Roadha Mihaaru
ކޮލަމް ކޯދު:ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 12

ކޮލަމް ކޯދު: އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 12

19 ޖެނުއަރީ 2017

(ޖެނުއަރީ 5ގެ އަދަދާ ގުޅޭ)

(ޖެނުއަރީ 5ގެ އަދަދާ ގުޅޭ)

އިލާހީ ހިދާޔަތު ބައެއްގެ ކުރިމައްޗަށް ހުށަހަޅާލެވުމުން، އެމީހުން އެ ހިދާޔަތް ބަލައިގަންނާނޭ ގޮތުގެ މައްޗަށް ބަލައި، މީސްތަކުން ބަހާލެވޭ ބައިތަކުގެ ތެރެއިން، ފުރަތަމަ ދެބައި، އާދެ، އިލާހީ ހިދާޔަތް ގަބޫލުކުރާ ތަޤުވާވެރި މުއުމިނުންގެ ވާހަކަ އާއި އެ ވާހަކަތައް އިންކާރުކޮށް އެ ވާހަކަތަކަށް ފުރަގަސްދޭ މީހުންގެ ވާހަކަ ހިމެނޭ ދެބައި، އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ހަތް އާޔަތުގައި ބަޔާންވެ ހިނގައްޖެ އެވެ. ދެން އަށްވަނަ އާޔަތުން ފެށިގެން ވިހިވަނަ އާޔަތުގެ ނިޔަލަށް ބަޔާންކުރެވިފައިވަނީ، އެމީހުންގެ ކުރިމައްޗަށް އިލާހީ ހިދާޔަތުގެ ވާހަކަ ހުށަހަޅާލެވުމުން، އެކަން ގަބޫލު ކުރާކަމަށް އެމީހުންގެ ދުލު ކުރިން ދައުވާކުރިޔަސް އެމީހުންގެ ހިތުގެ އަޑިން އެކަން ގަބޫލު ނުކުރާ މީހުންގެ ވާހަކަ އެވެ.

ހައްގުގެ މަގު ޚިޔާރުކުރުމަށް އެމީހުންގެ ހިތް ނޭދުނުކަމުގައި ވިޔަސް، ހައްގުގެ މަގު އިންކާރުކުރި ކާފިރުން ފަދައިން ފާޅު ގޮތެއްގައި އެކަމާ ދެކޮޅު ހެދުމުގެ ހިތްވަރާއި ކެރުމެއް މިބައިމީހުންގެ ނެތެވެ. އަދި، އެހެންވެ، މިހުށަހަޅާލަން ގަސްދު ކުރާ އާޔަތްތަކުގައި ބަޔާން ކުރެވިފައިވާ ފަދައިން، އެމީހުން ބޭރު ފުށުން ދައްކަމުން އައީ އެމީހުންނަކީ އީމާންވެގެން ތިބި ބައެއް ކަމުގަ އެވެ. އެމީހުންގެ އެތެރެފުށް އެގޮތާ މުޅިން ދިމާ އިދިކޮޅުވިޔަސް ވެހެވެ. އިސްލާމީ ތާރީޚުގައި މިބައި މީހުން ފާހަގަ ކުރެވިފައިވަނީ މުނާފިގުންގެ ގޮތުގަ އެވެ. ދެފުށް ދެގޮތް މީހުންގެ ގޮތުގަ އެވެ.

ނިފާގުކަމުގެ ބައްޔަކީ ވަކި ޒަމާނަކަށް ނޫނީ ވަކި ތަނަކަށް ޚާއްސަވެގެންވާ ކަމެއް ނޫނެވެ. ހުރިހާ ޒާމާނެއްގައްޔާއި އަދި ހުރިހާ ތަނެއްގައިހެން ފެނި އަދި ފެންނަމުންދާ ކަމެކެވެ. މިއާޔަތްތައް ބާވާލެއްވުނު ދުވަސްވަރު މަދީނާގައި އޮތް މުސްލިމުންގެ ޖަމާއަތުގެ ތެރޭގައި ވެސް ނިފާގުކަން އޮތީ ފާޅުވެފަ އެވެ. އަދި މިއާޔަތްތައް، މަދީނާގެ މުނާފިގުންނަށް ރައްދުވެ އެވެ. މިއާޔަތްތައް ވިސްނައި ފަހުމުކޮށްގަތުމަށްޓަކައި މަދީނާގެ މުސްލިމު މުޖުތަމައުގެ ތެރޭގައި ނިފާގުކަން ފާޅުވެގެން ދިޔަގޮތް ދެނެގަތުން މުހިއްމެވެ.

އިސްލާމް ދީން ފާޅުވުމުގެ ކުރިން، މަދީނާގެ އަހުލުވެރިން ނިސްބަތްވަނީ މައިގަނޑު އަރަބި ދެ ގަބީލާ އަކަށެވެ. އައުސު ވަންހަ އާއި ޚަޒްރަޖު ވަންހަ އަށެވެ. ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ އަށް ނަސްރު ދެއްވި އަންސާރިއްޔަ ބޭކަލުންގެ ތެރޭގައި އައުސް ވަންހައިގެ ބޭކަލުންނާއި ޚަޒްރަޖު ވަންހައިގެ ބޭކަލުން ވެސް ހިމެނެ އެވެ. މިބޭކަލުން، ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ އަށް މަދީނާ އަށް ހިޖުރަކުރެއްވުމަށް ދައުވަތު އެރުވި އެވެ. އަދި އެކަލޭގެފާނު އެދައުވަތު ގަބޫލުފުޅު ކުރައްވައި، މަދީނާ އަށް ހިޖުރަކުރެއްވި އެވެ. އަދި މައްކާ އިން އެކަލޭގެފާނަށް ތަބާވި އެހެން މުސްލިމުން ވެސް މަދީނާ އަށް ހިޖުރަކުރެއްވި އެވެ.

ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަ ކުރެއްވުމަށްފަހު، އެއްމެ ފުރަތަމަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި މުސްލިމުންނާއި މަދީނާގެ ޣައިރު މުސްލުމުންނާ ދެމެދު މުއާހަދާ ކުރައްވައި ސުލްހަ ގާއިމު ކުރެއްވި އެވެ. މަދީނާގެ މުސްލިމުންގެ ތެރޭގައި ހިމެނުނީ މައްކާއިން މަދީނާއަށް ހިޖުރަކުރި މުސްލިމުން، އާދެ، މުހާޖިރިއްޔަ މުސްލިމުންނާއި، މަދީނާގެ އަހުލުވެރިންކަމުގައި ހިމެނޭ އަންސާރިއްޔަ މުސްލިމުންނެވެ.

މަދީނާގެ ޣައިރު މުސްލިމުންގެ ތެރޭގައި އަރަބި މުޝްރިކުންގެ ގަބީލާތަކާއި ނަސާރާއިންގެ ގަބީލާތަކާއި ޔަހޫދީ ގަބީލާތައް ވެސް ހިމެނެ އެވެ. މިއެއްބަސްވެވުނު މުއާހަދާގައި ކޮންމެ ޖަމާއަތަކަށް ވެސް އެޖަމާއަތެއްގެ ދީނީ މިނިވަންކަން ލިބިގެންވާކަމާއި އަދި އެމީހުންގެ ތެރޭގައި ހަމަނުޖެހުން އުފެދިއްޖެ ނަމަ ކޮންމެ ޖަމާއަތެއްގެ ބަޔަކުވެސް އަމިއްލަ އަށް އެކަން ހައްލުކުރުމާއި، އެކަން އެމީހުންގެ ތެރޭގައި ހައްލު ނުކުރެވިއްޖެ ނަމަ، އެކަން ހައްލު ކުރުމަށްޓަކައި ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސާލާގެ ކުރިފުޅު މައްޗަށް ހުށަހަޅަން ޖެހޭނޭކަން ވެސް ހިމެނެ އެވެ.

އަދި މީގެ އިތުރުން، އެއްވެސް ބަޔަކު މަދީނާ އަށް ހަމަލާ ދޭން އަތުވެއްޖެ ނަމަ މަދީނާގެ ހުރިހާ ޖަމާއަތެއްގެ މީހުން ވެސް އެކަތިގަނޑަކަށްވެ އެބަޔަކާ ކުރިމަތިލައި ހަނގުރާމަ ކުރުން ވެސް ހިމެނެ އެވެ. މިމުއާހަދާ ތާރީޚުގައި މަޝްހޫރުވެފައިވަނީ 'މަދީނާގެ ގާނޫނު އަސާސީ'ގެ ނަމުންނެވެ. އަދި މީގެ ސަބަބުން، ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާ، މަދީނާގެ ވެރިޔަކަށް ވެވަޑައިގަތެވެ. އަދި އިސްލާމީ ދައުލަތެއް ވެސް ގާއިމުވެގެން ދިޔަ އެވެ.

މުސްލިމުންގެ ތެރޭގައި ނިފާގުގެ ބަލިމަޑުކަން އެއްމެ ފުރަތަމަ ފާޅުވެގެން ދިޔައީ ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާގެ ޒައާމަތުގެ ދަށުގައި އިސްލާމީ ދައުލަތް ގާއިމުކުރެވުމަށް ފަހު އެވެ. ނިފާގު އަލިފާންގަނޑުގެ ހުޅު ރޯވުމަށް މެދުވެރި ކުރުވި ސަބަބަކީ އިސްލާމީ ދައުލަތް ގާއިމު ކުރެވި، މުސްލިމުންނަށް ކާމިޔާބީ ލިބި، މުސްލިމުންގެ ބާރު މަދީނާގައި ވަރުގަދަވާން ފެށުމެވެ. އަދި މިކަމާ ދޭތެރޭ މަދީނާގެ ބައެއް މީސްމީހުން ހިތްހަމަ ނުޖެހުމެވެ.

މަދީނާގައި އިސްލާމީ ދައުލަތެއް ގާއިމު ކުރެވުނު އިރު، އެމީހުން ހިމެނުނީ މަދީނާގައި އެދުވަސްވަރު ދިރިއުޅުނު ޖަމާއަތްތަކުގެ ތެރެއިން އިގުތިސާދީ ގޮތުން އެންމެ ނިކަމެތި ޖަމާއަތަށެވެ. މުސްލިމުންގެ ބޮޑުބައެއް، އާދެ، މުހާޖިރިއްޔަ ބޭކަލުން ދިރިއުޅޭނޭ ތަނެއް ދިރިއުޅޭނޭ ގޮތެއް ނެތެވެ. މިކަމަށް ވަގުތީ ހައްލެއްގެ ގޮތުން، ސަލާމާއި ސަލަވާތް ލެއްވި ކީރީތި ރަސޫލާ އިޚުވަތުގެ މުއައްސަސާ ގާއިމު ކުރެއްވި އެވެ. މުހާޖިރިއްޔަ ބޭކަލުންނާއި އަންސާރިއްޔަ ބޭކަލުންގެ މެދުގައި އުޚުވަތްތެރިކަން ގާއިމު ކުރެއްވި އެވެ.

މި އިޚުވަތުގެ މުއައްސަސާގެ ދަށުން ކޮންމެ އަންސާރިއްޔަ ބޭކަލަކާއި މުހާޖިރިއްޔަ ބޭކަލެއް ހަވާލުކުރައްވައި އަޚެއް ފަދައިން ބައްލަވައި ގެންގުޅުއްވުން ހަމަޖެއްސެވި އެވެ. މިކަމުން، ހިޖުރަ އިން ފުރަތަމަ އަހަރު މުސްލިމުންގެ އިގުތިސާދީ ހާލަތު އޮތް ނިކަމެތި ދަރަޖަ ތަސައްވުރު ކޮށްލެވޭނެ އެވެ.

ހިޖުރަ އިން ދެވަނަ އަހަރަށް އެޅި އަދި އެ އަހަރުގެ ރަމަޟާން މަހު މައްކާގެ މުޝްރިކުންނާ ދެކޮޅަށް ބަދުރު ހަނގުރާމަ ކުރެވި މި ހަނގުރާމައިގައި މުސްލިމުންނަށް ކާމިޔާބު ލިބުނެވެ. އަދި މިކާމިޔާބީއާ ވިދިގެން މުސްލިމުންނަކީ ވެސް އަރަބީންގެ ތެރޭގައި ބާރެއް ކަމުގައި ބެލެވެން ފެށި އެވެ. މިހިސާބުން ފެށިގެން މަދީނާގެ ބައެއް މީސްމީހުން ހިތްހަމަ ނުޖެހުނެވެ. އެމީހުންގެ އިސް މީހެއްގެ ގޮތުން ހުރީ ޚަޒްރަޖު ވަންހައިގެ މީހެއް ކަމަށްވާ އަބްދުﷲ ބިން ސަލޫލު އޭ ކިޔުނު މީހެކެވެ.

އަބްދުﷲ ބިން ސަލޫލަކީ އިސްލާމް ދީން ފާޅުވުމުގެ ކުރިން މަދީނާގެ ޒައީމުންގެ ތެރޭގައި ހިމެނުނު ޒައީމެކެވެ. އަދި، މަދީނާގެ ވެރިކަން މީނާއާ ހަވާލުކުރުމަށް މަދީނާގެ އަހުލުވެރިން އެއިރު އޮތީ ނިންމާފަ އެވެ. ނަމަވެސް، އިސްލާމް ދީން ފާޅުވެ މަދީނާގައި އިސްލާމް ދީން ފެތުރި އަދި ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ މަދީނާ އަށް ހިޖުރަ ކުރައްވައި އެކަލޭގެފާނުގެ ޒައާމަތުގެ ދަށުގައި އިސްލާމީ ދައުލަތެއް ގާއިމު ކުރެވުމުން، އަބްދުﷲ ބިން ސަލޫލަށް ލިބެން އޮތް ވެރިކަން ގެއްލިގެން ދިޔައީ އެވެ.

އަދި، ބަދުރު ހަނގުރާމާއިގައި މުސްލިމުންނަށް ކާމިޔާބު ލިބުމާ ގުޅިގެން މީނާ އަށް އެނގި ވިސްނުނީ މުސްލިމުންގެ ބާރު އެހާ ފަސޭހައިން ނެތިގެން ނުދާނޭ ކަމެވެ. އެހެންވެ، ހިތުގެ ނުރުހުމާއެކު ވެސް އޭނާ އިސްލާމްވެ، ބޭރުފުށުން މުސްލިމެއްގެ ގޮތުގައި އުޅެން ފެށީ އެވެ. އަދި، މީނާ އަށް ތާއީދު ކުރާ ބަޔަކު ވެސް މިގޮތުގައި އުޅެން ފެށި އެވެ. އަދި، މުސްލިމުންގެ ގޮތުގައި ތިބެ މުސްލިމުންނަށް ގެއްލުން ދިނުމަށް މި މުނާފިގުންގެ ޖަމާއަތުން ކަންތައް ކުރަމުން ގެންދިޔަ އެވެ.

މި މީހުންގެ ގެއްލުން ދިނުން އެންމެ ފާޅު ގޮތެއްގައި ފެނިގެން ދިޔަ އެއް ދުވަހަކީ އުހުދު ހަނގުރާމައިގެ ދުވަހެވެ. އަބްދުﷲ ބިން ސަލޫލާއި އޭނާގެ ޖަމާއަތުގައި ހިމެނުނު 250 ވަރަކަށް މީހުން މުސްލިމުންގެ ލަޝްކަރުން ވަކިވެގެން ދިޔަ އެވެ. މައްކާގެ މުޝްރިކުންގެ ފަރާތުން މަދީނާ އަށް ނުރައްކާތެރިކަން ކުރިމަތިވެފައި ވަނިކޮށް، އެމީހުންނާ ހަނގުރާމަކުރުމަށް އުޒުރުވެރިވެ، އެކަމުން ރެކިގަންނަމުންނެވެ. ކޮންމެއަކަސް އަލްބަގަރާ ސޫރަތުގެ 13ވަނަ އާޔަތުން ފެށިގެން 20ވަނަ އާޔަތުގެ ނިޔަލަށް އައިސްފައި ވާހަކަތައް އެންމެ ފުރަތަމަ ނިސްބަތްވަނީ މަދީނާގައި އުޅުނު އަބްދުﷲ ބިން ސަލޫލުގެ މުނާފިގު ޖަމާއަތުގެ މީހުންނަށެވެ.

މުނާފިގުންގެ ވާހަކަ ބަޔާންކޮށްދޭ މިބައިގައި ހިމެނޭ ތޭރަ އާޔަތުގައި ތިން ނުކުތާއެއް ފާހަގަ ކުރެވިފައިވެއެވެ. އެންމެ ފުރަތަމަ، އަށްވަނަ އާޔަތުން ފެށިގެން ދިހަވަނަ އާޔަތުގެ ނިޔަލަށް، އެމީހުންގެ ހާލަތު ބަޔާން ކޮށްދެވިފައިވެ އެވެ. ދެން އެގާރަ ވަނަ އާޔަތުން ފެށިގެން ސޯޅަ ވަނަ އާޔަތުގެ ނިޔަލަށް އެމީހުންގެ ބައެއް ސިފަތައް ނަންގަނެވިފައިވެ އެވެ. އަދި އެއަށް ފަހު، ސަތާރަ ވަނަ އާޔަތުން ފެށިގެން ވިހިވަނަ އާޔަތުގެ ނިޔަލަށް އެމީހުންގެ ހާލަތު އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން ދެމިސާލެއް ގެނެސް ދެވިފައިވެއެވެ. ދެން މިއާޔަތްތަކުގެ މާނައަށާއި އޭގެ ތަފްސީރުގެ މައްޗަށް ބަލައިލަމާތޯ އެވެ. އެންމެ ފުރަތަމަ އަށްވަނަ އާޔަތުން ފެށިގެން ދިހަވަނަ އާޔަތުގެ ނިޔަލަށެވެ.

8 وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّـهِ وَبِالْيَوْمِ الْآخِرِ وَمَا هُم بِمُؤْمِنِينَ މާނައީ؛ އަދި މީސްތަކުންގެ ތެރޭގައި ތިމަންމެން މިތިބީ (މާތް) ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވެގެންނޭ (ދުލުކުރިން) ބުނެއުޅޭ ބަޔަކުވެސް އުޅެ އެވެ. އެމީހުންނަކީ (ފަހަރެއްގައި ވެސް) އީމާންވެގެންވާ (މީހުންގެ ތެރޭގައި ހިމެނޭ) ބައެއް ނޫނެވެ.

9 يُخَادِعُونَ اللَّـهَ وَالَّذِينَ آمَنُوا وَمَا يَخْدَعُونَ إِلَّا أَنفُسَهُمْ وَمَا يَشْعُرُونَ މާނައީ؛ (އެމީހުން ހިތުން)، އެމީހުން، (މާތް) ﷲއަށާއި އަދި އީމާންވީ މީހުންނަށް (އެމީހުންގެ ހަގީގަތް ފޮރުވައި) އޮޅުވާލަނީ އެވެ. (ނަމަވެސް) އެމީހުން، އެމީހުންގެ އަމިއްލަ ނަފްސު ނޫން ބަޔަކަށް (މި ކަމެއް) އޮޅުވައެއް ނުލެވެއެވެ. އަދި (އެއްމެ ކުޑަވެގެން، މިކަން އޮޅުވާ ނުލެވޭކަން) އެމީހުންނަކަށް ނުވެސް އެނގޭ މެ އެވެ.

10 فِي قُلُوبِهِم مَّرَضٌ فَزَادَهُمُ اللَّـهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ މާނައީ؛ އެމީހުންގެ ހިތްތަކުގައި ބަލިމަޑުކަމެއް ވެއެވެ. އަދި، މާތް ﷲ، އެމީހުންގެ ބަލިމަޑުކަން އިތުރު (ވާނޭ ގޮތް މެދުވެރި) ކުރެއްވިއެވެ. އަދި، އެމީހުން އެކަންކަން ދޮގުކޮށް އުޅުނު އުޅުމުގެ ސަބަބުން، އެމީހުންނަށް، ވޭން ދެނިވި އަޒާބެއް (އާޚިރަތް ދުވަހުން ލިބޭ) ހުއްޓެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.