Roadha Mihaaru
ޑީއެންއޭއިން ޒިނޭ ސާބިތުވުން: ބޮޑު ބަހުސަކަށް ނިމުން!

ޑީއެންއޭއިން ޒިނޭ ސާބިތުކުރުން: ބޮޑު ބަހުސަކަށް ސުޕްރީމް ކޯޓުން ނިމުން!

25 އޮކްޓޯބަރ 2021

ކައިވެނިން ބޭރުން ބަލިވެ އިނުމުގެ މައްސަލައަކީ ރާއްޖޭގައި އަބަދުވެސް ބޮޑު މައްސަލަ އެކެވެ. ކައިވެނީގެ ބޭރުން އަންހެން މީހާ ބަލިވެ އިނުމުން ގިނަ ފިރިހެނުން ކުށަށް އިއުތިރާފެއް ނުވެ އެވެ. އުފަންވާ ކުއްޖާ ބައްޕައަކު ނެތި، އަންހެން މީހާ ހުރިހާ ޒިންމާއެއް އުފުލަން ޖެހުމުން ދެން ނިކުންނަ އިޖްތިމާއީ މައްސަލަތައް ވެސް އެހާ ގިނަ އެވެ. ޒިނޭގެ މައްސަލަތަކުގައި ޑީއެންއޭ ބޭނުން ކޮށްގެން ކުށް ސާބިތުކޮށް އަދި ގާނޫނީ އަދަބެއް ދެވޭނެ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމަކީ މި މައްސަލާގައި ތާރީޚީ ބޮޑު ހުކުމެކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކައިވެނިން ބޭރުން ބަލިވެ އިނުމުގެ މައްސަލައަކީ ރާއްޖޭގައި އަބަދުވެސް ބޮޑު މައްސަލަ އެކެވެ. ކައިވެނީގެ ބޭރުން އަންހެން މީހާ ބަލިވެ އިނުމުން ގިނަ ފިރިހެނުން ކުށަށް އިއުތިރާފެއް ނުވެ އެވެ. އުފަންވާ ކުއްޖާ ބައްޕައަކު ނެތި، އަންހެން މީހާ ހުރިހާ ޒިންމާއެއް އުފުލަން ޖެހުމުން ދެން ނިކުންނަ އިޖްތިމާއީ މައްސަލަތައް ވެސް އެހާ ގިނަ އެވެ. ޒިނޭގެ މައްސަލަތަކުގައި ޑީއެންއޭ ބޭނުން ކޮށްގެން ކުށް ސާބިތުކޮށް އަދި ގާނޫނީ އަދަބެއް ދެވޭނެ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމަކީ މި މައްސަލާގައި ތާރީޚީ ބޮޑު ހުކުމެކެވެ.

މި މައްސަލަ ހައްލު ކުރުމަށްޓަކައި ގާނޫނުލް އުގޫބާތުގެ 411 ވަނަ މާއްދާގައި ހިމަނާފައިވަނީ ޒިނޭގެ ކުށުގެ އަސްލު އަދަބަކީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އުސޫލުން 100 އެތިފަހަރުން ހައްދު ޖެހުމާ އެކު، ޖަލަށްލުމުގެ އަދަބު ދިނުމަށެވެ. އެހެން ނަމަވެސް އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ ހަތަރު ފިރިހެނުންގެ ހެކިބަސް ނުވަތަ އަމިއްލަ އިއުތިރާފު ނުލިބެނީސް، ޑީއެންއޭ ފަދަ ގަރީނާތަކަށް ބިިނާކޮށްގެން ކުށް ސާބިތު ކުރާ ނަމަ، އެ ހާލަތުގައި ދެވޭނީ ގާނޫނީ އަދަބެއް ކަމަށް އެ މާއްދާގައި ބުނެފައި އޮތެވެ.

މި މައްސަލަ ހޫނުވީ މިދިޔަ އަހަރު ހައި ކޯޓުން ކުރި ހުކުމެއްގެ ސަބަބުންނެވެ. ޑީއެންއޭއަށް ބިނާކޮށް ޒިނޭގެ ދައުވާކުރި މައްސަލައެއްގައި ހައި ކޯޓުން ނިންމީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ހެކި ލިބެން ނެތް ނަމަ، ގަރީނާތަކަށް ރިއާޔަތް ކޮށްގެން ޒިނޭގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ. އަދި ޒިނޭގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބަޔާން ކޮށްފައިވާ ކުށަކަށް ވާތީ، ޒިނޭގެ މައްސަލަތަކުގައި ގާނޫނީ އަދަބެއް ނުދެވޭނެ ކަމަށެވެ. މި ބަހުސަށް ނިމުން ގެނެސްދިނީ ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުންނެވެ.

ޑީއެންއޭއިން ޒިނޭ ސާބިތު ކުރުމުން ދެވޭނީ ގާނޫނީ އަދަބެއް

މި މައްސަލާގައި ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައިވާ ގޮތުން ޑީއެންއޭ ފަދަ ގަރީނާތަކުން ޒިނޭގެ ކުށް ސާބިތު ކުރެވިދާނެ އެވެ. އެކަމަކު އެ ހާލަތުގައި ޒިނޭގެ ހައްދު ގާއިމް ކުރުމުގެ ބަދަލުގައި އެ މީހަކަށް ދެވޭނީ ޒިނޭގެ ކުށަށް ގާނޫނުގައި އޮންނަ ތައުޒީރީ (ގާނޫނީ) އަދަބެއް ކަމަށް ހުކުމުގައިވެ އެވެ. ސަބަބަކީ ޒިނޭގެ ކުށް އިސްލާމީ ޝަރީއަތުގައި ސާބިތު ކުރެވޭނީ ހަތަރު ފިރިހެނުންގެ ހެކިބަސް ނުވަތަ އަމިއްލަ އިއުތިރާފުން އެކަނި ކަމަށް ވާތީ ކަމަށް އެ ހުކުމުގައިވެ އެވެ.

"ޑީއެންއޭ އާއި އެފަދަ ސައިންޓިފިކް ގަރީނާތަކަކީ އެ ގަރީނާއަށް ބާރުދެނިވި އެހެން ހެކި ނުވަތަ ބާރުގަދަ ގަރީނާ ހުރެއްޖެ ނަމަ، ހައްދުގެ މައްސަލަތައް ތައުޒީރީ މިންގަނޑުން ސާބިތުކުރަން ފުދޭނެ ވަސީލަތެއް ކަމެވެ. ނަމަވެސް އެ ހާލަތުގައި ކުށް ސާބިތުވި މީހާގެ މައްޗަށް ހައްދުުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި އެ މީހާއަށް ދޭންވާނީ ތައުޒީރީ އަދަބެކެވެ." ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓު --- ފޮޓޯ/މިހާރު

ސުޕްރީމް ކޯޓު --- ފޮޓޯ/މިހާރު

ކުރުކޮށް ބުނާ ނަމަ، އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ ޒިނޭގެ ހައްދުގެ އަދަބު ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމީއެއް ނޫނެވެ. އޭގެ ބަދަލުގައި ސުޕްރީމް ކޯޓުން ނިންމީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ޒިނޭގެ ކުށް ސާބިތު ނުވާ ހާލަތުގައި ގަރީނާތަކަށް ރިއާޔަތްކޮށް، ގާނޫނީ އަދަބެއް ދެވިދާނެ ކަމަށެވެ. އެކަމަކު ހަތަރު ފިރިހެނުންގެ ހެކިބަސް ލިބޭ ހާލަތުގައި ނުވަތަ އަމިއްލައަށް އިއުތިރާފްވާ ހާލަތުގައި އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ ހައްދު އެ މީހެއްގެ މައްޗަށް ހައްދު ގާއިމް ކުރެވޭނެ އެވެ.

ޝަރުއީ ކުށަކަށް ގާނޫނީ އަދަބެއް ދިނުން

މި މައްސަލާގައި އެއް ބަޔަކު ސުވާލު އުފައްދަނީ ޒިނޭގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވާފައިވާ ކުށަކަށް ވާއިރު، އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވާފައިވާ އުސޫލުގެ ބޭރުން ޑީއެންއޭ ފަދަ ގަރީނާތައް ބޭނުން ކޮށްގެން ޒިނޭގެ ކުށް ސާބިތު ކުރެވިދާނެ ކަމާ އެވެ. އަދި އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށަކަށް ހައްދުގެ އަދަބު ނުދެވެނީސް، ގާނޫނީ އަދަބެއް ދެވިދާނެ ކަމާ މެދު އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި އެކަމަށް ތަފްސީލީ ގޮތެއްގައި ޖަވާބު ދީފައިވެ އެވެ.

ހުކުމުގައިވާ ގޮތުން އިސްލާމީ ޝަރީއަތުގައި ޒިނޭގެ ކުށް ސާބިތު ކުރެވޭނެ ގޮތާއި އެކަމަށް ބޭނުންވާ ހެކީގެ މިންވަރު ކަނޑައަޅުއްވާފައި ވަނިކޮށް އެ ނޫން ގޮތަކަށް އެ ކުށް ސާބިތު ކޮށްގެން އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ ޒިނޭގެ ހައްދެއް ގާއިމް ނުކުރެވޭނެ އެވެ. އަދި އިސްލާމީ ޝަރީއަތުގައި ހައްދުގެ ކުށް ސާބިތު ކުރުމުގެ މިންގަނޑަކީ "އެއްވެސް ޝައްކެއް ނެތް މިންވަރު" ކަމަށް ވާއިރު، ޑީއެންއޭ ފަދަ ގަރީނާތަކަށް ބިނާކޮށްގެން އެ މިންވަރަށް ވާސިލް ނުވެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

"ގިނަ އިލްމުވެރިންގެ ރައުޔުގައި ހައްދުގެ ކުށެއް ކަމުގައިވާ ޒިނޭގެ މައްސަލަތަކުގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ކުރެވޭނީ ހަމައެކަނި އިއުތިރާފުން ނުވަތަ އަދުލުވެރި ހަތަރު ހެކިންގެ ހެކިބަހުންނެވެ. އަހުރެންގެ ރައުޔަކީ ވެސް މިއީ އެވެ. އިއުތިރާފުން ނުވަތަ ހަތަރު ހެކިންގެ ހެކިބަހުން ސާބިތުވެގެން ނޫން ގޮތަކަށް ޒިނޭގެ މައްސަލަތަކުގައި ހައްދުގެ އަދަބު ދީގެން ނުވާނެ އެވެ." ފަނޑިޔާރު ހުސްނުއްސުއޫދު

"ގިނަ އިލްމުވެރިންގެ ރައުޔުގައި ހައްދުގެ ކުށެއް ކަމުގައިވާ ޒިނޭގެ މައްސަލަތަކުގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ކުރެވޭނީ ހަމައެކަނި އިއުތިރާފުން ނުވަތަ އަދުލުވެރި ހަތަރު ހެކިންގެ ހެކިބަހުންނެވެ. އަހުރެންގެ ރައުޔަކީ ވެސް މިއީ އެވެ. އިއުތިރާފުން ނުވަތަ ހަތަރު ހެކިންގެ ހެކިބަހުން ސާބިތުވެގެން ނޫން ގޮތަކަށް ޒިނޭގެ މައްސަލަތަކުގައި ހައްދުގެ އަދަބު ދީގެން ނުވާނެ އެވެ." ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވައި އަދި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި އެ ހުކުމުގައިވެ އެވެ.

އެހެން ނަމަވެސް ހައްދުގެ މައްސަލަތަކުގައި ހައްދުގެ އަދަބު ދެވެން ނެތް ހާލަތްތަކުގައި ގާނޫނީ އަދަބެއް ދިނުން އިސްލާމީ ޝަރީއަތުގެ ދަށުން ހުއްދަ ކަމަށް އެ ހުކުމުގައިވެ އެވެ. މިސާލެއްގެ ގޮތުން ޕާކިސްތާނާއި ސައުދީ އަރަބިއާ އާއި އީރާން ފަދަ ގައުމުތައް މިސާލެއްގެ ގޮތުން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

"ހައްދުގެ ކުށާއި ގިސާސްގެ ކުށްކުރާ މީހުންނަށް އެ ކުށްތަކަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އަސްލު އަދަބު ދެވެން ނެތް ހާލަތްތަކުގައި އެ މީހުންގެ މައްޗަށް ތައުޒީރީ އަދަބެއް ކަނޑައެޅުން އިސްލާމީ ޝަރީއާގައި ހުއްދަ." ހުކުމުގައި ބުނެފައިވެ އެވެ.

ޒިނޭގެ މައްސަލަތަކުގައި ނޫނަސް، ހައްދު ގާއިމް ނުކުރެވޭ ހާލަތްތަކުގައި ގާނޫނީ އަދަބު ދިނުމަކީ ރާއްޖޭގައި ޒަމާނުއްސުރެން ފެށިގެން ކުރަމުން އަންނަ ކަމެކެވެ. މިސާލަކަށް މަރުގެ މައްސަލަތަކެވެ. ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގެ ދަށުން ގާތިލަށް މަރުގެ އަދަބު ދެވޭނީ މަރުވި ހުރިހާ ވާރިސުން އެކަމަށް އެއްބަސްވާ ނަމަ އެވެ. އެންމެ ވާރިސަކު އެކަމަށް ދެކޮޅު ހެދިޔަސް، ގާތިލަށް މަރުގެ އަދަބެއް ނުދެވޭނެ އެވެ.

އެކަމަކު މަރުގެ އަދަބު ނުދެވޭ ހާލަތެއް އަޔަސް، ގަސްދުގައި މީހުން މެރުމުގެ ކުށަށް ދޭ ގާނޫނީ އަދަބެއްގެ ގޮތުން ގާތިލުން އުމުރަށް ޖަލަށްލުމަކީ ރާއްޖޭގައި އަބަދުވެސް ކުރާ ކަމެކެވެ. އެއީ ނުރައްކާތެރި ކުށްވެރިއަކު މުޖްތަމައުގެ ތެރެއަށް ދޫވެގެން ދިޔަ ނުދީ އަދި މުޖްތަމައުގެ އާންމު ނިޒާމު ހިފެހެއްޓުމުގެ ގޮތުން ގާނޫނީ ގޮތުން ދޭ އަދަބެކެވެ. އެހެންވުމުން، އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އަދަބު ދެވެން ނެތް ހާލަތުގައި ގާނޫނީ އަދަބެއް ދިނުމަކީ އެއްވެސް އިރަކު ރާއްޖޭގައި އާ ކަމެއް ނޫނެވެ.

ނަސަބު އޮޅިގެން ނުދާނެ

ޑީއެންއޭއިން ޒިނޭ ސާބިތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ދެއްކި އެއް ސަބަބަކީ ޑީއެންއޭ ބޭނުން ކޮށްގެން ޒިނޭ ސާބިތުކޮށްފި ނަމަ، ޒިނޭގެ ސަބަބުން އުފަންވާ ކުއްޖާގެ ނަސަބު އޮޅިގެން ހިނގައިދާނެ ކަމަށެވެ. މިސާލަކަށް ކައިވެންޏެއްގެ މަތީގައި ހުރި އަންހެނަކު އެހެން މީހަކާ ޒިނޭ ކުރުމުން ދަރިއަކު ލިބޭ ހާލަތެވެ. އަދި އެފަދަ ކުދިންގެ ބައްޕައަކީ ކޮބައިތޯ ބެލުމަށް ޑީއެންއޭ ޓެސްޓް ހެދުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ މަޖިލީހުން ނިންމާފައިވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އެކަމާ ބެހޭގޮތުން ހުކުމުގައިވަނީ ޒިނޭގެ ސަބަބުން ކުއްޖަކު އުފަންވިޔަސް، އެ ކުއްޖާ ނަސަބު އެ ފިރިހެން މީހާ މައްޗަކަށް ނާންނާނެ ކަމަށެވެ. އަދި ޒިނޭ ކުރި ދެ މީހުން ފަހުން ކައިވެނި ކުރިޔަސް، އެ ކުއްޖާއަކީ އެ ފިރިހެން މީހާގެ ދަރިއެއްގެ ގޮތުގައި ނިސްބަތް ނުކުރެވޭނެ ކަމަށާއި އެކަމަކު ކައިވެންޏެއްގެ މަތީގައި ހުރި އަންހެނަކު އެހެން މީހަކާ ޒިނޭކޮށްގެން ދަރިއަކު ލިބޭ ހާލަތުގައި އެ ކުއްޖާގެ ނަސަބު އޮންނާނީ އަންހެން މީހާ އޭރު ކައިވެނި ކޮށްގެން ހުރި އޭނާގެ ފިރިމީހާގެ ކިބައިގައި ކަމަށް ހުކުމުގައިވެ އެވެ.

"ޒިނޭގެ ސަބަބުން ލިބުނު ކަމަށް ބުނާ ކުއްޖާގެ ނަސަބު ވެސް އެ އަންހެން މީހާ އިނދެގެން ހުުރި ފިރިހެން މީހާގެ ކިބައިން އޮޓަމެޓިކުން ކެނޑިގެން ނުދާނެ އެވެ." އެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަކީ މިފަދަ ކުށްތަކުގެ ސަބަބުން ކުރަމުންދާ ނޭދެވޭ އަސަރުތައް ހުއްޓުވަން އެޅުނު ފިޔަވަޅެކެވެ. ބޮޑު ބަހުސަކަށް ނިމުން ގެނެސްދިން އެ ނިންމުމަކީ އެފަދަ މައްސަލަތަކުގައި އެކަކަށް ހުރިހާ ޒިންމާއެއް މަތިކުރުމަށްފަހު އެއް ބަޔަކު އަދަބުން ސަލާމަތްވުން ހުއްޓުވަން އެޅޭނެ ބާރެއް ކަމަށް ބެލެވެ އެވެ.