Roadha Mihaaru
އެއާޕޯޓް ނިންމަން ސައުދީން އިތުރު 100 މިލިއަން

އެއާޕޯޓް ނިންމަން ސައުދީން އިތުރު 100 މިލިއަން، ސިއްހީ ދާއިރާއަށް 50 މިލިއަން ޑޮލަރު

15 އޮކްޓޯބަރ 2023

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން 100 މިލިއަން ޑޮލަރު އަދި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ކަންކަމަށް ސައުދީ ފަންޑުން 50 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން 100 މިލިއަން ޑޮލަރު އަދި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ކަންކަމަށް ސައުދީ ފަންޑުން 50 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

ޖުމުލަ 2.3 ބިލިއަން ރުފިޔާ ރާއްޖެ އަށް ދޭން ނިންމިކަން ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ކަށަވަރު ކޮށްދެއްވި އެވެ.

އެނގިފައިވާ ގޮތުގައި އެއީ ދިވެހި ސަރުކާރުން އެދިގެން ސައުދީ ފަންޑުން ހަމަޖައްސައިދިން ފައިސާ އެވެ. އެ ފައިސާ ރާއްޖެ އަށް ދޫކުރަން އެ ފަންޑުން ނިންމީ މިދިޔަ ހަފުތާގަ އެވެ.

އެއާޕޯޓް ތަރައްގީ ކުރުމަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ސައުދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ. އެހެންވެ، އެއާޕޯޓު ތަރައްގީ ކުރަން ސައުދީ ފަންޑުން ދިން އަދަދު 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އަށް މިހާރު އަރާނެ އެވެ.

ސައުދީ ފަންޑުގެ އެހީއާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ފިނޭންސް މިނިސްޓްރީ އަށް ގުޅުމުން ވަނީ ޖަވާބެއް ލިބޭ ގޮތް ނުވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލު ކޮށްގެން އިމާރާތް ކުރަން ފެށި އާ ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް މި ސަރުކާރުން ލަފާކޮށްފައި ވަނީ 2025 ގަ އެވެ. އެކި ސަބަބުތަކާ ހެދި އެ ތަނުގެ މަސައްކަތް ވަރަށް ބޮޑަށް ވަނީ ލަސްވެފަ އެވެ.

މިދިޔަ ފަސް އަހަރު ވެސް ސައުދީ ފަންޑުން އަންނަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޮޑެތި އެހީތަކެއް ދެމުންނެވެ. މަސްވެރިކަމުގެ ދާއިރާ ފުޅާ ކުރަން 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ގެ ލޯނެއް ވަނީ ދީފަ އެވެ. ހައުސިން މަޝްރޫއަކަށް ވެސް 25 މިލިއަން ޑޮލަރުގެ (385 މިލިއަން ރުފިޔާ) އިން ދިނެވެ.