Roadha Mihaaru
ކަންބޮޑުވާން ޖެހޭ ވަރަށް ޑެންގޫ އިތުރުވެއްޖެ!

ކަންބޮޑުވާން ޖެހޭ ވަރަށް ޑެންގޫ އިތުރުވެއްޖެ!

05 އޮކްޓޯބަރ 2022

މިދިޔަ އަހަރާ އަޅާބަލާއިރު މި ދުވަސްވަރު ރާއްޖޭގައި ޑެންގޫ ފެތުރެމުންދާ ވަރު އެތައް ގުނައެއް އިތުރުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިދިޔަ އަހަރާ އަޅާބަލާއިރު މި ދުވަސްވަރު ރާއްޖޭގައި ޑެންގޫ ފެތުރެމުންދާ ވަރު އެތައް ގުނައެއް އިތުރުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަައި ނުވަ މީހަކަށް ޑެންގޫ ޖެހިގެން ރިޕޯޓްކުރިއިރު ސެޕްޓެމްބަރުގައި އެ ބަލި ޖެހުނީ އަށް މީހަކަށެވެ. އެކަމަކު މި އަހަރު އެ އަދަދު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މިދިޔަ އޮގަސްޓު މަހުގައި 268 މީހަކަށް އަދި ސެޕްޓެމްބަރު މަހު 229 މީހަކަށް ޑެންގީ ހުން ޖެހިފައިވެ އެވެ. މަދިރީގެ ޒަރިއްޔާ އިން ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށާއި ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ޑެންގީ ހުމުން ރައްކާތެރިވާން ކުރެވިދާނެ ކަންކަން:

- ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ބޭނުންކުރުން.

- މަދިރި އެންމެ ގިނަވާ ވަގުތު [ފަތިސް/ ހަވީރު/ އިރުއޮއްސޭ ގަޑި] ގައި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން.

- ހުސް ފުޅި/ ދަޅު ކަހަލަ ފެން ހަރުލާ ތަކެތި ގޯތިތެރެ އާއި މަގުމަތީގައި ނުބެހެއްޓުން.

ޑެންގީ ޖެހިއްޖެ ނަމަ ގޭގައި ދެވޭނެ ފަރުވާ

- އަރާމުކުރުން.

- ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން. [ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުނބާ ފެނާއި ލޮނުޕެކެޓާއި ސޫޕް ފަދަ ތަކެތި]

- ހުން މަޑުކުރުމާއި ގައިގައި ރިއްސުމާއި ހުޅުހުޅުގައި ރިއްސާ ނަމަ، ޕެރެސެޓެމޯލް ބޭނުންކުރުން. ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ ނުވަތަ ދިޔާތަކެތި ބޭނުންނުކުރެވޭ ނަމަ، ޑޮކްޓަރުގެ ލަފާ ހޯދުން.

ޑެންގޫ ހުމުގެ އިތުރުން މިއަހަރު އަރިދަފުސް ރޯގާ ފެތުރޭ މިންވަރު ވެސް ވަނީ އިތުރުވެފަ އެެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހާއި ސެޕްޓެމްބަރު މަހުގައި 12000-18000 އާ ދެމެދުގައި ބަލި ޖެހުނު މީހުންގެ އަދަދު އުޅޭއިރު މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެ އަދަދު 25،713 އަށް ވަނީ އަރައިފަ އެވެެ. އަދި ސެޕްޓެމްބަރު މަހު 33،584 މީހަކަށް ރޯގާ ޖެހިގެން ރިޕޯޓްކުރެ އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ބޭރަށް ހިންގުމާއި ލޮލު ރޯގާ އާއި ފާނަބަސަދާއި ހޭންޑް ފުޓް އެންޑް މައިތު ޑިޒީސް ކަހަލަ ބަލިތައް ވެސް މިދިޔަ މަހު އިތުރެވެ. އެހެންވެ ބަލިތަކުން ރައްކާތެރިވުމަށް ގޭގައި ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސްކުރެ އެވެ.