Roadha Mihaaru

މާލޭގައި ފެންބޮޑުވެ، ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީ ހިޔާތަކަށް

މާލެ އަށް އިއްޔެ ކުރި ވިއްސާރައިގައި ފެންބޮޑުވެ، ގެތަކުން ނަޖިސް ބޭރުވުމުގެ ސަބަބުން ހަތަރު ގެއެއްގެ މީހުންނަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

02 މާޗް 2025

މާލެ އަށް އިއްޔެ ކުރި ވިއްސާރައިގައި ފެންބޮޑުވެ، ގެތަކުން ނަޖިސް ބޭރުވުމުގެ ސަބަބުން ހަތަރު ގެއެއްގެ މީހުންނަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

އެ އިދާރާ އިން ބުނީ ވިއްސާރައިގައި މާލެ އަށާއި އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާތީ އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާ ކަމަށެވެ.

އިއްޔެ އާއި ރޭ މާލެ އަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ނަޖިސް ބޭރުވުމުގެ ހާދިސާތައް ހިނގާފައިވާތީ ހަތަރު ގެއަކުން 40 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކޮށް، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

އެ އިދާރާ އިން ބުނިގޮތުގައި، އަތޮޅު ތެރެއިން ކ. ހިންމަފުއްޓާއި ހުރާ އަދި ގުރައިދޫ އަށް ބޯކޮށް ވާރޭ ވެހިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާއިރު، އެ އަތޮޅު ތުލުސްދޫގައި ފެންބޮޑުވެ ބައެއް ގެތަކުން ނަޖިސް ލީކުވެފައިވާ ކަމަށެވެ.

މޫސުމާ ބެހޭ އިދާރާ އިން މިހާރު ވަނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މިއަދުގެ 11:00 އަށް ޔެލޯ އެލާޓު ނެރެފަ އެވެ. އަދި ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް މެންދުރު 1:30 އާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.

އެ އިދާރާ އިން ބުނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގުގުރައި އަދި ފެން ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެމްއެންޑީއެފުން ރޭ ފަތިހު ބުނީ، މާލޭގެ ހަ ސަރަހައްދެއްގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 85 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 707 ވެލި ބަސްތާ ޖަހައިދީފައިވާ ކަމަށެވެ.