Roadha Mihaaru
"ބޯޓަށް ތެޔޮގަތުމުގެ މުއާމަލާތެއްގައި ބައިވެރިނުވަން"

ކަނޑުގެ ދިރާސާގައި ބޭނުންކުރި ބޯޓަށް ތެޔޮގަތުމުގެ އެއްވެސް މުއާމަލާތެއްގައި ބައިވެރި ނުވަން: ލޯކަލް އެޖެންޓް

11 އޮކްޓޯބަރ 2022

ރާއްޖޭގެ ކަނޑުގެ ބޮޑު ދިރާސާ ކުރުމަށް ގެނައި އުޅަނދު "އާރްވީ އޮޑެސީ" އަށް ބޭނުންވާ ޑީސަލް ގަތުމަށް ހިންގި އެއްވެސް ފައިސާގެ މުއާމަލާތެއްގައި ބައިވެރި ނުވާ ކަމަށް އެ ބޯޓުގެ ރާއްޖޭގެ އެޖެންޓު މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ކަނޑުގެ ބޮޑު ދިރާސާ ކުރުމަށް ގެނައި އުޅަނދު "އާރްވީ އޮޑެސީ" އަށް ބޭނުންވާ ޑީސަލް ގަތުމަށް ހިންގި އެއްވެސް ފައިސާގެ މުއާމަލާތެއްގައި ބައިވެރި ނުވާ ކަމަށް އެ ބޯޓުގެ ރާއްޖޭގެ އެޖެންޓު މިއަދު ބުނެފި އެވެ.

އަލްފާ + މައިކް ސާވިސަސްގެ ނޫސްބަޔާނެއްގައި ބުނީ، އެ ބޯޓާއި އެ އަށް ޑީސަލް ސަޕްލައި ކުރި ހޯކްސް ޕްރައިވެޑް ލިމިޓެޑާ ދެމެދުގައި ހިނގި ފައިސާގެ އެއްވެސް މުއާމަލާތެއްގައި، އެ ކުންފުނީގެ ހިއްސާދާރުންނާއި ޑިރެކްޓަރުންނާއި އަދި މުވައްޒަފުންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

އާރްވީ އޮޑެސީ" ގެ ވެރިފަރާތް، އެމެރިކާގެ ދި އޯޝަން ކޮންސަވޭޝަން އެކްސްޕްލޮރޭޝަން އެންޑް އެޑިއުކޭޝަން ފައުންޑޭޝަން (އޯސީފް)އާ އެކު، އަލްފާ + މައިކް ސާވިސަސް އިން އެއްބަސްވީ، އެ ބޯޓު ރާއްޖެ އެތެރެކުރުމަށް ކަސްޓަމްސް އިން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް އެކަނި ކަމަށް ބުންޏެވެ. އޭގެ ތެރޭގައި، ޑީސަލް ހިމެނޭ ގޮތަށް އެ އުޅަނދަށް ބޭނުން އެހެނިހެން އެއްޗެހި ސަޕްލައި ކުރުމުގެ ހުއްދަތައް ހޯދުން ހިމެނެ އެވެ.

"ތެޔޮ ގަތުމުގެ މުއާމަލާތްތައް ސީދާ ހިނގީ އެ ބޯޓުގެ ވެރިފަރާތާއި ހޯކްސް ޕްރައިވެޓް ލިމިޑެޓާ ދެމެދުގައި،" ބަޔާނުގައިވެ އެވެ.

"އެ މުއާމަލާތް ކުރުމުގައި މި ކުންފުނީގެ އެއްވެސް މެމްބަރަކު ބައިވެރިފައެއް ނޯންނާނެ. އަދި ޕޭމަންޓާ ގުޅޭ އެއްވެސް މަޝްވަރާއެއްގައި ވެސް އަޅުގަނޑުމެންގެ ބައިވެރިވުމެއް ނޯންނާނެ."

އަލްފާ + މައިކް ސާވިސަސް އިން ބުނިގޮތުގައި ޑީސަލަށްވާ ފައިސާ ނުދައްކައިގެން "އާރްވީ އޮޑެސީ" ގެ ވެރިފަރާތާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމާ އެކު، އެ އުޅަނދު ރާއްޖެ އިން ފުރައިގެން ދިއުމަށް ހޯދަން ޖެހޭ ހުއްދަތައް ހޯދައިދިނުމުގެ މަސައްކަތް ވެސް ވަގުތުން ހުއްޓާލި އެވެ. އަދި ރާއްޖެ އިން ފުރުމުގެ ހުއްދަ އެ ބޯޓަށް ހޯދައި ދޭނީ މިހާރު ނެރެފައިވާ ކޯޓު އަމުރާ އެއްގޮތަށް ޑީސަލަށްވާ ފައިސާ ދައްކައި ހަލާސް ކުރުމުން ކަމަށް ވެސް ބުންޏެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އިއްޔެ ވަނީ އެ ބޯޓު ފުރުން މަނާކޮށް، ވަގުތީ އަމުރެއް ނެރެފަ އެވެ.

ބޯޓުގެ ވެރިފަރާތުން ހޯކްސް ކުންފުންޏަށް 186،900 ޑޮލަރު ދައްކަން ޖެހޭ ކަމަށް އެ އަމުރުގައިވެ އެވެ. "އާރްވީ އޮޑެސީ" އަށް ރާއްޖެ އިން ފުރޭނީ އެ ފައިސާ ދެއްކުމުންނެވެ.

ދިވެހި ސަރުކާރާއި އިނގިރޭސި ވިލާތުގެ ނެކްޓަން ރިސާޗު ފައުންޑޭޝަން ގުޅިގެން، ރާއްޖޭގެ ކަނޑުތައް ދިރާސާކުރުމަށް ފެށި "ނެކްޓަން މިޝަން މޯލްޑިވްސް"ގެ ސާވޭ ނިމުނީ މިދިޔަ ހަފުތާގަ އެވެ. ދެން އޮންނަނީ އެ ސާވޭގައި އެއްކުރި ސާމްޕަލްތަކާއި މައުލޫމާތު ތަހުލީލުކޮށް، ތަފުސީލީ މައުލޫމާތު އެއްކުރުމެވެ.