Roadha Mihaaru

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން އޮންލައިން ޓްރޭޑިން ސިސްޓަމެއް ތައާރަފްކޮށްފި

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އިން ލިސްޓުކޮށްފައިވާ ސެކިއުރިޓީޒް ޓްރޭޑް ކުރުމަށް އޮންލައިން އޮޓޮމޭޓަޑް ޓްރޭޑިން ނިޒާމެއް ގާއިމްކޮށް، ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފި އެވެ.

އޮންލައިން ޓްރޭޑިން ސިސްޓަމް ތައާރަފްކޮށްފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

23 ޖެނުއަރީ 2025

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އިން ލިސްޓުކޮށްފައިވާ ސެކިއުރިޓީޒް ޓްރޭޑް ކުރުމަށް އޮންލައިން އޮޓޮމޭޓަޑް ޓްރޭޑިން ނިޒާމެއް ގާއިމްކޮށް، ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމު ކުރި އޮންލައިން ޓްރޭޑިން ސިސްޓަމް ލޯންޗުކުރީ އެމްއެސްއީ އިން އެ ކުންފުނީގެ 17 ވަނަ އަހަރީ ދުވަހާ ދިމާކޮށެވެ.

އެމްއެސްއީ އިން ލޯންޗުކޮށްފައިވާ އޮޓޮމޭޓަޑް ޓްރޭޑިން ނިޒާމުގެ ތެރޭގައި، ސެކިއުރިޓީޒް މާކެޓުގައި ރަޖިސްޓަރީކޮށްގެން ބްރޯކަރުންގެ ހިދުމަތްދެމުން ގެންދާ ކުންފުނިތަކަށް ސްޓޮކް އެކްސްޗޭންޖަށް ލައިވްކޮށް އިންވެސްޓަރުންގެ އޯޑަރުތައް ފޮނުވުމަށް މަގުފަހިކޮށްދީފައިވެ އެވެ. އަދި އޯޑަރުތައް މާކެޓުގައި ޓްރޭޑިން ބޯޑަށް ވަގުތުން ފޮނުވުމަށާއި، އޮޓޮމޭޓަޑް ޓްރޭޑިން ނިޒާމުގެ ތެރެއިން މެޗްކުރުމަށް ޒަމާނީ ޓެކްނޮލޮޖީގެ ޒަރީއާއިން މަގުފަހިކޮށްދިނުމުގެ ގޮތުން، "އޯޑާ މެނޭޖްމަންޓް ސިސްޓަމް (އޯއެމްއެސް)"ގެ ނަމުގައި ބްރޯކާ ބެކް އޮފީސް ވެބް އެޕްލިކޭޝަނެއް ވަނީ ހިމަނައިފަ އެވެ.

އޭގެ އިތުރުން މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނި (އެމްއެސްޑީ)އިން އެ ކުންފުނީގެ ހިދުމަތްތައް އެކައުންޓު ހޯލްޑަރުންނަށް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ infinity.mv ވެބްސައިޓްގައި "ޓްރޭޑް ކަނެކްޓް" ގެ ނަމުގައި އާ ފީޗާއެއް ވަނީ ތައާރަފުކޮށްފަ އެވެ. އެ ފީޗާއިން އިންފިނިޓީ އެކައުންޓު ހޯލްޑަރުންނަށް ފަސޭހަކަމާ އެކު ބްރޯކަރެއް ހިޔާރުކޮށްގެން އޮންލައިންކޮށް ޓްރޭޑް ކުރެވޭނެ އެވެ.

އެމްއެސްއީގެ ޓްރޭޑިން އިންފްރާސްޓްރަކްޗާ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން، މިއަދު ލޯންޗުކުރި އޮޓޮމޭޓަޑް ޓްރޭޑިން ސިސްޓަމްގެ ސަބަބުން، އިންވެސްޓަރުންނަށް ފަސޭހަކަމާއެކު ރާއްޖޭގެ ސެކިއިރިޓީޒްގެ ބާޒާރުގައި ޓްރޭޑުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެމްއެސްއީއިން ބުންޏެވެ.

އެމްއެސްއީއިން ބުނީ އޮޓޮމޭޓަޑް ޓްރޭޑިން ސިސްޓަމްގެ އިންޓާނަލް ޑިވެލޮޕްމަންޓު ފުރިހަމަކޮށް، ލިމިޓެޑް ޔޫޒާސް ތަކަކާ އެކު މިދިޔަ ޖޫން މަހުން ފެށިގެން އެ ސިސްޓަމް ބީޓާކޮށް ލައިވްކޮށްފައިވާ ކަމަށެވެ. އަދި ބަލަން ޖެހޭ ރެގިއުލޭޓަރީ ކަންކަން ބަލައި ފުރިހަމަކުރުމަށް ފަހު، ސީއެމްޑީއޭ އިން އެމްއެސްއީގެ އޮޓަމޭޓަޑް ޓްރޭޑިން ނިޒާމަށް، އިއްޔެ ރެގިއުލޭޓަރީ އެޕްރޫވަލް ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.

އިންވެސްޓަރުންނަށް އިންފިނިޓީގެ ޒަރިއްޔާއިން ބްރޯކަރުން މެދުވެރިކޮށް ޓްރޭޑު ކުރުމަށް، އިންފިނިޓީއަށް ވަނުމަށް ފަހު ޕްލެޓްފޯމުގެ މައި ރިބަންގައި ހިމެނޭ "ޓްރޭޑް ކަނެކްޓް" ޓެބު މެދުވެރިކޮށް ބްރޯކަރުންގެ ހިދުމަތްތަކަށް ވާސިލުވެގެން ރިއަލް-ޓައިމްކޮށް މުއާމަލާތްތައް ކުރިއަށް ގެންދެވޭނެ އެވެ. ކޮންމެ އިންވެސްޓަރަކަށްވެސް އެއިންވެސްޓަރަކު ހިޔާރުކޮށްފައިވާ ބްރޯކަރު މެދުވެރިކޮށް، ނުވަތަ އާ ބްރޯކަރާކާއި އެކު ރަޖިސްޓްރީ ކޮށްގެން ކޮންމެ ވަގުތެއްގައިވެސް ޓްރޭޑު ރިކުއެއްސްޓު ކުރުމުގެ ފުރުސަތު ވެސް އެ ނިޒާމުގެ ތެރެއިން ލިބޭނެ އެވެ. އަދި އިންވެސްޓަރުން އިންފިނިޓީ މެދުވެރިކޮށް ހުށަހަޅާ ކޮންމެ ޓްރޭޑު ރިކުއެސްޓެއް ވެސް ސްޓޮކް އެކްސްޗޭންޖަށް ފޮނުވުމުގެ ކުރިން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ބްރޯކަރުގެ ފަރާތުން ވެރިފައި ކުރެވޭނެ އެވެ.

އެމްއެސްއީގެ އޮޓޮމޭޓަޑް ޓްރޭޑިން ނިޒާމަކީ، އިންވެސްޓަރުންނަށް ފަސޭހަކަމާ އެކު ޓްރޭޑު ކުރުމުގެ މަގު ފަހިކޮށްދިނުމަށް ގާއިމްކުރެވިފައިވާ ވަސީލަތެއްގެ ގޮތުގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ސިފަ ކުރެ އެވެ.

އެ ކުންފުނިން ބުނީ އިންފިނިޓީގެ ޓްރޭޑް ކަނެކްޓް މެދުވެރިކޮށް މާކެޓްގެ އެންމެ ފަހުގެ މައުލޫމާތާއި، އަގުތަކަށް އައިސްފައިވާ ބަދަލުތަކާއި، އޯޑާ ބުކްގެ ތަފްސީލުތައް އިންވެސްޓަރުންނަށް ފަސޭހަކަމާ އެކު ލިބެން ހުންނާނެ ކަމަށެވެ. އޭގެ ސަބަބުން، މާކެޓުގެ ޓްރާންސްޕޭރަންސީ އިތުރުވެ، އިންވެސްޓަރުންނަށް އެކަށީގެންވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެމްއެސްއީއިން ތައާރަފްކޮށްފައިވާ އޮޓޮމޭޓަޑް ޓްރޭޑިން ނިޒާމަކީ، ބްރޯކަރުންނަށް، ބްރޯކަރުންގެ އަމިއްލަ ހިދުމަތްދޭ އެޕްލިކޭޝަންތައް އޭޕީއައި ބޭނުންކޮށްގެން ފަސޭހަކަމާއެކު ޕްލަގްއިން ކުރެވޭގޮތަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ނިޒާމެކެވެ. އެމްއެސްއީއިން ބުނީ ކުރިއަށް އޮތް ތަނުގައި ބްރޯކަރުންގެ ހިދުމަތްތައް މާކެޓުގައި އިތުރަށް ފުޅާކުރުމަށް އެ ނިޒާމުގެ ތެރެއިން މަގުފަހިވެގެންދާނެ ކަމަށެވެ.

އެމްއެސްއީ އިން ވަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެކި ހިދުމަތްތައް މާކެޓަށް ނެރެފަ އެވެ. އޭގެ ތެރޭގައި އިންވެސްޓަރުންނަށް މާކެޓްގެ ހިދުމަތްތަކަށް ވާސިލުވެވޭ ސެލްފް-ސާވިސް ޕޯޓަލްއެއް ކަމުގައިވާ "އިންފިނިޓީ"؛ އިލެކްޓްރޯނިކް އޭޖީއެމް މެނޭޖްމަންޓް އަދި އީ-ވޯޓިން ސިސްޓަމެއް ކަމުގައިވާ "ފަހިވޯޓް"، ލިސްޓުކޮށްފައިވާ ކުންފުނި ތަކުގެ ހިއްސާދާރުންގެ ދަފްތަރު ބެލެހެއްޓުމުގެ ކަންކަން ހަރުދަނާކުރުމަށް، ސެކިއުރިޓީޒް ރެޖިސްޓްރީ މެނޭޖްމަންޓް ސިސްޓަމް (އެސްއާރްއެމްއެސް) އަދި ޕްރައިވެޓް މާކެޓް ޕްލެޓްފޯމެއް ކަމުގައިވާ "ވިޔަނަ" އެމްއެސްއީގެ އަމިއްލަ އުފެއްދުންތަކުގެ ގޮތުގައި ވަނީ ތައާރަފްކޮށްފަ އެވެ.

ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނުގެ ދަށުން ޕްރައިވެޓް ސްޓޮކް އެކްސްޗޭންޖެއްގެ ގޮތުގައި އެމްއެސްއީ ރަޖިސްޓްރީކޮށް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) އަށް ލައިސަންސް ދިނީ 2008 ވަނަ އަހަރު ޖެނުއަރީ 23 ގަ އެވެ.