Roadha Mihaaru
އެންމެ އަޑިއަށް ފީނާ މީހާ ރާއްޖެ އަންނަނީ

އެންމެ އަޑިއަށް ފީނާ މީހާ ރާއްޖެ އަންނަނީ

26 ސެޕްޓެމްބަރ 2022

އެންމެ އަޑި އަށް ފީނުމުގެ ދުނިޔޭގެ ރެކޯޑް އޮތް، އަދި ޑީޕަސްޓް މޭންގެ ގޮތުގައި މަޝްހޫރުވެފައިވާ ހާބާޓް ނީޗް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ. އޭނާ ރާއްޖެ އަންނަނީ، ރާއްޖޭގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފްރީ ޑައިވް ހަރަކާތް "ނޭވާ 2"ގައި ބައިވެރިވާށެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެންމެ އަޑި އަށް ފީނުމުގެ ދުނިޔޭގެ ރެކޯޑް އޮތް، އަދި ޑީޕަސްޓް މޭންގެ ގޮތުގައި މަޝްހޫރުވެފައިވާ ހާބާޓް ނީޗް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ. އޭނާ ރާއްޖެ އަންނަނީ، ރާއްޖޭގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފްރީ ޑައިވް ހަރަކާތް "ނޭވާ 2"ގައި ބައިވެރިވާށެވެ.

އެ ހަރާކަތް އިންތިޒާމު ކުރާ ފްރީ ޑައިވުން ބުނީ ހާބާޓް އެ އިވެންޓާއި ގުޅުމަކީ އެ އިވެންޓު އިތުރަށް ފުރިހަމަ ވާނެ ކަމެއް ކަމަށާއި، އެއީ އިވެންޓު އިންތިޒާމު ކުރާ ފަރާތަށާއި ބައިވެރިންނަށް ލިބޭ ފަޚުރެއް ކަމަށެވެ.

ހާބާޓް އަކީ ދުނިޔޭގެ 33 ރިކޯޑެއް ހަދާފައިވާ ޑައިވަރެކެވެ. އަމިއްލަ އަށް ޑައިވްކުރަން ދަސްކުރި ހާބާޓް އަކީ ޑައިވިން ކޮމިއުނިޓީގައި ލެޖެންޑެކެވެ. އޭނާ ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފީނައި، އެކި ރެކޯޑުތައް ހަދައިފަ އެވެ.

ހާބާޓްއާ ގުޅޭ ގޮތުން ނޭވާ 2އިން ކުރި ޕޯސްޓު.

"ނޭވާ 2" އަންނަ މަހުގެ އެކެއްގައި ބާއްވާ ގޮތަށް ހަމަޖެހިފައި ވާއިރު މިއީ ގިނިސް ވޯލްޑް ރިކޯޑުގައި ހިމެނޭނެ ހަރަކާތެއް ކަމަށް ފްރީ ޑައިވުން ބުނެއެވެ. އެ ހަރަކާތަކީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ރިކޯޑު އަދަދަކަށް ބަޔަކު މޫނު އަޑިއަށް ލައިގެން، ދެ މިނެޓަށް ނޭވާ ހިފަހައްޓައިގެން މަޑުކޮށްލާނެ ހަރަކާތެކެވެ.

އެ ހަރަކާތް ބޭއްވުމުގެ މަގުސަދަކީ މޫސުމީ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަމަށް ގެެސް އެކަމާ ގުޅިގެން ކަނޑާއި ކަނޑުގެ ދިރުންތަކަށް އަންނަ ބަދަލުތަކަށް ސަމާލުކަން ގެނައުމެވެ. އެ ހަރަކާތުގެ ޝިއާރަކީ "ވަން ބްރެތް ފޮ ދަ އޯޝަންސް"- ކަނޑަށްޓަކައި އެއް ނޭވާ އެވެ.

ނޭވާ 2 އަށް ތައްޔާރުވުމަށް ކުރިއަށް ގެންދިޔަ ވެޓް ސެޝަންތަކުގެ ތެރެއިން. ބައިވެރިންނަށް މިހާރު ވަނީ ޓްރެއިިނިން ދީ ނިމިފައި. ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނޭވާ 2 އަށް ތައްޔާރުވުމަށް ކުރިއަށް ގެންދިޔަ ވެޓް ސެޝަންތަކުގެ ތެރެއިން. ބައިވެރިންނަށް މިހާރު ވަނީ ޓްރެއިިނިން ދީ ނިމިފައި. ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ނޭވާ 2"ގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރުވަމުން އަންނައިރު، ބައިވެރިންނާއި ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ "ސޭފްޓީ ބަޑީސް" އަށް ބޭނުންވާ ޓްރެއިނިންތައް ވެސް މިހާރު ވަނީ ނިމިފަ އެވެ. އެ ހަރަކާތުގައި 800 އެއްހާ މީހުން ބައިވެރިވާނެ ކަމަށް ފްރީ ޑައިވުން ބުނެ އެވެ.

ފްރީ ޑައިވުން މިދިޔަ އަހަރު ވެސް ވަނީ ގިނިސް ވޯލްލް ރެކޯޑެއް ހެދި ހަރަކާތެއް ބާއްވައިފަ އެވެ. އެ ހަރަކާތުގައި 521 މީހުން ބައިވެރިވެފައި ވެއެވެ. އެ ހަރަކާތަކީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ގިނަ ބަޔަކު އެއްފަހަރާ ޑައިވް ކޮށްގެން ވޯލްޑް ރެކޯޑެއް ހެދި ހަރަކާތެވެ.