Roadha Mihaaru
ރިސޯޓުތަކުގެ ޒުވާނުންނަށް ނައިބު ރައީސްގެ ތައުރީފު

ޓޫރިޒަމް ދާއިރާގެ ކާމިޔާބީގެ އަސްލަކީ ދިވެހި ޒުވާނުން ކުރާ ބުރަ މަސައްކަތް: ފައިސަލް

09 އޮކްޓޯބަރ 2022

ޓޫރިޒަމް ދާއިރާގައި ރާއްޖެ އަށް ލިބިފައިވާ ކާމިޔާބީގެ އަސްލަކީ ދިވެހި ޒުވާނުން ރިސޯޓުތަކުގައި ކުރާ ބުރަ މަސައްކަތް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ޓޫރިޒަމް ދާއިރާގައި ރާއްޖެ އަށް ލިބިފައިވާ ކާމިޔާބީގެ އަސްލަކީ ދިވެހި ޒުވާނުން ރިސޯޓުތަކުގައި ކުރާ ބުރަ މަސައްކަތް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން ބޭއްވި "ރ. ޓުއަރިޒަމް އެކްސްޕޯ 2022" ގެ ހަރަކާތްތައް ނިންމައި، އެވޯޑް ދިނުމަށް ދުވާފަރުގައި ބޭއްވި ހަފުލާ ޝަރަފުވެރި ކޮށްދެއްވަމުންނެވެ.

ފައިސަލްގެ ވާހަކަފުޅުގައި ވަނީ ޓޫރިޒަމް މިއަދާ ހަމައަށް ކާމިޔާބުކަމާއެކު ގެނެސް ދިން ފަރާތްތަކުގެ ބުރަ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ.

އެކްސްޕޯގެ ފުރަތަމަ ހަރަކާތް: ކަލިނަރީ ޗެލެންޖްގެ ތެެރެއިން ---ފޮޓޯ: ރ. އަތޮޅު ކައުންސިލް

އެކްސްޕޯގެ ފުރަތަމަ ހަރަކާތް: ކަލިނަރީ ޗެލެންޖްގެ ތެެރެއިން ---ފޮޓޯ: ރ. އަތޮޅު ކައުންސިލް

"ފަތުރުވެރިކަމުގެ މިއަދުގެ ކާމިޔާބީއާ ހަމައަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ ބުރަަ މަސައްކަތުން. ހާއްސަކޮށް ދިވެހި ޒުވާނުން އެ މީހުންގެ އާއިލާއާ ދުރުގައި ތިބެ މި ދާއިރާގެ ކުރިއެރުމަށް ކުރި ބުރަ މަސައްކަތުން،" ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި ޒުވާނުންގެ އަގު ވަޒަން ކުރައްވަމުން ނައިބު ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި، ޒުވާނުންގެ އެ މަސައްކަތަކީ ޓޫރިޒަމް ދާއިރާގައި މިއަދު ދެކޭ ކާމިޔާބީ ހޯދައިދިނުމުގެ ގުރުބާނީ އެވެ.

ޓޫރިޒަމް ދާއިރާގެ ކާމިޔާބީއަކީ ކަމާގުޅޭ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ހާއްސަކޮށް ކޮވިޑްގެ ދުވަސްވަރު ރިސޯޓުތަކުން ކޮށްފައިވާ ބުރަ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ.

ރ. ޓޫރިޒަމް އެކްސްޕޯގައި ބޭއްވި އަތްތެރި މައުރަޒުގެ ތެރެއިން ---ފޮޓޯ: ރ. އަތޮޅު ކައުންސިލް

ރ. ޓޫރިޒަމް އެކްސްޕޯގައި ބޭއްވި އަތްތެރި މައުރަޒުގެ ތެރެއިން ---ފޮޓޯ: ރ. އަތޮޅު ކައުންސިލް

ރޭގެ ހަފުލާގައި ނައިބު ރައީސް ވަނީ ރ. ޓޫރިޒަމް އެކްސްޕޯގެ އަތްތެރި މަސައްކަތުގެ މައުރަޒުގެ ވަނަތައް ހާސިލްކުރި މީހުންނަށް އިނާމު ހަވާލުކޮށްދެއްވައިފަ އެވެ. އަދި "އަތޮޅު ރިސޯޓް" އެވޯޑް ހާސިލްކުރި ދެ ރިސޯޓަށް ވެސް އެ މަނިކުފާނުވަނީ އެވޯޑު ހަވާލުކޮށްދެއްވި އެވެެ.

މި އަހަރުގެ މޭ މަހު ރ. އަތޮޅު ކައުންސިލުން ފެށި ޓޫރިޒަމް އެކްސްޕޯގައި ގިނަ ހަރަކާތްތަކެއް ބޭއްވި އެވެ. އެ އެކްސްޕޯ ފެށީ ރ. މީދޫގައި ބޭއްވި ކަލިނަރީ ޗެލެންޖަކުންނެވެ. ރ. ހުޅުދުއްފާރުގައި ޖޫން މަހު މޫދު ކުޅިވަރުގެ ހަރަކާތެއް ބޭއްވި އިރު، ރ. އަނގޮޅިތީމުގައި ވަނީ މުޅި އަތޮޅަށް ހުޅުވާލައިގެން އަތްތެރިކަމުގެ މައުރަޒެއް ވެސް ބާއްވައިފަ އެވެ.

ރ. އަތޮޅަކީ ރާއްޖޭގައި މަތީ ފެންވަރުގެ ރިސޯޓުތައް އެންމެ ގިނަ އެއް އަތޮޅެވެ. މިހާރު ވެސް އެ ފެންވަރުގެ 15 ރިސޯޓެއް އެ އަތޮޅުގައި އަންނަނީ ހިންގަމުންނެވެ.