Roadha Mihaaru
"ގާނޫނީ ޒިނޭ" ގެ ތާރީހާއި އޭގެ ނަމުގެ މައްސަލަ

"ގާނޫނީ ޒިނޭ" ގެ ތާރީހާއި އޭގެ ނަމުގެ މައްސަލަ

05 އޮކްޓޯބަރ 2022

ޝަރުއީ ޒިނޭ އާއި ގާނޫނީ ޒިނޭގެ މައްސަލަ ކޮޅެއްގައި ނުޖެހުނެވެ. ގާނޫނީ ބޭފުޅުންގެ ހިޔާލު ދެ ކަފިވެފަ އެވެ. މަތީ ކޯޓުތަކުގެ ވިސްނުން އެކި ފަހަރު އެކި ގޮތަށެވެ. ދަށު ކޯޓުތަކުން ތިބީ ބަލަންވީ އެ އަށްތޯ މި އަށްތޯ ކިޔާލަކިޔާލަ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރުއީ ޒިނޭ އާއި ގާނޫނީ ޒިނޭގެ މައްސަލަ ކޮޅެއްގައި ނުޖެހުނެވެ. ގާނޫނީ ބޭފުޅުންގެ ހިޔާލު ދެ ކަފިވެފަ އެވެ. މަތީ ކޯޓުތަކުގެ ވިސްނުން އެކި ފަހަރު އެކި ގޮތަށެވެ. ދަށު ކޯޓުތަކުން ތިބީ ބަލަންވީ އެ އަށްތޯ މި އަށްތޯ ކިޔާލަކިޔާލަ އެވެ.

ގާނޫނުލްއުގޫބާތުގައި ހައްދު ގާއިމު ކުރެވޭ ޒިނޭގެ ކުށް ނުވަތަ މިހާރުގެ އާންމު ނަމުން ނަމަ ޝަރުއީ ޒިނޭގެ ކުށާއި ޑީއެންއޭގެ މައްޗަށް ބިނާކޮށް ހައްދު ގާއިމުނުކޮށް، އެކަމަކު ގާނޫނީ އަދަބެއް ދޭ ޒިނޭގެ ކުށެއް އޮވެ އެވެ. އެހެން އޮއްވައި، ގާނޫނީ ޒިނޭގެ ދައުވާ ނުކުރެވޭނެ ކަމަށް ހައި ކޯޓުން 2020 ވަނަ އަހަރު ނިންމި އެވެ.

އެ ނިންމުން ބާތިލްކޮށް، ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނިންމާފައި އޮތީ ޑީއެންއޭ އާއި ގަރީނާތަކުން ޒިނޭ ސާބިތުކޮށްފައި ގާނޫނީ އަދަބެއް ދެވިދާނެ ކަމަށެވެ. އެކަމަކު ގާނޫނުލްއުގޫބާތުގައި ވެސް އޮންނަ ފަދައިން، އިސްލާމީ ޝަރީއަތުގައި ބުނާ ހައްދު ޖެހުމުގެ އަދަބު އެ ހާލަތުގައި ނުދެވޭ ގޮތަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގެ ހުލާސާއަކީ މީހުން މެރުމަކީ ޝަރުއީ ގޮތުން ހައްދު ކަނޑައެޅޭ ކުށެއް ނަމަވެސް، ވާރިސުން ދެކޮޅު ހަދާތީ ހައްދު ގާއިމު ނުކުރެވޭ ހާލަތުގައި ގާނޫނީ އަދަބެއް ދޭ އުސޫލުން ޒިނޭ އަށް ވެސް މިގޮތަށް އަދަބު ދެވިދާނެ ވާހަކަ އެވެ.

ސުޕްރީމް ކޯޓުން އެ ގޮތަށް ނިންމާފައި އޮއްވައި މިދިޔަ މާޗު މަހު ހައި ކޯޓުން އަނެއްކާވެސް އަނެއްކޮޅަށް މަންޒަރު އަނބުރާލައިފި އެވެ. މި ފަހަރު ދައުލަތާ ދެކޮޅަށެވެ. އޭގެ ހައެއްކަ މަސް ފަހުން މިދިޔަ ހަފުތާގައި ހައި ކޯޓުން ނިންމީ އަނެއްކާވެސް ދައުލަތާ އެއްކޮޅަށެވެ. މާނައަކީ ގާނޫނުލްއުގޫބާތުގައި އެ ބުނާ ޑީއެންއޭ އާއި ގަރީނާއިން ސާބިތުކުރާ "ގާނޫނީ ޒިނޭއަކީ" ވަކި ކުށެއް ކަމަށެވެ.

އެކި ފަހަރު އެކި ގޮތަށް މަންޒަރު ބަދަލުވަމުން ދާއިރު، ގާނޫނީ ގޮތުން ދެކޮޅަށް ވާހަކަ ދެއްކޭނެ ކިތަންމެ ނުކުތާއެއް އެ މައްސަލާގައި ދެއްކެން އެބައޮތެވެ. އެކަމަކު މަންޒަރު ބަލަން ތިބި އާންމުންގެ ކަންބޮޑުވުން އޮތީ އެންމެ ކަމަކަށެވެ.

"ގާނޫނީ ޒިނޭ" އޭ ކިޔާތީ އެވެ. "ޒިނޭ" އެ ބަސް އަންނާތީ އެވެ. އެއީ އަސްލު ގާނޫނުގައި ލިޔެފައި އޮތް ނަމެއް ނޫނެވެ. ދައުލަތުން އަމިއްލަ އަށް ހެދި ނަމެކެވެ. އެ ކުށް އަސްލު ފެށިގެން އައީ ވަރަށް ކުރިންނެވެ.

"ގާނޫނީ ޒިނޭ"ގެ ތާރީހު: ވަކި މީހަކަށް ނުލައްވާ ގޮތަށް ވިހެއުމުގެ ކުށް

ޝަރީއަތް ކުރުމާބެހޭ ގަވާއިދުގެ ދަށުން، "ވަކި މީހަކަށް ނުލައްވާ ގޮތަށް ވިހެއުމުގެ ކުށް" ކިޔާ ކުށެއް ކުރިން އޮތެވެ. އެއީ އަންހެނަކު ކުއްޖަކު ވިހެއުމުން އެ ކުއްޖާގެ ބައްޕައަކީ ކާކުކަން ބުނެ ނުދެވިއްޖެ ނަމަ، އަންހެން މީހާ ކުށްވެރިވާ ކުށެކެވެ.

އެ ގޮތަށް އޭރު އޮތީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ޒިނޭގެ ކުށް ސާބިތުވުމަށް ބޭނުންވާ މިންވަރު ހެކި ނުލިބުނަސް، ގާނޫނީ ނިޒާމުގެ ތެރެއިން ގާނޫނީ ނުވަތަ އަދަބެއް މިފަދަ ކަންކަމަށް ދިނުމަށެވެ. އޭރު އެ ކުށަށް ޒިނޭގެ ކުށޭ ނުކިޔާތީ އެއްވެސް ބަޔަކަށް އޭރު އެކަން މައްސަލައަކަށް ނުވި އެވެ.

އޭރު އެ ގޮތަށް އޮތުމުން އަބަދުވެސް ކުށްވެރިވަނީ އަންހެން މީހާ އެވެ. މިއީ ޖިންސީ ތަފާތު ކުރުމެއް ކަމުގައި ދެކިގެން ގާނޫނުލްއުގޫބާތުގައި ރައްޔިތުންގެ މަޖިލީހުން ލިޔުނީ ފިރިހެނުންނާއި އަންހެނުން ވެސް އެ ކަމުގައި ހަމަހަމަވާ ގޮތަށް ބޭއްވުމަށެވެ. އެއީ ޑީއެންއޭ އާއި އެހެން ގަރީނާތަކަށް ރިއާޔަތް ކުރެވޭ ގޮތަށެވެ.

އެކަމަކު މަޖިލީހުން ހެދި ގޯހަކީ ގާނޫނުލްއުގޫބާތުގައި އެ ކުށް ލިޔުނުއިރު ޒިނޭގެ ކުށުގެ ތެރޭގައި އެ ކުށް ލިޔުމެވެ. ދެ ކުށަށް ވެސް ކިޔަނީ އެއް ނަމެވެ. ތަފާތަކީ ހެކީގެ މިންގަނޑަށް ބަލައިގެން އަންނަ އަދަބެވެ. މި ހުރިހާ އެއްޗެއް މައްސުނިކޮށްލައިގެން ކިޔަން ޖެހުމަކީ މި މައްސަލަ ބޮޑުވި ހިސާބެވެ.

ޕީޖީ ޝަމީމް --- ފޮޓޯ/މިހާރު

ޕީޖީ ޝަމީމް --- ފޮޓޯ/މިހާރު

އެ ހިސާބުން ދައުލަތަށް މަޖުބޫރުވީ އެ ދެ ކުށް ތަފާތު ކުރުމަށްޓަކައި "ޝަރުއީ ޒިނޭ " އާއި "ގާނޫނީ ޒިނޭގެ" ނަން އަމިއްލައަށް ކިޔާށެވެ. ޑީއެންއޭ އާއި ގަރީނާ ބޭނުންކުރާ ނަމަ ގާނޫނީ ޒިނޭ އެވެ. އިސްލާމީ ޝަރީއަތުގައި ބުނާ ހަތަރު ފިރިހެނުންގެ ހެކިބަސް ނުވަތަ އަމިއްލަ އިއުތިރާފު އޮތިއްޔާ ޝަރުއީ ޒިނޭ އެވެ.

އެހެން ނަމެއް ނުކިޔަނީ ކީއްވެ؟

އެ ނަން ދައުލަތުން އަމިއްލައަށް ހަދައިގެން ކިޔަން ފެށީ ގިނަ ބަޔަކަށް ފަހުމްވާން ފަސޭހަ ވެދާނެތީ ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު ނަތީޖާއަކަށްވީ ގިނަ ބަޔަކަށް އޭގެ މަފުހޫމް އޮޅި، ބޮޑު ހިޔާލު ތަފާތުވުންތަކަކަށް ވެއްޓުމެވެ.

ބައެއް މީހުންގެ ހިޔާލަކީ "ގާނޫނީ ޒިނޭ" ނުކިޔާ "ބަދު އަހުލާގީ އަމަލު ހިންގުމުގެ ކުށް" މިހެން ކިޔުމެވެ. އެކަމަކު ރަސްމީ ގޮތުން ގާނޫނުގައި ލިޔެފައި އޮންނަ ނަން ނޫން އެހެން ނަމެއް އަމިއްލައަށް ނުކިޔޭނެ އެވެ. ދެވަނަ ކަމަކީ ބަދު އަހުލާގީ އަމަލު ހިންގުމަކީ އެހެން ގާނޫނެއްގައި އޮތް މުޅިން ތަފާތު އެހެން ކުށެކެވެ.

ބައެއް ބޭފުޅުންގެ ނަޒަރުގައި ޒިނޭއަކީ ޝަރުއީ ކުށަކަށް ވާތީ ތައުޒީރީ އަދަބު އޭގެ ތެރޭގައި ހިމަނާ ނަމަ، ޒިނޭގެ ކުށެއް ކަމަކަށް ނުކިޔޭނެ އެވެ. އެ ބޭފުޅުންގެ ނަޒަރުގައި މައްސަލައަކީ ގާނޫނުގައި ނެތީސް، ދައުލަތުން އަމިއްލަ އަށް "ގާނޫނީ ޒިނޭ" އާއި "ޝަރުއީ ޒިނޭ" ކިޔާތީ އެވެ. އެ ގޮތަށް ކިޔާ ނަމަ ގާނޫނީ ވައްކަމާއި ޝަރުއީ ވައްކަން ކިޔަން ވެސް ޖެހޭނެ އެވެ.

އެ މައްސަލާގައި އާންމުންގެ މެދުގައި އޮތް ކަންބޮޑުވުމަށް ހައްލެއް އޮތީ "ގާނޫނީ ޒިނޭ" ކިޔުމުގެ ބަދަލުގައި އެހެން ނަމެއް މި ކުށަށް ދީގެންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ހިޔާލު ތަފާތުވުން ބޮޑުވެގެން އުޅެނީ ނަމުގެ މައްސަލަ އެވެ. އެ ނަން ކިޔާތީ ބައެއް މީހުންނަށް ބަލައިގަންނަން އުނދަގޫވަނީ ކަމަށާއި އެކަމަކު ބަލަންވީ ކުރާ އަމަލަށް ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާއިދާއެއް އޮންނާނެ. ކަމަކީ އެ ކަމަށް ކިޔާ ނަމެއް ނޫނޭ. އެކަމުގެ އެސެންސޭ ނުވަތަ އެ ކުރާ ކަމޭ،" ޝަމީމް ވިދާޅުވި އެވެ.

"މިސާލަކަށް މަސާޖްޕާލާއެކޭ ކިޔަސް، އެ ތަނުގައި ކުރަނީ ހަށިވިއްކުން ނަމަ، ޕްރެކްޓިކަލް ބޭނުމަށްޓަކައި އެ ތަން ވާނީ ނާސިގެއަކަށް."

ގާނޫނީ އެހެން ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ، ގާނޫނީ ޒިނޭއޭ ކިޔުމަކުން ވެސް މައްސަލައެއް ނެތެވެ. އެއީ އިސްލާމްދީނުގައި ހައްދު ކަނޑައަޅުއްވާފައިވާ އެހެން ކުށްކުށަށް ވެސް ރާއްޖޭގައި ގާނޫނީ ނަންތައް ބޭނުން ކުރާތީ އެވެ.

"މީހުން މެރުން ވެސް އެއީ ޝަރުއީ ގޮތުން ކުށެއް. ގާނޫނުގައި އެ ކުށް ވަކިން ލިޔުނީމާ އެއީ ގާނޫނީ ކުށެކޭ ނުވަތަ ޖިނާއީ ކުށެކޭ އެންމެން ކިޔަނީ. އެހެންވީމާ ޒިނޭ ވެސް އެއީ ގާނޫނީ ކުށެއް،" އެއް ވަކީލަކު ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުން ގާނޫނީ ޒިނޭ އާއި ޝަރުއީ ޒިނޭ ކަމަށް ބުނެ ދައުލަތާއި ކޯޓުތަކުން ވެސް އުޅެނީ އަސްލު މައްސަލަ އޮތްގޮތަށް އޮޅުވާލައިގެންނެވެ. އޭނާ ވިދާޅުވި ގޮތުން ޑީއެންއޭ އާއި އެހެން ގަރީނާތަކުން މިފަދަ ކުށް ސާބިތު ކުރެވޭ ގޮތަށް ގާނޫނުލްއުގޫބާތުގައި ލިޔުނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށް ފަހު އެވެ.

"އަސްލު މައްސަލައަކަށް ނޫން އެޑްރެސް ކޮށްގެން މި އުޅެނީ. މީގައި ބަލަން ޖެހޭނީ ދެ ގާނޫނެއްގައި ޒިނޭގެ ކުށް އޮތީމާ ޚާއްސަ ގާނޫނަށްތޯ ނުވަތަ ގާނޫނުލްއުގޫބާތަށްތޯ އިސްކަން ދޭން ޖެހޭނީ." އޭނާ ވިދާޅުވި އެވެ.

ގާނޫނީ މި ބަހުސް ފެށިގެން އައީ ޒިނޭގެ ދައުވާ ކުރަން ޖެހޭނީ ގާނޫނުލްއުގޫބާތުގެ ދަށުންތޯ ނުވަތަ ޖިންސީ ކުށުގެ ގާނޫނުގެ ދަށުންތޯ އުފެދުނު މައްސަލައިގެ ތެރެއިންނެވެ.

ޝަރުއީ ޒިނޭ އާއި ގާނޫނީ ޒިނޭގެ ގާނޫނީ ބަހުސް ދިގުދެމިގެން ދިޔަޔަސް، އާންމުންގެ މެދުގައި މި އޮތް ކަންބޮޑުވުމަކީ ނަމުގެ މައްސަލަ އެވެ. މަހްފޫމް އޮޅި، ހިޔާލު ތަފާތުވުން ފެށިގެން އައީ ވެސް އެހެންނެވެ. އެހެންވެ، ނަމުގެ މައްސަލައަށް ހައްލެއް ހޯދުން މުހިންމެވެ.