Roadha Mihaaru
އެމްއެންޔޫ ގްރާންޓުގެ ދަށުން ދެ ފޮތެއް ނެރެފި

އެމްއެންޔޫން އެހީތެރިވެގެން ތައްޔާރުކުރި ދެ ފޮތް ނެރެފި

11 އޮކްޓޯބަރ 2022

ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ފޮތްތެރިކަން އިތުރުކުރުވުމަށް ތައާރަފު ކުރި ގުރާންޓުގެ ދަށުން ތައްޔާރުކުރި ދެ ފޮތް މިއަދު ނެރެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ފޮތްތެރިކަން އިތުރުކުރުވުމަށް ތައާރަފު ކުރި ގުރާންޓުގެ ދަށުން ތައްޔާރުކުރި ދެ ފޮތް މިއަދު ނެރެފި އެވެ.

އެމްއެންޔޫގެ އެ ގްރާންޓުގެ ދަށުން ނެރުނު އެ ދެ ފޮތަކީ ކުޑަކުދިންނަށް ހާއްސަކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމު ކަމަށް ބާރު އަޅާ ދެ ފޮތެވެ.

އެ ދެ ފޮތް ނެރެދެއްވީ އެމްއެންޔޫގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އިލުސްޓްރޭޓަރު ނާޒް (ކ)، ކުރީގެ ޕްރެޒެންޓަރު ނަޖުމާ، ރައީސް ނަޝީދު އަދި ލިޔުންތެރިޔާ ލީލާ (ވ). ފޮޓޯ: ނިޝާން އަލީ | މިހާރު

އިލުސްޓްރޭޓަރު ނާޒް (ކ)، ކުރީގެ ޕްރެޒެންޓަރު ނަޖުމާ، ރައީސް ނަޝީދު އަދި ލިޔުންތެރިޔާ ލީލާ (ވ). ފޮޓޯ: ނިޝާން އަލީ | މިހާރު

ފޮތް ނެރެދެއްވުމަށް ފަހު ނަޝީދު ވިދާޅުވީ، ކިޔުންތެރިކަމަކީ މިހާރު ނެތެމުންދާ އާދައެއް ކަމަށާއި އެ އާދަ ކުޑަކުދިންގެ ކިބައިގައި އަށަގެންނުވޭނީ ބޮޑެތި މީހުން ވެސް އެ އާދަ ދިރުވައިގެން ކަމަށެވެ. އެމްއެންޔޫ އިން ފޮތްތެރިކަން ފުޅާ ކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ސަބަބުން ލިޔުންތެރިކަމާއި ފޮތްތެރިކަން ފުޅާވެ، ކުރީގައި ނެތް ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޔޫ އިން މިއަދު ނެރުނީ އެ ޔުނިވާސިޓީގެ ޑީން އޮފް ސްޓޫޑެންޓް ލީލާ އަހުމަދު ލިޔެ، މާދިހް މުހައްމަދު އިލުސްޓްރޭޓު ކޮށްފައިވާ "ދަރުމަވެރި ރުއް" އަދި "ވެލާ ފިނޮޅު" ކިޔާ ދެ ފޮތެވެ.

ލިޔުންތެރިޔާ ލީލާ ވިދާޅުވީ، އެ ފޮތް ލިޔުއްވުމުގެ ހިޔާލު އައީ ކޮވިޑުގައި ލޮކްޑައުންގެ ދުވަސްވަރު ގޭގައި ކުޑަކުއްޖަކާއެކު ހުންނެވި ދުވަސްވަރު ކަމަށެވެ. އަދި އެ ދެ ފޮތް ލިޔުއްވުމުގައި ތިމާވެއްޓަށް އަޅައިލައްވަން ބާރު އަޅަން ބޭނުންވި ކަމަށާއި އުއްމީދަކީ ފޮތުން ކުދިންނަށް ފިލާވަޅުތަކެއް ދަސްވެ، ރަނގަޅު އިބުރަތެއް ލިބުން ކަމަށް ވިދާޅުވި އެވެ.

ފޮތް އިލުސްޓްރޭޓު ކުރުމުގެ ކުރިން، އެ ފޮތުގެ ހިޔާލު އޮތްގޮތާއި، އެ ފޮތް އެންމެ ފުރަތަމަ އަމިއްލަ އަށް ފަރުމަކޮށްފައިވާ ގޮތް ދައްކާލަނީ. ފޮޓޮ: ނިޝާން އަލީ | މިހާރު

ފޮތް އިލުސްޓްރޭޓު ކުރުމުގެ ކުރިން، އެ ފޮތުގެ ހިޔާލު އޮތްގޮތާއި، އެ ފޮތް އެންމެ ފުރަތަމަ އަމިއްލަ އަށް ފަރުމަކޮށްފައިވާ ގޮތް ދައްކާލަނީ. ފޮޓޮ: ނިޝާން އަލީ | މިހާރު

އެމްއެންޔޫގެ ބުކް ރައިޓިން ގްރާންޓަކީ ފޮތްތެރިކަން އިތުރު ކުރުމަށް ފެށި މަސައްކަތްތަކުގެ ތެރެއިން ދޫކުރަން ކަނޑައެޅި ގްރާންޓެކެވެ. އެ ގްރާންޓުގެ މަގުސަދަކީ، ފޮތް ލިޔެ ޗާޕުނުކުރެވި ތިބި ލިޔުންތެރިންނަށް އެ ފުރުސަތު ދިނުމެވެ.

އެމްއެންޔޫއިން ބުނިގޮތުގައި، އެ ގްރާންޓަށް މި ދިޔަ އަަހަރު 30 ޕްރޮޕޯސަލް ލިބުނެވެ. އަދި އެ ޕްރޮޕޯސަލްތައް މުރާޖައާ ކުރުމަށް ފަހު 14 ހުށަޙެޅުމަކަށް އެއް މިލިއަނާ ގާތް ކުރާވަރުގެ ގްރާންޓު ދީފައިވާ ކަމަށް ވެސް ބުންޏެވެ.

ފޮތްތެރިކަން ތަރައްގީކޮށް، ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަދު ވަނީ އެމްއެންޔޫގެ ފޮތް މައުރަޒު ވެސް ހުޅުވައިފަ އެވެ. އެ މައުރަޒު ވެސް ހުޅުއްވައި ދެއްވީ ކުރީގެ ރައީސް ނަޝީދެވެ.

އެ މައުރަޒުގައި 22 ފަރާތަކުން ބައިވެރިވެ، 1،400 އަށް ވުރެ ގިނަ ފޮތް ހުށަހަޅާފައިވާ ކަމަށް އެމްއެންޔޫ އިން ބުންޏެވެ. އެ މައުރަޒުގައި އެކި އުމުރުފުރާތަކާ ގުޅޭ ފޮތްތައް ވަނީ ހިމަނައިފަ އެވެ.

އެ މައުރަޒު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން ރޭގަނޑު 10 އަށެވެ.