Roadha Mihaaru
ރ. ކޮއްޓެފަރު އަންނަ މަހު ޓޫރިސްޓުންނަށް ހުޅުވާލަނީ

ރ. އަތޮޅުގައި ހެދި ފައިވް ސްޓާ ރިސޯޓް އަންނަ މަހު ޓޫރިސްޓުންނަށް ހުޅުވާލަނީ

19 ޑިސެމްބަރ 2019

މަތީފަންތީގެ ގިނަ ރިސޯޓުތަކެއް ތަރައްގީ ކޮށްފައިވާ ރ. އަތޮޅުގައި އަނެއްކާ ވެސް ފައިވް ސްޓާ ރިސޯޓެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މަތީފަންތީގެ ގިނަ ރިސޯޓުތަކެއް ތަރައްގީ ކޮށްފައިވާ ރ. އަތޮޅުގައި އަނެއްކާ ވެސް ފައިވް ސްޓާ ރިސޯޓެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

"ބްރެނިއާ ކޮއްޓެފަރު"ގެ ނަމުގައި ރ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ކޮއްޓެފަރު ޓޫރިސްޓުންނަށް އާންމުކޮށް ހުޅުވާލާނީ ޖެނުއަރީގަ އެވެ. ނަމަވެސް ރިސޯޓު ރަސްމީކޮށް ހުޅުވާނީ އަންނަ އަހަރުގެ މާޗުގަ އެވެ.

އާއިލީ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރި މި ރިސޯޓުގައި 190 ވިލާ ހުރެ އެވެ. މީގެ ތެރޭގައި ބީޗް ވިލާތަކާއި އޯވާ ވޯޓާ ވިލާތަކާއި ގާޑެން ވިލާތައް ހިމެނެ އެވެ. މި ހުރިހާ ވިލާއެއް ވެސް ތައްޔާރުކޮށްފައި ވަނީ ރާއްޖޭގެ ރީތިކަން ދައްކުވައިދޭނެ ހެން ޒަމާނީ ޑިޒައިންތަކަށެވެ.

ކޮއްޓެފަރުގެ އޯވާ ވޯޓާ ވިލާއެއް-- ފޮޓޯ: ބްރެނިއާ ކޮއްޓެފަރު

ކޮއްޓެފަރުގެ އޯވާ ވޯޓާ ވިލާއެއް-- ފޮޓޯ: ބްރެނިއާ ކޮއްޓެފަރު

މި ރިސޯޓުގައި ތަފާތު އެކި ކުޒީންތަކަށް ހާއްސަ ތިން ރެސްޓޯރެންޓެއް ވެސް ހުރެ އެވެ. އެއީ އިންޓަނޭޝަނަލް ކުޒީންތަކަށް ހާއްސަ "ލައިމް" އާއި އޭޝިއާގެ ކުޒީންތަކަށް ހާއްސަ "މަންޓާ" އާއި ބާބަކިއު އަށް ހާއްސަ "ސަންސެޓް ގްރިލް" ރެސްޓޯރެންޓެވެ.

ކޮއްޓެފަރުގެ ބީޗް ވިލާތަކެއް-- ފޮޓޯ: ބްރެނިއާ ކޮއްޓެފަރު

ކޮއްޓެފަރުގެ ބީޗް ވިލާތަކެއް-- ފޮޓޯ: ބްރެނިއާ ކޮއްޓެފަރު

މީގެ އިތުރުން އެ ރިސޯޓަށް ދާ ޓޫރިސްޓުންނަށް މޫދު ކުޅިވަރާއި ސްނޯކްލިން އަދި ޑައިވިން ފަދަ ހަރަކާތްތަކުގެ ތަޖުރިބާ ކުރުމަށް ޕަޑީގެ ސެޓްފިކެޓް ލިބިފައިވާ ޑައިވް ސެންޓަރަކާއި ވޯޓާ ސްޕޯޓްސް ސެންޓަރެއް ވެސް ހުރެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ "ކިޑްސް ކްލަބް" އަކާއި ޓެނިސް ކޯޓެއްގެ އިތުރުން ކަސްރަތު ކުރާ މީހުންނަށް ޖިމެއް ވެސް މި ރިސޯޓުގައި ހުރެ އެވެ.

.

ކޮއްޓެފަރުގެ ސްޕޯޓްސް ސެންޓާ-- ފޮޓޯ: ބްރެނިއާ ކޮއްޓެފަރު

ކޮއްޓެފަރުގެ ސްޕޯޓްސް ސެންޓާ-- ފޮޓޯ: ބްރެނިއާ ކޮއްޓެފަރު

ކޮއްޓެފަރަކީ ރ. އަތޮޅުގައި ހުޅުވާ 13 ވަނަ ރިސޯޓެވެ. މިހާރު ވެސް އެ އަތޮޅުގައި ދުނިޔޭގެ މަޝްހޫރު ފައިވް ސްޓާ އަދި ސެވަން ސްޓާ ރިސޯޓުތައް ހިންގަ އެވެ. މީގެ ތެރޭގައި "ޔޫ އެންޑް މީ ބައި ކޮކޫން" އާއި "އަދާރަން ސެލެކްޓް މީދުއްޕަރު" އާއި "ކަޕޭޑިއަމް" އަދި "އެމަރަލްޑް މޯލްޑިވްސް" އާއި "އިންޓަ ކޮންޓިނެންޓަލް މޯލްޑިވްސް" ފަދަ ރިސޯޓުތައް ހިމެނެ އެވެ.