Roadha Mihaaru
ބޮޑު ދިރާސާގެ ސައިންސްވެރިންނާ އެކު ކަނޑުމަތީގައި

ބޮޑު ދިރާސާގެ ސައިންސްވެރިންނާ އެކު ކަނޑުމަތީގައި

12 ސެޕްޓެމްބަރ 2022

ރާއްޖޭގެ ކަނޑުތަކުގެ "ސިއްރުތައް" ހޯދުމަށް މިހާރު ކުރިއަށް ގެންދާ ދިވެހި ކަނޑުގެ ބޮޑު ދިރާސާގައި ބައިވެރިވާ ސައިންސްވެރިންގެ ފުރަތަމަ ޓީމު ލޮކޭޝަނަށް ފުރީ މިދިޔަ ބުދަ ދުވަހު އެވެ. ރާއްޖެ އާއި އިނގިރޭސިވިލާތާއި އަދި ސްރީ ލަންކާގެ ސައިންސްވެރިންނާ އެކު މި ދަތުރުގައި އިންޑިއާގެ ސައިންސްވެރިން ވަކި ހިސާބަކުން ބައިވެރިވާނެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ކަނޑުތަކުގެ "ސިއްރުތައް" ހޯދުމަށް މިހާރު ކުރިއަށް ގެންދާ ދިވެހި ކަނޑުގެ ބޮޑު ދިރާސާގައި ބައިވެރިވާ ސައިންސްވެރިންގެ ފުރަތަމަ ޓީމު ލޮކޭޝަނަށް ފުރީ މިދިޔަ ބުދަ ދުވަހު އެވެ. ރާއްޖެ އާއި އިނގިރޭސިވިލާތާއި އަދި ސްރީ ލަންކާގެ ސައިންސްވެރިންނާ އެކު މި ދަތުރުގައި އިންޑިއާގެ ސައިންސްވެރިން ވަކި ހިސާބަކުން ބައިވެރިވާނެ އެވެ.

"ނޮލެޖް އެކްސްޗޭންޖް އެކްސްޕެޑިޝަން" ނުވަތަ އެ ދަތުރަކީ އިންޑިއާ ކަނޑުގައި އޮންނަ ގައުމުތަކުގެ ތެރެއިން އެ ދިރާސާގައި ބައިވެރިވާ ގައުމުތަކުގެ ސައިންސްވެރިންނާއި ނެކްޓަންގެ ފަރާތުން ރާއްޖެ އައިސްފައިވާ އިނގިރޭސިވިލާތުގެ ސައިންސްވެރިންނާ ދެމެދު މައުލޫމާތު ބަދަލުކޮށް، އެ ދިރާސާގެ މިޝަން އަށް ބޭނުންވާ ސައިންޓިފިކް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރަމުން އަންނަ ދަތުރެކެވެ.

އެ ޓީމުގައި ޗީފް ސައިންޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ، އަޔަލެންޑްގެ ޔުނިވާސިޓީ އޮފް ގެލްވޭގެ ޕްރޮފެސަރު ލުއީސް އޯލްކޮކް ވިދާޅުވި ގޮތުގައި، އޭނާ އެ ދިރާސާގައި ބައިވެރިވެވަޑައިގަތީ މީގެ ކުރިން ވެސް އެ ކަހަލަ ދިރާސާތަކުގައި ބައިވެރިވެވަޑައިގެންފައި ވާތީ ފެސިލިޓޭޓާއެއްގެ ގޮތުގައި ކަމަށެވެ. އޭނާގެ މަގުސަދަކީ މި ދިރާސާގައި ބައިވެރިވާ ރާއްޖެ އާއި އިންޑިއާ ކަނޑުގެ އެހެން ގައުމުތަކުގެ ސައިންސްވެރިންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމެވެ.

އެ ދިރާސާ ކުރުމަށް ރާއްޖެ ގެނެސްފައިވާ މަނަވަރު "އޮޑެސީ" ވަނީ އޭރު، އެ ޓީމު ފުރުމުގެ އެއް ދުވަސްކުރިން ދަތުރު ފަށައި، ވ. އަތޮޅަށް ގޮސްފަ އެވެ. ދިރާސާގައި ބައިވެރިވުމަށް އޮޑެސީ އަށް ދިއުމަށް، "ދިނަށަ" ކިޔާ ސަފާރީއެއްގައި އެ ޓީމު ފުރީ ޖެހިގެން އައި ދުވަހު ހުޅުމާލެއިންނެވެ. އެ ޓީމުގައި ހިމެނޭ 10 ސައިންސްވެރިން، 10 ދުވަހަށް ސްޓޭޝަން ވެގެން ތިބޭނީ އެ ސަފާރީގަ އެވެ. އެކަމަކު، މައިގަނޑު މަސައްކަތްތައް ކުރިއަށް ގެންދަނީ އޮޑެސީގައި ތިބި ނެކްޓަންގެ ޓީމުގެ ސަޕޯޓާއެކުގަ އެވެ.

ކަނޑުގެ ބޮޑު ދިރާސާގެ "ނޮލެޖް އެކްސްޖޭންޖް އެކްސްޕެޑިޝަން"ގެ ބައިވެރިން -- ފޮޓޯ: އަލީފް

ކަނޑުގެ ބޮޑު ދިރާސާގެ "ނޮލެޖް އެކްސްޖޭންޖް އެކްސްޕެޑިޝަން"ގެ ބައިވެރިން -- ފޮޓޯ: އަލީފް

އެ ދަތުރުގައި އެ މީހުންނާ އެކު ސަފާރީގައި ތިން ދުވަސް ހޭދަކޮށްލައި، މަސައްކަތް ކުރިއަށްދާ ގޮތް ތަޖުރިބާކޮށްލުމުގެ ފުރުސަތު އަހަރެމެންނަށް ދިނެވެ.

ލުއީސްގެ އިތުރުން އެ ޓީމުގައި ދެން ހިމެނެނީ ސްކޮޓްލޭންޑުގެ ޔުނިވާސިޓީ އޮފް އެބަޑީންގެ ޕީއެޗްޑީ ދަރިވަރު މޮލީ ރިވާސް އާއި ލަންކާގެ ފުރަތަމަ މެރިން ރިސާޗު ޖަމިއްޔާ "އޯޝަންސްވެލް"ގެ ފައުންޑާ އަދި މެރިން ބަޔޮލޮޖިސްޓް އާޝާ ޑި ވޮސް އެވެ.

މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓްގެ ފަރާތުން އެ އިދާރާގެ ސީނިއާ ރިސާޗު އޮފިސަރު މުހައްމަދު އަހުސަން އާއި އޮފިސަރު ހުސެއިން މޫސާ ވެސް ބައިވެރިވެ އެވެ. މޯލްޑިވްސް ރެސިލިއެންޓް ރީފްސް ޖަމިއްޔާގެ ފައުންޑާ ޝަހާ ހާޝިމް އާއި އެންވަޔަރުމެންޓަލް ކޮންސަލްޓަންސީގެ ހިދުމަތްދޭ ދިވެހި ކުންފުނި، ވޯޓާ ސޮލިއުޝަންސްގެ މެރިން ބަޔޮލޮޖިސްޓް އަލީފް ނަސީމް ވެސް އެ ޓީމުގައި މަސައްކަތް ކުރައްވަ އެވެ.

އިންޑިއާގެ ފަރާތުން ބައިވެރިވަނީ އެ ގައުމުގެ މެރިން ސައިންޓިސްޓުން ކަމަށްވާ ޝެރީން ކުބޭލިއޯ، ޑރ. ސެންދިލް ކުމާރު އަދި ސަރަވަނާނޭ ނާޔާރަނާނޭ އެވެ. އަދި އެމެރިކާގެ ލިޔުންތެރިއެއް ކަމަށްވާ ޖެފެރީ މާލޯ ވެސް ތިން ދުވަހަށް އެ ސަފާރީގައި މަޑުކުރެއްވި އެވެ.

ކަނޑުގެ ބޮޑު ދިރާސާގެ ބައެއް ސައިންސްވެރިން ދަތުރުކުރަމުންދާ ސަފާރީ -- ފޮޓޯ: ޑެނީސް | ނެކްޓަން

ކަނޑުގެ ބޮޑު ދިރާސާގެ ބައެއް ސައިންސްވެރިން ދަތުރުކުރަމުންދާ ސަފާރީ -- ފޮޓޯ: ޑެނީސް | ނެކްޓަން

ވ. އަތޮޅުން ފެށިގެން ރާއްޖޭގެ އެންމެ ދެކުނަށް

މިދިޔަ ބުދަ ދުވަހު، "ނެކްޓަން މޯލްޑިވްސް މިޝަން"ގެ ދަތުރު އޮޑެސީގައި ފެށީ މާލެއިންނެވެ. އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ދިޔައީ ވ. އަތޮޅަށެވެ. އަހަރެމެންނަށް އެ ދަތުރުގައި ބައިވެރިވާން ލިބުނު ތިން ދުވަހު މަޑުކޮށްގެން ތިބީ، ރާއްޖޭގެ އެންމެ އިރުމަތީގައި އޮންނަ ރަށް ކަމަށްވާ ވ. ފޮއްތެޔޮ ކައިރިން، އަތޮޅުގެ ބޭރުގަ އެވެ.

އިންސާނުން ގޮވައިގެން ކަނޑުގެ ފުނަށް ދިއުމަށް ބޭނުންކުރާ އެކަމަށް ހާއްސަ އުޅަނދެއް ކަމަށްވާ، ސަބްމާސިބަލްގައި ކުރާ ފުރަތަމަ ޑައިވްގެ ތައްޔާރީތައް އޭރު އޮޑެސީގައި ކުރިއަށް ދެ އެވެ. އެ މަސައްކަތް ކުރުމަށް ރާއްޖެއަށް ދެ ސަބްމާސިބަލް ގެނެސްފައިވެ އެވެ. އޭގެ ތެރެއިން އެއް ސަބްމާސިބަލް ކަމަށްވާ "އޮމެގާ ސީމާސްޓާ 2"ގައި ދިވެހި ދެ ސައިންސްވެރިންނާ އެކު ކަނޑުގެ ފުނަށް ދިއުމުގެ ފުރަތަމަ ދަތުރު ލ. އަތޮޅުގައި އިއްޔެ ވަނީ ފަށައިފަ އެވެ.

އެ ޑައިވްގެ ކުރިން ވެސް، ނެކްޓަން އިން އެހެން ރޮބޮޓިކް އުޅަނދުތައް ކަނޑު އަޑިއަށް ފޮނުވައިގެން ޓެސްޓުކުރުމާއި ސާވޭގެ މަސައްކަތް މިދިޔަ ހަފުތާއިން ފެށިގެން ކޮށްފައިވެ އެވެ.

ވ. އަތޮޅުގެ އިތުރުން ލ. އަތޮޅާއި ހުވަދު އާއި ފުވައްމުލަކު އަދި އައްޑޫގެ ކަނޑުގެ ސަރަހައްދު އެ ދިރާސާގައި ބަލާ ގޮތަށް ވަނީ ނިންމައިފަ އެވެ.

ރާއްޖޭގެ ކަނޑުގެ ބޮޑު ދިރާސާގައި ސާވޭކުރަން ހަމަޖެހިފައިވާ ސަރަހައްދުތައް.

ރާއްޖޭގެ ކަނޑުގެ ބޮޑު ދިރާސާގައި ސާވޭކުރަން ހަމަޖެހިފައިވާ ސަރަހައްދުތައް.

އޮޑެސީން، އަހަރެމެން ތިބި ސަފާރީ އަށް ވެސް ބައެއް ވަސީލަތްތައް ފޮނުވައިގެން، ސައިންސްވެރިން ބައެއް ސާވޭތައް ކުރި އެވެ. ފޮއްތެޔޮ ކައިރީގައި އޮންނަ ބޮޑު ފަޅެއްގެ ފަރުމަތީގެ 250 މީޓަރުގެ ސަރަހައްދެއްގައި ސްނޯކުލްކޮށް، ބައެއް ސާމްޕަލްތައް ނެގި އެވެ. އެހެން ވަސީލަތްތަކެއް ބޭނުންކޮށްގެން ވެސް ކަނޑުން ސާމްޕަލްތަކެއް ނެގި އެވެ.

އެ ސާމްޕަލްތަކުގެ ޕްރައިމަރީ ތަހުލީލުތައް ކުރުމަށް ސަފާރީގައި ވަގުތީ ލެބެއް ހަދައިގެން ވެސް މަސައްކަތް ކުރި އެވެ. އަދި އެއްކުރާ ހުރިހާ މައުލޫމާތެއް ދިޔައީ މަނަވަރުގައި ހުންނަވާ އެ މިޝަންގެ ޕްރިންސިޕަލް ސައިންޓިސްޓް އަދި އޮކްސްފޯޑް ޔުނިވާސިޓީގެ ބަޔޮލޮޖިސްޓް ލޫސީ ވުޑާލް އަށް ވަގުތުން ފޮނުވަމުންނެވެ. އެ މަސައްކަތް ކުރިއަށް ގެންދަންވާ ގޮތުގެ އިރުޝާދު އޭނާ ވެސް ދެއްވަ އެވެ.

އެ ޓީމުގެ ޗީފް ސައިންޓިސްޓް ލުއީސް ވިދާޅުވީ، ހަމަ މި ކަހަލަ ދިރާސާއެއްގައި އޭނާ މީގެ ކުރިން ވެސް ބައިވެރިވި ކަމަށެވެ. އެއީ 2019 ވަނަ އަހަރު ނެކްޓަން އާއި ސީޝެލްސްގެ ސަރުކާރާ ގުޅިގެން ހެދި އެ ގައުމުގެ ކަނޑުތަކުގެ ބޮޑު ދިރާސާގަ އެވެ.

ކަނޑުގެ ބޮޑު ދިރާސާގެ "ނޮލެޖް އެކްސްޖޭންޖް އެކްސްޕެޑިޝަން"ގައި ޗީފް ސައިންޓިސްޓެއްގެ ގޮތުގައި ބައިވެރިވާ އަޔަލެންޑްގެ ގެލްވޭ ޔުނިވާސިޓީގެ ޕްރޮފެސަރު ލުއީސް އޯލްކޮކް -- ފޮޓޯ: މިހާރު

ކަނޑުގެ ބޮޑު ދިރާސާގެ "ނޮލެޖް އެކްސްޖޭންޖް އެކްސްޕެޑިޝަން"ގައި ޗީފް ސައިންޓިސްޓެއްގެ ގޮތުގައި ބައިވެރިވާ އަޔަލެންޑްގެ ގެލްވޭ ޔުނިވާސިޓީގެ ޕްރޮފެސަރު ލުއީސް އޯލްކޮކް -- ފޮޓޯ: މިހާރު

މީގެ ކުރިން ނެކްޓަންގެ އެކްސްޕެޑިޝަންތަކުގައި ކަނޑުގެ ތިލަ ހިސާބުތަކުގައި ފީނައިގެން، ދިރާސާ އަށް ބޭނުންވާ މައުލޫމާތު އެއްކޮށްފައެއް ނުވެ އެވެ. އެހެންވެ، މިފަހަރު އެންމެ އުނދަގޫ ކަމަކަށް ފާހަގަކުރެވުނީ އެކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްނޯކްލިން ޓްރާންސެކްޓްތައް 250 މީޓަރުގެ ސަރަހައްދެއްގައި ކުރުން އެއީ އެހާ ފަސޭހަ ކަމަކަށް ނުވޭ. އެއީ ވަރަށް ބޮޑު ސަރަހައްދަކަށް ވެފައި، ކެމެރާ ސިސްޓަމްތަކެއް ހިފައިގެން އެކަން ކުރަން ޖެހޭތީ ކަނޑުގެ އޮޔާއި، ވައި ހުންނަ ގޮތުން އެއީ ވަރަށް ޗެލެންޖިން ކަމެއް މިފަހަރު،" އޭނާ ވިދާޅުވި އެވެ.

އަހަރެމެންނަށް ލިބުނު ތިން ދުވަސް ހަމަވެ، އެނބުރި މާލެ އައިރު، އެ ސްނޯކްލިކް ޓްރާންސެކްޓްތަކުގެ އެއްބައި މަސައްކަތް އޮތީ ނިމިފަ އެވެ.

"ދެން އަހަރެމެން ބޭނުންކުރީ ނިއުސްޓަން ނެޓެއް. އޭގެ އެހީގައި ކަނޑުގެ މަތީ ފަށަލައިގައި އުޅޭ، ލޮލަށް ކިރިޔަކިރިޔާ ފެންނަ ކުދިކުދި ދިރުންތަކުގެ ސާމްޕަލްތަކެއް ނެގީ. ދުވާލު އަދި ރޭގަނޑު ވެސް އޭގެ ސާމްޕަލްތައް ނެގިން،" އެޓްލާންޓިކް ކަނޑުގެ ބޮޑެތި ދިރާސާތަކުގައި ވެސް ބައިވެރިވި ލުއީސް ވިދާޅުވި އެވެ.

ކަނޑުގެ ބޮޑު ދިރާސާކުރުމަށް ރާއްޖެ އަށް ގެނެސްފައިވާ މަނަވަރު "އޮޑެސީ" -- ފޮޓޯ: މިހާރު

ކަނޑުގެ ބޮޑު ދިރާސާކުރުމަށް ރާއްޖެ އަށް ގެނެސްފައިވާ މަނަވަރު "އޮޑެސީ" -- ފޮޓޯ: މިހާރު

"ނިއުސްޓަން ނެޓް ބޭނުންކޮށްގެން ރޭގަނޑު ވެސް އަހަރެމެން ސާމްޕަލްތައް ނެގީ، އެއީ ކަނޑުގެ އަޑީ ފަށަލައިގައި އުޅޭ އެ ކަހަލަ ކުދިކުދި ދިރުންތައް އެކި ތަންތަނަށް ހިޖުރަކުރުމަށް އާންމުކޮށް ގޮތެއްގައި މައްޗަށް އަރާނީ ރޭގަނޑު ކަމަށް ވާތީ. އޭރުން ކަނޑުގެ މަތީ ފަށަލަޔާއި އަޑީގައި އުޅޭ ތަފާތު އެއްޗެހީގެ މައުލޫމާތު ވެސް އެއްކުރެވޭނެ ކަމަށް މި ބަލަނީ."

އެ ސާމްޕަލްތައް އިތުރަށް ތަހުލީލުކުރުމަށް އޮޑެސީގައި ހުންނަ ލެބަށް ވެސް ފޮނުވަ އެވެ. އަދި އެ ސާމްޕަލްތައް ދިރާސާކޮށް، ޓީމުގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ބާއްވަ އެވެ.

ރާއްޖޭގެ ކަނޑުގެ ބޮޑު ދިރާސާގައި އެއްކުރާނެ މައުލޫމާތުތަކުގެ ތަފުސީލު.

ރާއްޖޭގެ ކަނޑުގެ ބޮޑު ދިރާސާގައި އެއްކުރާނެ މައުލޫމާތުތަކުގެ ތަފުސީލު.

ލުއީސް ވިދާޅުވީ މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ޔޫރަޕްގެ ގައުމުތަކުގައި ވެސް ކޮށްފައިވާ މިފަދަ ކަނޑުގެ ދިރާސާތަކުން ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެވެ. އެހެންވެ، މި ޕްރޮޖެކްޓަކީ ރާއްޖެ ކަހަލަ މޫސުމީ ބަދަލުތަކުގެ ސަބަބުން ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހޭ ފަދަ ގައުމަކަށް ވަރަށް ފައިދާކުރާނެ މަސައްކަތަކަށް ވާނެ ކަމަށެވެ.

އަހަރެމެން އެ ދަތުރު ނިންމާލީ އޮޑެސީ އަށް ގޮސް، އެ މަނަވަރުގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލައިލުމަށް ފަހުގަ އެވެ.

ކަނޑުގެ ބޮޑު ދިރާސާގެ "ނޮލެޖް އެކްސްޖޭންޖް އެކްސްޕެޑިޝަން"ގައި ބައިވެރިވާ ބައެއް ސައިންސްވެރިން ސާވޭގެ ބައެއް މަސައްކަތް ކުރަނީ -- ފޮޓޯ: މިހާރު

ކަނޑުގެ ބޮޑު ދިރާސާގެ "ނޮލެޖް އެކްސްޖޭންޖް އެކްސްޕެޑިޝަން"ގައި ބައިވެރިވާ ބައެއް ސައިންސްވެރިން ސާވޭގެ ބައެއް މަސައްކަތް ކުރަނީ -- ފޮޓޯ: މިހާރު

އެ ދިރާސާގެ މިޝަން 35 ދުވަހަށް ދެމިގެންދާއިރު، ކަނޑުގެ ސަތަހައިން ފެށިގެން 1،000 މީޓަރާ ހަމަ އަށް ސާވޭ ކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ. ކަނޑުގެ އަޑީގެ ދިރުންތަކުގެ ސިއްހަތު ދެނެގަނެ، ކަނޑުތައް ހިމާޔަތްކުރެވޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންވާނެ މައުލޫމާތު ހޯދާނެ އެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގެ ކަނޑުގެ ފުނުގައި ދިރުންތައް އަލާވެފައިވާ މިންވަރު ދެނެގަނެވޭނެ އެވެ.

ރާއްޖޭގެ ކަނޑުތަކުގެ އަޑީގައި ހުންނަ ފަރުބަދަތަކުގެ މައުލޫމާތު އެއްކުރެވޭނެ އެވެ. އަދި އެއީ އުތުރު އިންޑިއާ ކަނޑުގެ އަޑީގައިވާ ފަރުބަދަތައް ޑޮކިއުމެންޓްކުރާ ފުރަތަމަ ފަހަރަށް ވެސް ވާނެ އެވެ.