Roadha Mihaaru
އަންނަ ސީޒަނުގައި މެސީ ގެންނަން މާލީގޮތުން ހުރަހެއްނެތް

އަންނަ ސީޒަނުގައި މެސީ ގެންނަން މާލީގޮތުން ހުރަހެއް ނެތް: ބާސެލޯނާ

29 ސެޕްޓެމްބަރ 2022

ބާސެލޯނާ (ސެޕްޓެމްބަރު 29) - އަންނަ ސީޒަނުގައި ލިއޮނެލް މެސީ ގެނައުމުގައި މާލީގޮތުން އެއްވެސް ހާސްކަމެއް ނެތް ކަމަށް ބާސެލޯނާގެ ނައިބު ރައީސް އެޑުއާޑް ރޮމެއޫ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާސެލޯނާ (ސެޕްޓެމްބަރު 29) - އަންނަ ސީޒަނުގައި ލިއޮނެލް މެސީ ގެނައުމުގައި މާލީގޮތުން އެއްވެސް ހާސްކަމެއް ނެތް ކަމަށް ބާސެލޯނާގެ ނައިބު ރައީސް އެޑުއާޑް ރޮމެއޫ ބުނެފި އެވެ.

މިހާރު ފްރާޏްސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ އުމުރުން 35 އަހަރުގެ މެސީ، ބާސެލޯނާ ދޫކޮށް މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވީ، ބާސެލޯނާގެ މާލީ ދަތިތަކާ ހުރެ ލަ ލީގާގެ ފައިނޭންޝަލް ފެއާޕްލޭ ގަވާއިދަށް ނުފެތޭތީ އެވެ. ޕީއެސްޖީ އާއެކު މި ސީޒަނުގެ ނިޔަލަށް މެސީގެ ކޮންޓްރެކްޓް ހަމަވާއިރު، ހިލޭ ޓްރާންސްފާގައި އޭނާ އަންނަ ސީޒަނުގައި އެނބުރި ބާސެލޯނާއަށް ބަދަލުވާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރެ އެވެ.

"އެއީ މާލީގޮތުން ކުރެވިދާނެ ކަމެއް. އެއީ އޭނާ އަތުވެއްޖެ ނަމަ އަންނާނީ ހިލޭ ޓްރާންސްފާގައި،" މެސީ އެނބުރި ބާސެލޯނާއަށް ގެނައުމުގެ މާލީ ތަނަވަސްކަން އެބަހުރިތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން، ކެޓަލޫނިއާގެ ރޭޑިއޯ އިންޓަވިއު އެއްގައި ރޮމެއޫ ބުންޏެވެ.

ބާސެލޯނާގެ ނައިބު ރައީސް ރޮމެއޫ، އޭނާ ބުނީ ހިލޭ ޓްރާޏްސްފާގައި މެސީ ކުލަބަށް ގެނައުމުގައި ދައްޗެއް ކުރިމަތި ނުވާނެ ކަމަށް.

ބާސެލޯނާގެ ނައިބު ރައީސް ރޮމެއޫ، އޭނާ ބުނީ ހިލޭ ޓްރާޏްސްފާގައި މެސީ ކުލަބަށް ގެނައުމުގައި ދައްޗެއް ކުރިމަތި ނުވާނެ ކަމަށް.

"އެކަމަކު އެއާ މެދު ގޮތެއް ނިންމުން އޮތީ ކޯޗިން ސްޓާފުންނާއި ކުޅުންތެރިޔާގެ އަތް މަތީގައި. (ޓީމަށް ގެންނާނެ ކުޅުންތެރިން ނިންމުމަކީ) އަހަރެންގެ މަސައްކަތެއް ނޫން. އެކަމަކު މި ބުނަނީ އެއީ ކުރެވޭނެ ކަމެކޭ."

ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވެސް ވަނީ މީގެ ކުރިން، މެސީ އެނބުރި ބާސެލޯނާއަށް ގެންދަން ބޭނުންވާކަން ހާމަ ކޮށްފަ އެވެ. އަދި މެސީ ޓީމު ދޫކޮށް ދިޔައީ މަޖުބޫރު ވެގެން ކަމަށާއި، ބާސެލޯނާގައި އެއަށް ވުރެ "ރީތި ނިމުމެއް" މެސީ އަށް ހޯދައިދިނުމަކީ އޭނާގެ ޒިންމާއެއް ކަމަށް ވެސް ލަޕޯޓާ ބުނެ އެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވެސް، އޭނާއާ އެކު ކުރިން ކުޅުނު މެސީ އަލުން ޓީމަށް ގެންނަން ޝައުގުވެރިކަން ފާޅު ކުރި އިރު، ނިމުނު ޓްރާންސްފާ ބާޒާރުގައި އޭނާ ބުނީ، ކުރިމަގުގައި މެސީ އަލުން ބާސެލޯނާއަށް ގެނެވޭތޯ އުއްމީދު ކުރާ ކަމަށެވެ.

އެހެން ނަމަވެސް މިވަގުތު މެސީގެ ހުރިހާ ވެސް ފޯކަސް އެއް ހުރީ ކުރިއަށް އޮތް ވޯލްޑް ކަޕުގައި އާޖެންޓީނާއަށް ކާމިޔާބު ހޯދައިދިނުމަށާއި، ކާމިޔާބު ކަމާ އެކު ޕީއެސްޖީގައި ސީޒަން ނިންމާލާށެވެ.

މެސީ ބާސެލޯނާ ދޫކޮށް ދިޔަ ފަހުން އެޓީމުގެ ހާލަތު ވަރަށް ބޮޑަށް ދަށްވި އެވެ. މި ޓްރާންސްފާ ބާޒާރުގައި ރޮބާޓް ލެވަންޑޯސްކީ އާއި ޔޫލުސް ކޫންޑޭ އަދި ރަފީނިއާ ގަންނަން އެ ކުލަބުން ވަނީ ފިކުރީ މުދާ ވިއްކައިގެން 700 މިލިއަން ޔޫރޯ ހޯދައިފަ އެވެ.

ޕީއެސްޖީގެ ރައީސް ނާސިރު އަލް ޚެލައިފީ ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް، ބާސެލޯނާއިން ފިކުރީ މުދާ ވިއްކައިގެން ހޯދި ފައިސާގެ ތަފްސީލީ ތަހުގީގެއް ކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

"މިއީ އިންސާފުވެރި ކަމެއްތަ؟ ނޫން. މިއީ ހުއްދަ ކަމެއްތަ؟ އަހަރެންނަށް ހިޔެއް ނުވޭ. ބާސެލޯނާއަށް އެކަން ކުރުމުގެ ހުއްދަ ލިބުނީމާ، އެހެން ކުލަބުތަކުން ވެސް އެގޮތަށް އަމަލު ކުރާނެ. ޔޫއެފާގެ އަމިއްލަ ފައިނޭންޝަލް ގަވާއިދުތައް ހުންނާނެ، އަހަރެންނަށް ޔަގީން އެމީހުން އެކަން ތަހުގީގު ކުރާނެ،" ބާސެލޯނާއިން ކުޅުންތެރިން ގަންނަން އެޓީމުން ފައިސާ ހޯދި ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަމުން އެމެރިކާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޚެލައިފީ ބުންޏެވެ.

ފިކުރީ މުދާ ވިއްކައިގެން ހޯދި ފައިދާ އާއެކު ބާސެލޯނާ އިން ވަނީ، ލަ ލީގާ އިން އެޓީމުން ސީޒަނަކަށް ހަރަދު ކުރަން ހުއްދަ ދޭ މިންވަރު، -144 ޔޫރޯ އިން 656.5 މިލިއަން ޔޫރޯ އަށް އިތުރު ކޮށްފަ އެވެ. މިއާ އެކު ހިލޭ ޓްރާޏްސްފާގައި އެޓީމަށް މެސީ ގެނެވޭނެ ފެންވަރު އެބަހުރި ނަމަވެސް، އަދިވެސް ޓީމުގެ މާލީ ހާލަތު އޮތީ އެންމެ ރަނގަޅު ހާލަތުގައި ނޫން ކަމަށް ރޮމެއޫ ބުނެ އެވެ.

"އަހަރެމެންނަށް ކުލަބު (ބަނގުރޫޓު ވުމުން) ސަލާމަތް ކުރެވިއްޖެ. އެކަމަކު އަދިވެސް މާލީގޮތުން ބާސެލޯނާ އޮތީ އެންމެ ފުރިހަމަ ހާލަތުގައެއް ނޫން،" ރޮމެއޫ ބުންޏެވެ.

"އަދިވެސް ހަރަދު ކުޑަކުަން ޖެހޭ ވަރަށް ބައިވަރު މަސައްކަތް ކުރަން. ލަފާ ކުރެވޭ ގޮތުގައި ކުރިއަށް އޮތް ފަސް އަހަރުތެރޭ ކުލަބުގެ މާލީ ހާލަތު ރަނގަޅު ވާނެ. 2024/2025 ސީޒަނުގައި އަހަރެމެން ތިބޭނީ މާލީ ގޮތުން އަހަރެމެން ތިބެން ޖެހޭ އެންމެ ފުރިހަމަ ހާލަތުގައި."