Roadha Mihaaru
ނަޝީދު އައްޑޫގައި

ނަޝީދު އައްޑޫގައި

14 ސެޕްޓެމްބަރ 2022

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހަވީރު އައްޑު އަށް ވަޑައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހަވީރު އައްޑު އަށް ވަޑައިގެންފި އެވެ.

ނަޝީދު އެ ސިޓީ އަށް ވަޑައިގަތުމުން އެ މަނިކުފާނަށް އެއާޕޯޓުން މަރުހަބާ ދެންނެވީ އައްޑޫގެ މޭޔަރު އަލީ ނިޒާރެވެ. ނަޝީދުގެ ވަރަށް ގިނަ ސަޕޯޓަރުން ވެސް އެ މަނިކުފާނަށް މަރުހަބާ ކިޔަން އެއާޕޯޓަށް ގޮސް ތިއްބެވެ. ނަޝީދު، އެ އެންމެންނާ ސަލާމް ކުރައްވައި ސެލްފީ އާއި ފޮޓޯ ނެންގެވި އެވެ.

އެމްޑީޕީން ބުނީ، ނަޝީދު އައްޑު އަށް ވަޑައިގަތީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ހިތަދޫ ކެމްޕަހުގައި މިރޭ ބާއްވާ "ފޯސޭކެން ފިއުޗާސް - ޖަސްޓިސް އަންޑަވޯޓާ" ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. އެއީ މޫސުމަށް އަންނަ ބަދަލާ ގުޅޭ ހަރަކާތެކެވެ.

ތިމާވެށީގެ ހިމަޔާތަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ނަޝީދު، އެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް އައްޑު އަށް ވަޑައިގަތް ނަމަވެސް، އެ މަނިކުފާނު ވަނީ ހިތަދޫގެ އުތުރު އަވަށުގެ މީހުންނާ ބައްދަލުކުރައްވައި އެ މީހުންގެ ޝަކުވާތައް އައްސަވައިފަ އެވެ.

އެމްޑީޕީގެ ތާއީދު ބޮޑު އައްޑު އަށް ނަޝީދު އެންމެ ފަހުން ވަޑައިގަތީ ސްރީ ލަންކާ އާއި އިނގިރޭސި ވިލާތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު 2018 ގައި ރާއްޖެ ވަޑައިގެންނެވެ. އެ ފަހަރު އައްޑޫގެ ހުރިހާ އަވަށްތަކަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރެއްވި އެވެ.