Roadha Mihaaru
ލައިޕްޒިގް އަތުން ބަލިވެ ބެޔާން އަތުން ލީގު ދޫވަނީ

ލައިޕްޒިގް އަތުން ބަލިވެ ބެޔާން އަތުން ލީގު ދޫވަނީ

21 މެއި 2023

ޖަރުމަނު ލީގުގައި ރޭ އަމިއްލަ ދަނޑުގައި އާރުބީ ލައިޕްޒިގް އަތުން 3-1 އިން ބަލިވެ ބެޔާން މިއުނިކަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ހަނިވެއްޖެ އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ޖަރުމަނު ލީގުގައި ރޭ އަމިއްލަ ދަނޑުގައި އާރުބީ ލައިޕްޒިގް އަތުން 3-1 އިން ބަލިވެ ބެޔާން މިއުނިކަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ހަނިވެއްޖެ އެވެ.

ލީގު ރޭހުގައި ބެޔާންއާ އެންމެ ގާތުން ވާދަކުރަމުން އަންނަނީ ބޮރޫޝިއާ ޑޯޓްމަންޑެވެ.

ލީގުގެ އެއް ވަނައިގައި ބެޔާން އޮތީ 33 މެޗުން 68 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް 32 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ.

ލީގުގައި ޑޯޓްމަންޑް މިރޭ އޯސްބާގްއާ ބަލިކޮށްގެން އެއް ވަނަ މަގާމަށް އަލުން އެރޭނެ އެވެ. ޖަރުމަނު ލީގުގައި 18 ޓީމު ވާދަކުރާތީ ކޮންމެ ޓީމަކުން ޖުމްލަ ކުޅޭނީ 34 މެޗެވެ. އެހެންވެ، ލީގު ޗެމްޕިއަންކަން ކަށަވަރުވާނީ އަންނަ ހަފްތާ ކުޅޭ ފަހު މެޗުތަކަށް ފަހު އެވެ. ކުރިއަށް އޮތް ދެ މެޗުން ޑޯޓްމަންޑް މޮޅުވެއްޖެ ނަމަ އެޓީމަށް ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.

ލައިޕްޒިގް މެޗު ކާމިޔާބުކުރީ ފުރަތަމަ ހާފުގައި ބެޔާންގެ ސާޖް ގްނެބްރީ ގޯލު ޖަހައިފައި ވަނިކޮށް ފަހަތުން އަރަ އެވެ. ލީޕްޒިގް ގޯލުތައް ދެ ވަނަ ހާފުގައި ކާމިޔާބުކޮށް ދިނީ ކޮންރަޑް ލެއިމާ އާއި ކްރިސްޓޮފާ އެންކޫކޫ އަދި ޑޮމިނިކް ޒޮބޮސްލާއި އެވެ. ފަހު ދެ ގޯލު ލީޕްޒިގުން ޖެހީ ދެ ޕެނަލްޓީ އިންނެވެ.

ފަހު މެޗުގައި ބެޔާން ރަށުން ބޭރުގައި ނުކުންނާނީ އެފްސީ ކޮލޯންއާ ދެކޮޅަށެވެ. ޑޯޓްމަންޑް އަމިއްލަ ދަނޑުގައި ކުޅޭނީ މެއިންޒްއާ އެވެ.

ބެޔާން ވަނީ މިދިޔަ 10 ސީޒަނުގައި ވެސް ޖަރުމަނު ލީގު ކާމިޔާބު ކޮށްފަ އެވެ. ބެޔާން އަތުން އެންމެ ފަހުން ލީގު ގެއްލުނީ 2012 ވަނަ އަހަރު އެވެ. އެ ފަހަރު ޗެމްޕިއަންކަން ހޯދީ ޑޯޓްމަންޑެވެ.

މުހިއްމު މޮޅާ އެކު ލައިޕްޒިގް މިހާރު ވަނީ ތިން ވަނަ ކަށަވަރުކޮށް އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދައިފަ އެވެ. ލީޕްޒިގް ތިން ވަނަ ކަށަވަރުކުރީ 33 މެޗުން 63 ޕޮއިންޓް ހަމަކޮށްގެންނެވެ.

ޑޯޓްމަންޑާއި އޯސްބާގް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8:30 ގަ އެވެ.