Roadha Mihaaru
އައްލާމާ އިގްބާލްގެ "އިންސާނާ"

އައްލާމާ އިގްބާލްގެ "އިންސާނާ"

10 ޖެނުއަރީ 2017

ތިރީގައި ހުށަހަޅާލެވިފައި ވަނީ ޢައްލާމާ މުހައްމަދު އިޤްބާލުގެ 'އިންސާނާ' މި ޅެމުގެ ދިވެހި ތަރުޖަމާއެކެވެ. ޢައްލާމާ އިޤުބާލަކީ ގާނޫނީ ވަކީލެކެވެ. އަދި ސިޔާސީ ލީޑަރެއް ވެސް މެ އެވެ. ޕާކިސްތާނުގެ ރޫހާނީ ބާނީ ވެސް މެ އެވެ. ނަމަވެސް އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ފަލްސަފާވެރި ޅެންވެރިއެއްގެ ގޮތުގަ އެވެ. އިލްމުވެރި ލިޔުންތެރިއެއްގެ ގޮތުގަ އެވެ. ފާރިސީ ބަހާއި އުރުދޫ ބަހުގެ އެންމެ މަޝްހޫރު އެއް އަދީބުގެ ގޮތުގަ އެވެ.

ތިރީގައި ހުށަހަޅާލެވިފައި ވަނީ ޢައްލާމާ މުހައްމަދު އިޤްބާލުގެ 'އިންސާނާ' މި ޅެމުގެ ދިވެހި ތަރުޖަމާއެކެވެ. ޢައްލާމާ އިޤުބާލަކީ ގާނޫނީ ވަކީލެކެވެ. އަދި ސިޔާސީ ލީޑަރެއް ވެސް މެ އެވެ. ޕާކިސްތާނުގެ ރޫހާނީ ބާނީ ވެސް މެ އެވެ. ނަމަވެސް އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ފަލްސަފާވެރި ޅެންވެރިއެއްގެ ގޮތުގަ އެވެ. އިލްމުވެރި ލިޔުންތެރިއެއްގެ ގޮތުގަ އެވެ. ފާރިސީ ބަހާއި އުރުދޫ ބަހުގެ އެންމެ މަޝްހޫރު އެއް އަދީބުގެ ގޮތުގަ އެވެ.

ޢައްލާމާ މުހައްމަދު އިޤްބާލު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ނޮވެމްބަަރު 9، 1877ގައި ޕަންޖާބުގެ ސިއަލް ކޯޓް ގަ އެވެ. އިޤްބާލް ކިޔަވާ ވިދާޅުވާން ފެއްޓެވީ ވެސް އެ ސަރަހައްދުގަ އެވެ. އެންމެ ފުރަތަމަ މިސްކިތުން އަދި މަދްރަސާ އިން ކީރިތި ޤުރްއާނާއި އަރަބި ބަސް ދަސްކުރެއްވި އެވެ. އެއަށް ފަހު ސިއަލްކޯޓްގެ ބައެއް ކޮލެޖްތަކުންނެވެ. ދެން ލާހޯރުގައި ހުންނަ ގަވަރްމެންޓް ކޮލެޖް ޔުނިވަސިޓީއާ ގުޅިވަޑައިގަތެވެ. ފަލްސަފާ އާއި އިނގިރޭސި އަދަބާއި އަރަބި ބަހުގެ ރޮނގުން އެ ކޮލެޖުން 1897ގައި ފުރަތަމަ ޑިގުރީ ހާސިލު ކުރެއްވި އެވެ. އަދި ޕަންޖާބު ޔުނިވަސިޓީން 1899 ގައި މާސްޓާސް ހާސިލު ކުރެއްވި އެވެ.

ލާހޯރުގައި ކިޔަވާ ވިދާޅުވި ދުވަސްވަރު އިޤްބާލަށް ފަލްސަފާ ކިޔަވައިދެއްވި އުސްތާޒެއް ކަމަށްވާ މަޝްހޫރު އިނގިރޭސި މުސްތަޝްރިގު (އޮރިއެންޓަލިސްޓު) އަދި އިސްލާމީ ފަންނުތަކުގެ މުއައްރިޚު ތޯމަސް އާނަލްޑްގެ ނުފޫޒު އިޤުބާލުގެ ކިޔެވުމަށް ފޯރި އެވެ. މިކަމުގެ ނަތީޖާއަކަށް ވީ އިތުރަށް މަތީ ތައުލީމު ހާސިލު ކުރެއްވުމަށްޓަކައި އިނގިރޭސި ވިލާތަށް، 1905ގައި، ވަޑައިގަތުމެވެ. އަދި ކޭމްބްރިޖް ޔުނިވަސިޓީއާ ގުޅިވަޑައިގެން 1906ގައި އިތުރު ބެޗިލާސް ޑިގްރީއެއް ނެންގެވި އެވެ. ދެން، 1907 ގައި ޖަރުމަނަށް ވަޑައިގަތް މިޔުނިކް ޔުނިވަސިޓީން 1908 ގައި ޕީއެޗް.ޑީ ހާސިލު ކުރެއްވި އެވެ.

އައްލާމާ އިޤްބާލުގެ އަމަލީ މަސައްކަތް ފެށުނީ ޕަންޖާބު ޔުނިވަސިޓީގަ އެވެ. އެންމެ ފުރަތަމަ އެ ޔުނިވަސިޓީގައި އަރަބި ބަހާއި އިނގިރޭސި އަދަބާއި އަދި ފަލްސަފާ ކިޔަވާދެއްވި އެވެ. ކުޑަ ދުވަސްކޮޅެއް ވަންދެން ގާނޫނީ ދާއިރާގައި ވެސް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ފަހުން، ލިއުމުގެ މަސައްކަތަށް ވަގުތު ދެއްވުމުގެ ގޮތުން ގާނޫނީ ދާއިރާ ދޫކޮށްލެއްވީ އެވެ.

އިޤްބާލުގެ ލިޔުންތަކާއި ރިސާލަތު

އައްލާމާ އިޤްބާލުގެ ލިއުންތައް ދެ ބަޔަކަށް ބަހައިލެވެ އެވެ. ޅެން ބަހުރުވައިގެ ލިޔުމާއި ނަސްރުން (ޕޮރޯސް އިން) ލިޔެފައިވާ ލިޔުމެވެ. އޭނާގެ ގިނަ ޅެންތައް ހުރީ ފާރިސީ ބަހުންނެވެ. މީގެ އިތުރުން، އުރުދޫ ބަހުން ވެސް ބައެއް ޅެންތައް ލިޔެވިފައިވެ އެވެ.

އޭނާގެ ޅެންތައް، އެކި ދީވާންތަކުގައި ޅެން ފޮތްތަކުގައި ޝާއިއުކުރި އެވެ. ފާރިސީ ބަހުގެ ޅެންތަކުގެ ދީވާނުތަކުގެ ތެރޭގައި "އަސްރާރޭ ޚުދީ" (ނަފްސުގެ ސިއްރުތައް)، "ރުމޫޒޭ ބޭޚުދީ" (ނަފްސު އިންކާރު ކުރުމުގެ ރަމްޒުތައް) "ޕަޔާމޭ މަޝްރިޤް" (އިރުމަތީގެ މެސެޖު) "ޒަބޫރޭ އަޖަމް" (ފާރިސީ މުގައްދަސް ލަވަތައް)، އަދި "ޖާވީދު ނާމާ" (ޖާވީދުގެ ފޮތް) ހިމެނެ އެވެ. އުރުދޫ ބަހުގެ ޅެންތަކުގެ ތެރޭގައި 'ބާންގޭ ދަރާ' (ރަނގަބީލުގެ ގޮވެލި)، "ބާލޭ ޖިބްރީލް" (ޖިބްރީލުގެ ފިޔަފުޅު) އާއި "ޕަސް ޗޭހ ބާޔަދް ކަރްދޭ އަޤްވާމޭ ޝަރްޤް" (އިރުމަތީ ގައުމުތަކުގެ މީހުންނޭވެ، ދެން ކުރަން އޮތީ ކޮން ކަމެއް ހެއްޔެވެ؟)، "ޟަރްބޭ ކަލީމް" (މޫސާގެފާނުގެ [އަސާކޮޅުގެ] ޖެއްސެވުން) "އަރްމުޣާނޭ ޙިޖާޒް" (ޙިޖާޒުކަރައިގެ ހަދިޔާ)، ހިމެނެ އެވެ. އަރްމުޣާނޭ ޙިޖާޒުގައި ފާރިސީ ބައެއް ޅެން ވެސް ހިމެނެ އެވެ.

ޢައްލާމާ އިޤްބާލުގެ ބާންގޭ ދަރާ (ރަނގަބީލުގެ ގޮވެލި) ފޮތުގެ ބޭރުގަނޑު

ޢައްލާމާ އިޤްބާލުގެ ބާންގޭ ދަރާ (ރަނގަބީލުގެ ގޮވެލި) ފޮތުގެ ބޭރުގަނޑު

ނަސްރުން ލިޔުއްވި "އިގުތިސާދީ އިލްމު" އޭނާ ލިޔުއްވީ އުރުދޫ ބަހުންނެވެ. މީގެ އިތުރުން ދެ ފޮތެއް އިނގިރޭސި ބަހުން ވެސް ލިއުއްވި އެވެ. އެއީ އޭނާގެ ދުކްތޫރާ ފާހުގެ (ޕީއެޗް.ޑީގެ) ރިސާލަތު (ތީސިސް) ކަމަށްވާ "ފާރިސްކަރައިގައި މާވަރާއީ ފިކުރު ތަރައްގީވަމުން އައި ގޮތް" މި ފޮތާއި "އިސްލާމީ ދީނީ ފިކުރު އަލުން ބިނާކުރުން' މި ފޮތެވެ.

އައްލާމާ އިޤްބާލުގެ ލިޔުންތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ މުސްލިމުންނަށެވެ. އެ ލިޔުންތަކުގައި ގޮވާލީ އެ މީހުން ދީނީ އަގީދާތަކާއި އުސޫލުތަކުގެ މަތީ ތިބެ އަލުން ކުރިއަރައި ދިޔުމަށް މަސައްކަތް ކުރުމަށެވެ. އޭނާގެ ޅެންތަކުގެ މަގުސަދަކަށް ވެފައި އޮތީ މި މަސައްކަތް ކުރުމުގެ އެދުމާއި އަޒުމް، ހިތްވަރާއި ކެރުން، އެމީހުންގެ ހިތްތަކުގައި އުފެއްދުމެވެ. މިކަމުން، އެމީހުންގެ ނަފްސުތައް ހޭލައްވައިލުމެވެ. މިކަން ކުރުމުގެ ވަރުގަދަ ރޫހެއް އެމީހުންގެ ކިބައިގައި އުފެއްދުމެވެ.

އެހެންވެ، އޭނާގެ ޅެންތައް އަމާޒުކުރެއްވީ އެމީހުންގެ ހިތުގެ އިހުސާސުތަކަށެވެ. އެމީހުންގެ ވުޖްދާނަށެވެ. ޖަޒުބާތުތަކަށެވެ. ޢައްލާމާ އިޤްބާލުގެ މި ރިސާލަތު އޭނާގެ "'އަސްރާރޭ ޚުދީ" (ނަފްސުގެ ސިއްރުތައް) މި ޅެމުން ފެނިގެންދެ އެވެ. މިކަން އިތުރަށް ސާފުކޮށްލުމުގެ ގޮތުން، މި ދީވާނުގެ މައްޗަށް އަވަސް ކަޅިއެއް އެއްލަމާތޯ އެވެ.

"ނަފްސުގެ ސިއްރުތައް" އެންމެ ފުރަތަމަ ޝާއިއުކުރީ 1915 ވަނަ އަހަރު އެވެ. ބައެއް ފާޑުކިޔުންތެރިން ދެކޭ ގޮތުގައި ޢައްލާމާ އިޤްބާލުގެ އެންމެ ރީތި ޅެންބައިތުތައް ހިމެނެނީ މި ދީވާނުގަ އެވެ. މި ދީވާނުގައި ބަލާފައި ވަނީ "ނަފްސު" ނުވަތަ "ޒާތު"ގެ މައްޗަށެވެ. މި ތަނުގައި "ނަފްސު" ނުވަތަ "ޒާތު" ބޭނުންކޮށްފައި މިވަނީ އިންސާނާގެ ޖައުހަރުގެ މާނައިގަ އެވެ. ކީރިތި ޤުރްއާނުގެ އިބާރާތުން ނަމަ "ރޫޙު"ގެ މާނައިގަ އެވެ. އާދެ، އިންސާނާ އަށް ދިރުންދޭ އިލާހީ ބާރުގެ މާނައިގަ އެވެ.

ކޮންމެ މީހަކަށް ވެސް މި ރޫޙު، އިލާހީ މި 'އަނގުރުކޮޅު'، ލިބިފައިވެ އެވެ. ކޮންމެ މީހެއްގެ ވެސް ހަޔާތުގެ މައި މަގުސަދަކަށް ވާން ޖެހޭނީ އޭނާގެ އިލާހީ 'އަނގުރުކޮޅުގައި' ހުޅު ހިއްޕާލުމެވެ. އެމީހެއްގެ 'ރޫހަށް' ދަތުރު ކުރެވެން އޮންނަ އެންމެ މައްޗަށް ދަތުރު ކުރުމަށްޓަކައި މަސައްކަތް ކުރުމެވެ. އާދެ، އީމާންކަން މަތީ ހުރެ، އޭނާގެ ކިބައިގައި ފޮރުވިފައިވާ ކުޅަދާނަކަން ބޭރަށް ނެރުމެވެ. އޭނާގެ އަމިއްލަ ހިތްވަރުންނާއި މަސައްކަތުންނެވެ. އިލްމު އުނގެނި އެކިއެކި ހުނަރުތައް ހޯދައި ލިބިގަނެގެންނެވެ. އޭނާއާ ހަވާލުކޮށްފައިވާ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކަ އެވެ.

އިންސާނާގެ ކިބައިގައި ފޮރުވިފައިވާ އިލާހީ 'އަނގުރުކޮޅު"ގެ މިސާލަކީ އޮށެއްގެ މިސާލެވެ. އެ އޮށުގައި ފޮރުވި ރައްކާކުރެވިފައިވާ މީރު ވަސް ދުވާ މަލަކާއި އަގުހުރި މޭވާ ލިބެނީ އެ އޮށް އިންދައި އެއިން ގަސް ފަޅުވައި އެ ގަސް ހައްދައި ބޮޑުކޮށްގެންނެވެ. އެއޮށް، ބޭރަށް، ފިނިހޫނުގެ ތެރަށް، އެއްލައިލެވި، އަޅައިނުލެވި އޮވެއްޖެ ނަމަ، އެ އޮށުގައި ފޮރުވިފައިވާ 'ރޫޙު' ނުވަތަ އިލާހީ 'އަނގުރުކޮޅު' ނިވި، އަޅި އަށް ވެ، ހުލިވެ ދެ އެވެ.

އިންސާނާ ވެސް އޭނާ އަށް ލިބިފައި އޮތް އިލާހީ އަނގުރުކޮޅު ރޯކޮށް އޭގައި ހުޅު ހިއްޕަން މަސައްކަތް ނުކޮށްފި ނަމަ، އޭނާގެ 'ނަފްސު' ނުވަތަ 'ޒާތް' ހަލާކުވެގެން ދެ އެވެ. މިހެން، އަމިއްލަ ނަފްސު ހަލާކުގެ ތެރެ އަށް އެއްލައިލުމަކީ، އައްލާމާ އިޤްބާލު ދެކެވަޑައިގަންނަވާ ގޮތުގައި، ބޮޑު އިސްރާފެކެވެ. އެ މީހެއްގެ ކިބައިގައި ފޮރުވިފައިވާ މޮޅުކަމެއްގެ، ނުވަތަ، ހުނަރެއްގެ، މޭވާ ލިބިގަތުމަށްޓަކައި ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ.

އާދެ، "ނަފްސުގެ ސިއްރުތައް" މި ޅެން ފޮތުގައި ދިން މެސެޖަކީ މި އެވެ. އަދި، ޢައްލާމާ އިޤްބާލު، މުސްލިމުންނަށް ފޯރުކޮށްދޭން ބޭނުންފުޅުވި މެސެޖަކީ ވެސް މިއެވެ. ކޮންމެ މުސްލިމަކު ވެސް ގަދައަޅައި މަސައްކަތްކޮށްގެން އޭނާގެ އަމިއްލަ ޒާތު ފާޅުކޮށްލަންވީ އެވެ. އިލްމާއި ހުނަރު ލިބިގަނެގެން، އިސްލާމީ އާ ޙަޟާރަތެއް ބިނާކުރުމަށްޓަކައި މަސައްކަތް ކުރަންވީ އެވެ.

އިސްލާމީ ދީނީ ފިކުރު އަލުން ބިނާކުރުން

އަޅުގަނޑު ތަރުޖަމާ ކުރާ "އިންސާނާ"، މި ޅެން ނެގީ އޭނާގެ 'ބާނގޭ ދަރާ' މި ދީވާނުންނެވެ. މި ދީވާނު އޮތީ އުރުދޫ ބަހުންނެވެ. އަޅުގަނޑަށް، އުރުދޫ ބަސް ސީދާ އެބަހުން، އެހެން ބަހަކަށް، ތަރުޖަމާ ކުރެވޭ ފެންވަރަކަށް ނޭނގެ އެވެ. އެހެންވެ، މި ޅެމާއި އަޅުގަނޑު ތަރުޖަމާ ކުރަމުން އަންނަ އައްލާމާ އިޤްބާލުގެ ހޮވާލެވިފައިވާ ބައެއް އެހެން ޅެންތައް ވެސް ތަރުޖަމާ ކުރަނީ، މި ޅެންތަކުގެ އިނގިރޭސި އަދި އަރަބި ތަރުޖަމާގެ ވެސް އެހީއާ އެކުގަ އެވެ.

"އިންސާނާ" މި ޅެމުގެ ތަރުޖަމާ ހުށަހަޅާލުމުގެ ކުރިން، އެންމެ ފުރަތަމަ މި ޅެމުގެ ޚުލާސާއެއް، ލިޔެލާނަމެވެ. މި ޅެމުގައި ބަލާލައިފައި ވަނީ އިންސާނާގެ ހާލަތުގެ މައްޗަށެވެ. އިންސާނާ އަށް، ގުދުރަތުން، ވިސްނުމާއި ފިކުރު ކުރުމުގެ އެކަށޭނަކަށް ދީފައިވާ ކަމެވެ. ނަމަވެސް އޭނާއާ ގުދުރަތުން ހަވާލުކުރި މަސްއޫލިއްޔަތު، އާދެ، މާތްﷲގެ ޚަލީފާއެއްކަމުގައި ބިމުގައި ވުން، އަދާކުރުމުން އިންސާނާ ދުރަށް ދިއުމުގެ ސަބަބުން، އޭނާގެ ހިތްވަނީ ނުތަނަވަސްވެފަ އެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބެ އެވެ. އޭނާގެ ހަޔާތް ވަނީ ހިތި ވެފަ އެވެ.

މިއާ ޚިލާފަށް ދުނިޔޭގެ އެހެނިހެން މަޚްލޫގުތަކުން، އެ އެއްޗިއްސާ ގުދުރަތުން ހަވާލުކުރި ވާޖިބުތައް އަދާ ކުރުމުގައި އުފަލުގައި ދެމި ތިބެ އެވެ. އޭގެ މިސާލު ދެއްކީ ދެމެމުން ދާ ކޯރުތަކުންނެވެ. އެ ކޯރުތަކުގެ ފެންގަނޑު ކަނޑާއި މިލްޖުލްވާ މަންޒަރަށެވެ. ދެން، ޖެހެމުންދާ ނަލަ ރޯޅި އާއި މި ރޯޅި އުޑުމަތީގައި ހެދިފައިވާ ވިލާތަކަށް ކުރުވާ އަސަރަށެވެ. ރޯޅީގެ ސަބަބުން ވިލާތައް ދުވާ ތަނަށެވެ. މިދުވުން ސިފަކޮށްދިނީ ރޯޅީގެ ކޮނޑުމަތީ ބަހައްޓައިގެން ވިލާތައް ގެންދާ ގެންދިޔުމެއްގެ ގޮތުގަ އެވެ.

ދެން ތަރިތަކަށެވެ. ރޭގަނޑު، ފިޔަޖަހާލަ ޖަހާލަ، އުޑުމަތީގައި ހައްޔަރު ވެފައި އެ ތަރިތައް ތިބޭ ތަނަށެވެ. ދެން، އިރަށެވެ. އިރު، އަޅުވެރިއެއް ފަދައިން ދުވާލުގެ އަލިކަމައިގެން ހެނދުނާ އައިސް އެންމެން ހޭލައްވަ އެވެ. އަދި ދުވާލުގެ ވަގުތު ނިމުމަކަށް އައުމުން ފަރުބަދައިގެ ބިއްދޮށަށް ގޮސް ފިލާ ހުރެ އެވެ. ދުނިޔޭގެ މައްޗަށް ގަދަ ރަތް ކުލަ އަރުވާލާފަ އެވެ. މިކަން ސިފަކުރީ އިރު ބޮމުން ގެންދާ ރަތް ކުލައިގެ ރާތަށްޓެއްގެ ގޮތުގަ އެވެ.

އާދެ، ޅެންވެރިޔާގެ ނަޒަރުގައި، ގުދުރަތުން މި ފެންނަ ހުރިހާ މަންޒަރުތަކެއްމެ ބުނެ އިއްވައިދެނީ، ވުޖޫދުގައިވާ ހުރިހާ އެއްޗެއްމެ އެ އެއްޗިއްސާ ގުދުރަތުން ހަވާލުކުރި ވާޖިބު އަދާކުރުމުގައި އުފަލުގައި ދެމިތިބި ވާހަކަ އެވެ. ވިސްނައި ފިކުރު ކުރުމުގެ އެކަށޭނަކަން އެ އެއްޗިއްސަށް ލިބިފައި ނެތް ކަމަށް ވިޔަސް ވެހެވެ. ނަމަވެސް، އިންސާނާ އަށް ގުދުރަތުން އޭނާއާ ހަވާލުކުރި ވާޖިބު އަދާ ނުކުރެވުމުގެ ސަބަބުން، އޭނާ އަށް އޮތީ އޭނާގެ ހަޔާތުގެ ދުވަސްތައް ހިތްހަމަނުޖެހުމުގެ ތެރޭގައި ވޭތު ކޮށްލަން ޖެހިފަ އެވެ.

އިންސާނާ ދުނިޔެ އަށް އައީ ކިހިނެއްކަމާއި ހަޔާތުގެ މާނައަކީ ކޮބައިކަމާއި އޭނާ ނިމިދަނީ ކޮން ތާކަށްކަމާއި މި ކަންކަން ހޯދައިގަތުމުގެ ކުޅަދާނަކަމެއް އޭނާގެ ސިކުނޑިއަކަށް ލިބިފައެއްނުވެ އެވެ. މި ނުކުޅެދުމުގެ ސަބަބުން، އޭނާ އަށް ދާއިމީ އުފަލެއް، އަރާމެއް ނުލިބެ އެވެ. މިކަމުގެ ހައްލަކީ، އިންސާނާ އޭނާ ހެއްދެވި ފަރާތަށް ރުޖޫއަވުމެވެ.

ހަޔާތުގެ ސިއްރުތައް ދެނެގަތުމުގައި، އެކަލާނގެ ހިދާޔަތު ހޯދުމެވެ. އަދި، އޭނާއާ ހަވާލުކުރި ވާޖިބު، އާދެ، މާތްﷲގެ ޚަލީފާކަން ފުރިހަމަ އަށް އަދާކުރުމެވެ. ދުނިޔެ އިމާރާތްކޮށް، ދުނިޔޭގައި އަދުލު އިންސާފު އެންމެންގެ ތެރޭގައި ހަމަހަމަ ގޮތެއްގައި ހިންގާލުމެވެ. އާދެ، ދެން، އިންސާނާ މިޅެން، އޭގެ ތަރުޖަމާއަކާ އެކު ހުށަހަޅާލަމެވެ.

"ޤުދްރަތު ކާ އަޖީބް ޔޭ ސިތަމް ހޭ" މިއީ ޤުދުރަތުގެ ކިހާ އަނިޔާވެރި އަޖައިބެއް ހެއްޔެވެ.

"އިންސާން ކޯ ރާޒް ޖޯ ބަނާޔާ" އިންސާނާއަކީ (އެކި ކަންކަމުގެ) ސިއްރު ހޯދަން މަސައްކަތް ކުރާ މީހަކަށް ހެދުމެވެ.

"ރާޒް އިސްކީ ނިގާހް މޭން ސޭ ޗުޕާޔާ" އެ ސިއްރުތައް އޭނާ އަށް ފެނިދިއުން ފަރުދާ ކުރުމަށް ފަހުގަ އެވެ.

"ބޭތާބް ހޭ ޛައުޤު އާގީ ކާ" (އުނގެނުމުގެ މަސައްކަތުގެ) އެދުން، އޭނާ ވަނީ ވަރުބަލިކޮށް (ހިތަށް ހަމަޖެހުން ލިބުމުން މަހްރޫމުކޮށްލާފަ) އެވެ.

"ކުހލްތާ ނެހީ ބޭހދް ޒިންދަގީ ކާ" ނަމަވެސް ހަޔާތުގެ ސިއްރުތައް (ހަޔާތަކީ ކޮބައިކަމާއި ހަޔާތުގެ މަގުސަދާއި، ފެށުމާއި ނިމުމާއި މިކަންކަމުގެ ސިއްރުތައް)، އޭނާ އަށް ހޯދޭ ގޮތެއް ނުވެ އެވެ.

"ޙައިރަތު އާޣާޒް ވަ އިންތިހާ ހޭ" (ހަޔާތުގެ) ފެށުމުގައި ވެސް އަދި (ހަޔާތް) ނިމިދިޔުމުގައި ވެސް ވަނީ ހައިރާން ކަމެވެ.

"އާއިނޭ ކޭ ގަހރްމޭ އައުރު ކިޔާ ހޭ؟" ހައިރާން ކުރުވާ ކަންކަން ނޫން ކަމެއް (ހަޔާތުގެ) މި ލޯގަނޑުތަކުގެ ގޭގައި ވޭ ހެއްޔެވެ؟

މި ބައިތުގައި ދުނިޔެ ސިފަކޮށްފައި ވަނީ 'ލޯގަނޑުގެ ގެއެއް" (އާއިނޭ ކޭ ގަހރް) ކަމުގަ އެވެ. ހުރިހާ ބިތެއްގައި ލޯގަނޑު ޖަހާފައިވާ ގެއެއްގެ ތެރެއަށް ވަދެ ބަލައިލުމުން ފެންނަ މަންޒަރު ހިތަށް ގެންނަވާށެވެ! ފެށޭ ހިސާބެއް ނިމޭ ހިސާބެއް ކަނޑައަޅާކަށް ނޭނގެ އެވެ. ހަޔާތުގެ ސިއްރުތައް ސިފަކޮށްދީފައި ވަނީ މި މިސާލުންނެވެ. އިންސާނާގެ ސިކުނޑި އަށް އޭގެ ހަގީގަތް ހޯދައި ނުގެނެވޭނޭ ކަންކަމުގެ ގޮތުގަ އެވެ.

"ހޭ ގަރްމޭ ޚަރާމް މަވްޖޭ ދަރްޔާ" ކޯރުގެ ރާޅުތައް ދެމެމުން ދެމެމުން ދެ އެވެ.

"ދަރްޔާ ސޫޔޭ ބެހެރް ޖަދާ ޕޭމާ" އަދި، އޭގެ މަގުގައި، ކޯރު، ކަނޑާއި (މިލްޖުލްވުމަށް)، ދެއެވެ.

"ބާދަލް ކޯ ހަވާ އުޅާ ރަހީ ހޭ" ވައިރޯޅި އުޑުގެ ވިލާތައް ކަހައިލައިގެން ގެންދެ އެވެ.

"ޝާނޯނ ޕޭ އުޅާހތޭ ލާ ރަހީ ހޭ" ވައިރޯޅީގެ ކޮނޑު މައްޗަށް ލައިގެންނެވެ.

"ތާރޭ މަސްތޭ ޝަރާބޭ ތަޤްދީރް" ތަރިތައް ވަނީ ތަޤްދީރުގެ ރަލުން މުޅިން މަސްތުވެފަ އެވެ.

"ޒިންދާނޭ ފަލަކް މޭނ ޕާ ބާ ޒަންޖީރް" އަދި އެ(ތަރިތައް) ވަނީ، އުޑުގެ ޖަލުގައި ކަސްތަޅު އެޅި ހައްޔަރުވެފަ އެވެ.

"ޚޫރްޝީދް، ވޯ ޢާބިދް ސެޙެރް ޚޭޒް" އިރު، ކޮންމެ ހެނދުނަކު ހޭލާ، އެ އަޅުވެރިޔާ،

"ލާނޭ ވާލާ ޕިޔާމޭ ބަރްޚޭޒް" އަދި، "ހޭލާށެވެ"، މިގޮވުން ގޮވާ (އަޅުވެރިޔާ)"

"މަޣްރިބް ކީ ޕަހާރިޔޫންމޭނ ޗުޕް ކަރް" އެހެރީ ހުޅަނގު ފަރާތުގެ ފަރުބަދަތަކުގެ ބިއްދޮށުގައި (ނިވާވެގެން) ފިލަ އެވެ.

"ޕީތާ ހޭ މަޔޭ ޝަފަޤް ކާ ސާޣަރް" ރަތްވިލާގެ ރާ ތަށްޓެއް ބުއިމުގަ އެވެ.

"ލައްޒަތު ގީރޭ ވުޖޫދު ހަރްޝޭ" ކޮންމެ އެއްޗެއްމެ ވުޖޫދުގައި ވިޔަތީވެ އުފާ ފާޅުކުރަމުން ދަނީ އެވެ.

"ސަރް މަސްތޭ މަޔޭ މަޔޫދް ހަރްޝޭ" ކޮންމެ އެއްޗެއްމެ ވަނީ ވުޖޫދުގެ ރަލުން (ރާ ބޮއި) މަސްތުވެފަ އެވެ."

"ކޮއީ ނަހީނ، ޣަމް ގުސާރޭ އިންސާނ" (ނަމަވެސް) އިންސާނާގެ ހިތާމަތައް ފިލުވާލަދޭނެ އެއްވެސް މީހަކު ނެތެވެ.

"ކިޔާ ތަލްޚް ހޭ ރޯޒްގާރޭ އިންސާނ!" އިންސާނާގެ ދުވަސްތައް ހާދަހާވާ ހިއްޗެވެ."

އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ.