Roadha Mihaaru
ސައޫދީގައި ޔޯގާ ރެފްރީން ތަމްރީންކޮށްފި

ސައޫދީގައި ޔޯގާ ރެފްރީން ތަމްރީންކޮށްފި

03 އޮކްޓޯބަރ 2022

ޔޯގާ ހެދުމަކީ ހުއްދަ ކަމެއްކަމަށް ކަނޑައަޅައި ބައެއް ޔުނިވަސިޓީތަކުގައި ޔޯގާ ކިޔަވައިދޭން ފެށުމަށް ފަހު، ޔޯގާ ރެފްރީންގެ ފުރަތަމަ ބުރުގެ ރެފްރީން އިއްޔެ ދަސްވެނިވެއްޖެ އެވެ.

ޔޯގާ ހެދުމަކީ ހުއްދަ ކަމެއްކަމަށް ކަނޑައަޅައި ބައެއް ޔުނިވަސިޓީތަކުގައި ޔޯގާ ކިޔަވައިދޭން ފެށުމަށް ފަހު، ޔޯގާ ރެފްރީންގެ ފުރަތަމަ ބުރުގެ ރެފްރީން އިއްޔެ ދަސްވެނިވެއްޖެ އެވެ.

ސައޫދީ އަރަބިއްޔާގެ ކުޅިވަރާ ބެހޭ ވުޒާރާ އާއި ލީޑާޒް ޑިވެލޮޕްމަންޓް އިންސްޓިޓިއުޓް ގުޅިގެން ހިންގި ތަމްރީން ޕްރޮގްރާމްގައި، ޔޯގާ ރެފްރީންގެ ގޮތުގައި ތަމްރީންވެގެން ނިމުނީ 19 އަންހެނުންނާއި ދެ ފިރިހެނުންނެވެ. މި ރެފްރީން ތަމްރީން ކުރުމުގައި ސައޫދީ އަރަބިއްޔާ އަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނީ އޭޝިއަން ޔޯގަސާނާ ސްޕޯޓްސް ފެޑެރޭޝަންގެ ފަރާތުންނެވެ.

ސައޫދީ ޔޯގާ ކޮމިޓީގެ ޗެއާމަން ނައުފް އަލް މަރްވާއީ ވިދާޅުވި ގޮތުގައި، ޔޯގާ ރެފްރީންގެ ގޮތުގައި ތަމްރީންކުރި 19 އަންހެނުންނަކީ އެ ގައުމުގެ އެކި ސަރަހައްދުތަކުން ހޮވަލައިގެން ނެގި ބައެކެވެ. ދަސްވެނިވި 21 ރެފްރީން ތަމްރީން ކުރީ ވެރިރަށް ރިޔާޒްގައި ހުންނަ ޔޯގާ ސެންޓަރުގަ އެވެ.

މި ބުރުގައި ތަމްރީން ހޯދި ރެފްރީން، ސައޫދީ ސަރުކާރުން އިއުލާން ކުރާ އެހެން ފުރުސަތުތަކުގެ ބޭނުން ހިފައިގެން ޔޮގާގެ އިތުރު ބާވަތްތަކަށް އަހުލުވެރިވުމަށް، ނައުފް އަލް މަރްވާއީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޯގާ ރެފްރީން ތަމްރީނު ކުރުމަށް ފަހު، ޔޯގާ ދަސްކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލާނެ އެވެ. އެ ފުރުސަތުތަކުގެ ބޭނުން ހިފައިގެން، ބައިނަލްއަގުވާމީ ޔޯގާ މުބާރާތްތަކުގައި ސައޫދީ އަރަބިއްޔާގެ ރައްޔިތުން ބައިވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން ވަރަށް ބޮޑަށް އުފެދިފައިވާ ޔޯގާގެ ހަރަކާތްތައް ސައޫދީ އަރަބިއްޔާ އަށް ތައާރަފްކޮށް، ޔޯގާގެ ފުރަތަމަ ފެސްޓިވަލް މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ވަނީ ބާއްވައިފަ އެވެ. އުމުރުން 10 އަހަރާއި 60 އަހަރުގެ 1000 އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްގެން ބޭއްވި އެ ފެސްޓިވަލުގައި ސައޫދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކުން އަންހެނުންނާއި ފިރިހެނުން ބައިވެރިވި އެވެ.

ޔޯގާ ހެދުމަށް ބާރު އެޅުމުގެ ގޮތުންނާއި ޔޯގާއާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން، އެ ގައުމުގެ ޔުނިވަސިޓިތަކުގައި ޔޯގާ ތައާރަފްކުރުމުގެ މަޝްރޫއެއް ސައޫދީ ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ފުރަތަމަ ބައިގައި އެ ގައުމުގެ ހުރިހާ ޔުނިވަސިޓީތައް ބައިވެރިވި އެވެ.