Roadha Mihaaru
ސްޓޮކް އެކްސްޗޭންޖުގެ ޕްލެޓްފޯމު އިފުތިތާހުކޮށްފި

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ އޮންލައިން ޕްލެޓްފޯމު އިފުތިތާހުކޮށްފި

28 ސެޕްޓެމްބަރ 2022

ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން، ޕްރައިވެޓް ސެކިއުރިޓީޒްގެ ބާޒާރުގައި މުއާމަލާތްތައް ކުރުމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު (އެމްއެސްއީ) އިން ތައްޔާރުކުރި އޮންލައިން ޕްލެޓްފޯމު މިއަދު އިފުތިތާހުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން، ޕްރައިވެޓް ސެކިއުރިޓީޒްގެ ބާޒާރުގައި މުއާމަލާތްތައް ކުރުމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު (އެމްއެސްއީ) އިން ތައްޔާރުކުރި އޮންލައިން ޕްލެޓްފޯމު މިއަދު އިފުތިތާހުކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި "ވިޔަނަ" ޕްލެޓްފޯމު އިފުތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. އެ ޕްލެޓްފޯމު މެދުވެރިކޮށް، ސެކިއުރިޓީޒް ބާޒާރުގެ ޕްރައިވެޓް ސެގްމަންޓުގައި ފަސޭހައިން އިންވެސްޓުކޮށް، ފައިދާ ހޯދޭނެ އެވެ.

"ވިޔަނަ"އާ ގުޅޭ އިތުރު މައުލޫމާތު

މިއަދުގެ ރަސްމިއްޔަތުގައި ވާހަކަ ދައްކަވަމުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، އިންފްލޭޝަން މަތިވަމުންދާ ދަނޑިވަޅެއްގައި ރާއްޖޭގެ ސްޓޮކް އެކސްޗޭންޖު މާކެޓު ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެކި ގައުމުތަކުގެ އިގުތިސާދު އެއްވަރެއްގައި ހިފެހެއްޓުމުގައި ވެސް ސްޓޮކްމާކެޓުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ "ވިޔަނަ" ޕްލެޓްފޯމާ އެކު ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖު މާކެޓުން ފަހި ފުރުސަތުތަކެއްގެ ދޮރު ހުޅުވި، މާލީ ގިނަ ފައިދާތަކަކަށް މަގުފަހިވާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި އެމްއެސްއީ އާއި ސީއެމްޑީގެ އިސްވެރިންނާއި މިނިސްޓަރު ފައްޔާޒު ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ރަސްމިއްޔާތުގައި އެމްއެސްއީ އާއި ސީއެމްޑީގެ އިސްވެރިންނާއި މިނިސްޓަރު ފައްޔާޒު ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްއެސްއީގެ ސީއީއޯ އައުޝަން ލަތީފު ވިދާޅުވިގޮތުގައި، އެ ޕްލެޓުފޯމުގެ ސަބަބުން މާލީ ދާއިރާގައި ހުރި ފުރުސަތުތައް އިތުރުވާނެ އެވެ. އަދި ކެޕިޓަލް އިތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ލިބޭނެ ކަމަށާއި ސްޓޮކް މާކެޓުގައި ދިމާވާ އިދާރީ ދަތިތައް އެ ޕްލެޓްފޯމުގެ ސަބަބުން ހައްލުވާނެ ކަމަށް ވެސް ވިދާޅުވި އެވެ

"ވިޔަނަ" ޕްލެޓްފޯމު އިފުތިތާހުކުރި ނަމަވެސް، އޭގެ ބީޓާ ވާޝަން ބޭނުން ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. "ވިޔަނަ" އަކީ އަމިއްލަ ކުންފުނިތަކުގެ މަސްއޫލުވެރިކަން ޕަބްލިކް ކުންފުންޏަކަށް ބަދަލުނުކޮށް، ސެކިއުރިޓީޒް ދޫކޮށްގެން، ފައިސާ ހޯދުމުގެ ފުރުސަތުތައް ކުންފުނިތަކަށް ލިބޭ ޕްލެޓްފޯމެކެވެ.

"ވިޔަނަ" މެދުވެރިކޮށް މުއާމަލާތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ޕޯޓަލުގައި ރަޖިސްޓަރީވުމަށް ފަހު ބޭނުންވާ މުއާމަލާތްތައް ކުރެވޭނެ އެވެ. އެ ޕޯޓަލުގައި ރަޖިސްޓަރީ ވެވޭނީ ރީޓެއިލް އިންވެސްޓަރުންނާއި އިންސްޓިޓިއުޝަނަލް އިންވެސްޓަރުން ނުވަތަ އިޝުއާއެއްގެ ގޮތުގަ އެވެ.