Roadha Mihaaru
ބެޔާން-ޑޯޓްމަންޑް އެއްވަރު، އޮލޮންސޯގެ ފެށުން ކާމިޔާބު

ޑޯޓްމަންޑުން ފަހު ވަގުތު ބެޔާން ހުއްޓުވައިފި، އޮލޮންސޯގެ ފުރަތަމަ މެޗު ކާމިޔާބު

09 އޮކްޓޯބަރ 2022

ޑޯޓްމަންޑް (އޮކްޓޫބަރު 9) - ޖަރުމަން ބުންޑެސްލިގާ ގައި ބޮރޫޝިއާ ޑޯޓްމަންޑުން އަމިއްލަ ދަނޑުގައި ބެޔާން މިއުނިކާ ވާދަކޮށް ފަހު ވަގުތު 2-2 އިން އެއްވަރު ކުރި އިރު، ބެޔާ ލެވެކޫސަންގެ އާ ކޯޗުގެ ގޮތުގައި ޒަބީ އޮލޮންސޯގެ ފެށުން ކާމިޔާބުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޑޯޓްމަންޑް (އޮކްޓޫބަރު 9) - ޖަރުމަން ބުންޑެސްލިގާ ގައި ބޮރޫޝިއާ ޑޯޓްމަންޑުން އަމިއްލަ ދަނޑުގައި ބެޔާން މިއުނިކާ ވާދަކޮށް ފަހު ވަގުތު 2-2 އިން އެއްވަރު ކުރި އިރު، ބެޔާ ލެވެކޫސަންގެ އާ ކޯޗުގެ ގޮތުގައި ޒަބީ އޮލޮންސޯގެ ފެށުން ކާމިޔާބުކޮށްފި އެވެ.

ޑޯޓްމަންޑުން ނަތީޖާ އެއްވަރުކުރީ ބެޔާނުން ދެ ލަނޑުގެ ލީޑެއް ނަގައިފައި ވަނިކޮށް ފަހަތުން އަރަ އެވެ.

ބެޔާނަށް ލީޑު ނަގައިދިނީ 33 ވަނަ މިނިޓުގައި ލިއޯން ގޮރެޓްޒްކާ އެވެ. އަދި 53 ވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިނީ ލީރޮއި ސާނޭ އެވެ. ދެ ލަނޑު ވެސް ޖަހަން އެހީވީ ޖަމާލް މުސިއާލާ އެވެ.

ޑޯޓްމަންޑުން ފަރަގު ކުޑަކުރީ 74 ވަނަ މިނިޓުގައި އެންތަނީ މޮޑެސްޓޭ ތަނަވަސް ކުރި ފުރުސަތަކުން ޔޫސުފާ މައުކޮކޯ ޖަހައިދިން ލަނޑުންނެވެ. އަދި އުތުރު ވަގުތުގެ ވެސް އެންމެ ފަހު މިނިޓުގައި ނިކޯ ސްކްލޮޓާބެކް ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ފޮނުވާލައިގެން ނަތީޖާ އެއްވަރު ކޮށްދިނީ މި ސީޒަނުގައި ގެނައި 34 އަހަރުގެ ފޯވާޑް މޮޑެސްޓޭ އެވެ.

ނަތީޖާ އެއްވަރު ކުރުމުގެ ކުރިން މެޗުގެ 90 ވަނަ މިނިޓުގައި ބެޔާންގެ ކިންގްސްލޭ ކޯމަން އަށް ވަނީ ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

މި ނަތީޖާއާ އެކު ބެޔާނާއި ޑޯޓްމަންޑަށް ވެސް ނުވަ މެޗުން ލިބިފައި ވަނީ 16 ޕޮއިންޓެވެ. ބެޔާން ތިން ވަނައިގައި އޮތްއިރު، ޑޯޓްމަންޑް އޮތީ ހަތަރު ވަނައިގަ އެވެ.

އެއް ވަނައިގައި އޮތް ޔޫނިއަން ބާލިން އާއި ދެ ވަނައިގައި އޮތް ފްރެއިބާގަށް ވެސް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. އަދި މި ދެ ޓީމު އަދި ކުޅުނީ އަށް މެޗެވެ.

ބެޔާ ލެވަކޫސަންގެ ކޯޗު ޗަބީ އޮލޮންސޯ ރޭގެ މެޗުގައި ޓޫމުގެ ބެންޗުގައި. -- ފޮޓޯ: އޭއެފްޕީ

ބެޔާ ލެވަކޫސަންގެ ކޯޗު ޗަބީ އޮލޮންސޯ ރޭގެ މެޗުގައި ޓޫމުގެ ބެންޗުގައި. -- ފޮޓޯ: އޭއެފްޕީ

އެންމެ ފުރަތަމަ ކުޅުނު އަށް މެޗުން އެންމެ މޮޅެއް ހޯދިފައިވާ ބެޔާ ލެވަކޫސެންގެ ކޯޗުގެ ގޮތުގައި އެ ޓީމު ގޮވައިގެން ކުރީގެ ސްޕެއިންގެ މިޑްފީލްޑަރު އޮލޮންސޯ ފުރަތަމަ މެޗުގައި ނުކުތީ ޝާލްކޭ އާ ދެކޮޅަށެވެ.

އަމިއްލަ ދަނޑުގައި ޝަލްކޭއާ ވާދަކޮށް ލެވެކޫސަން ވަނީ 4-0 އިން މެޗު ކާމިޔާބު ކޮށް، ލީގުގައި އެ ޓީމުގެ ދެ ވަނަ މޮޅު ހޯދައިފަ އެވެ.

މެޗުގައި ލެވަކޫސަންގެ ލަނޑުތައް ޖަހައިދިނީ މޫސާ ޑިއާބީ އާއި ޖެރެމީ ފްރިމްޕޮންގް އަދި ޕައުލީނިއޯ އެވެ. ފްރިމްޕޮންގް ވަނީ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ.

މި ނަތީޖާއާ އެކު ލެވެކޫސަން ވަނީ ނުވަ މެޗުން އަށް ޕޮއިންޓް ހަމަކޮށް، ރެލިގޭޝަން ޒޯނުން ކުރިއަށް ޖެހިލައިފަ އެވެ.

އުމުރުން 40 އަހަރުގެ ޒަބީ ވަނީ މިދި ހަފްތާ ލެވަކޫސަންއާ ހަވާލު ވުމުގެ ކުރިން ފާއިތުވި ތިން ސީޒަނުގައި ރެއާލް ސޮސިއެޑާޑް ގެ ބީ ޓީމަށް ކޯޗު ކޮށްދީ، އެޓީމު ހަތަރު ވަނަ ޑިވިޝަނުން ސީދާ ދެވަނަ ޑިވިޝަނަށް ޕްރޮމޯޓް ކޯށްދީފަ އެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ނަތީޖާ ދަށްވެ، އެ ޓީމު ވަނީ ތިންވަނަ ޑިވިޝަނަށް ރެލިގޭޓް ވެފަ އެވެ.

ޖަރުމަން ލީގުގައި ރޭ އާރުބީ ލައިޕްޒިގް ވަނީ މެއިންޒް އާ ވާދަކޮށް ޕޮއިންޓެއް ހޯދައިފަ އެވެ. ލައިޕްޒިގުން ރަށުން ބޭރުގައި މެއިންޒް އާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ފުރަތަމަ ހާފުގެ ފަހު މިނިޓުގައި މެއިންޒް އިން ލީޑު ހޯދި ނަމަވެސް، މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ލައިޕްޒިގަށް އެއްވަރު ކޮށްދިނީ ކްރިސްޓޮފާ އެންކޫންކޫ އެވެ.