންމުންގެ ފުރާނައަށް މާ ބޮޑު ގެއްލުމެއް ނުލިބުނީ، ތޫފާން އަރާނެ ކަމުގެ އިންޒާރު ލިބުމާއެކު، ރައްކާތެރިވުމުގެ ގޮތުން ދުރާލައި އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ. ތޫފާނުން ރައްކާތެރިވުމުގެ ގޮތުން މިދިޔަ ދެ ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކުން ވަނީ، ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

ތޫފާން ނޯރޫ މިއަދުގެ ވަގުތެއްގައި ފިލިޕީންސުން ފައިބާނެ ކަމަށް ބެލެވޭ އިރު، އެ ގައުމުގެ ރައީސް ވިދާޅުވި ގޮތުގައި، ދެން އޮތީ ހާލުގައި ޖެހުނު މީހުން، އިހު ތިބި ހާލަތަށް ރުޖޫއަކޮށްދިނުމުގެ މަރުހަލާ އެވެ. ހާލުގައި ޖެހިފައިވާ މީހުން ތިބި ހިސާބުތަކަށް، ވައިގެ މަގުން ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު ފޮނުވުމަށް ރައީސް މިހާރު ވަނީ، އެ ގައުމުގެ ސަލާމަތީ ބާރުތަކަށް އަންގަވައިފަ އެވެ.

ލުއާންޒް ސަހަރަށް ތޫފާން އެރުމާއެކު، އިއްޔެ އިން ފެށިގެން ފިލިޕީންސްގެ ވައިގެ ދަތުރުތައް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ވެސް އިއްޔެ އިން ފެށިގެން ބަންދުކޮށް، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ހަތް ހާހަށް ވުރެ ގިނަ ޖަޒީރާގެ މައްޗަށް އެކުލެވިފައިވާ ފިލިޕީންސަކީ ކޮންމެ އަހަރަކު ވެސް އެތައް ތޫފާންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބޭ ގައުމެކެވެ. އެވްރެޖް ގޮތެއްގައި އަހަރަކު 20 ތޫފާން އެގައުމަށް އަރާއިރު، މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ 2013 ވަނަ އަހަރު އެރި ހައިޔާން ތޫފާންގަ އެވެ.

އެ ތޫފާނުގައި ފިލިޕީންސުން އެކަނިވެސް 6300 މީހުން މަރުވެ އެތައް ލައްކަ ބަޔަކު ހާލުގައި ޖެހުނެވެ. އޭގެ ފަހުން 2014 ވަނަ އަހަރު އެރި ތޫފާން ރާއީ ގައި ލިބުނު ގެއްލުންތަކުގައި 400 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހުނެވެ.