Roadha Mihaaru
ނަޝީދު މިރޭ އެމެރިކާ އަށް ފުރާވަޑައިގަންނަވަނީ

ނަޝީދު މިރޭ އެމެރިކާ އަށް ފުރާވަޑައިގަންނަވަނީ

12 އޮކްޓޯބަރ 2022

ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމެރިކާ އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމެރިކާ އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އައިއެމްއެފްގެ ދައުވަތު ގަބޫލުކުރައްވައި، ނަޝީދު މިރޭ އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީ އަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ. އަދި މިއަދު ފައްޓަވާ އެ ދަތުރުފުޅު ނިންމަވާލައްވާނީ މި މަހު 19ގައި ކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އަހަރީ ބައްދަލުވުމުގެ ތެރެއިން ބާއްވާ "ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)"ގައި ކަމަށެވެ. އެ ފޯރަމްގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ދުނިޔޭގެ 20 ގައުމެއްގެ ފިނޭންސް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އެ ދަތުރުފުޅުގެ ހަރަދުތައް ހަމަޖައްސަނީ އެ ފޯރަމް އިންތިޒާމުކުރާ ފަރާތުން ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ ފޯރަމްގައި ހިމެނޭ ގައުމުތަކުގެ ތެރެއިން 20 ގައުމަށް އިގުތިސާދީ ހީނަރުކަން ކުރިމަތިވެ ދަތިތަކާ ކުރިމަތިލައި އަދި ސޮވަރިން ޑިފޯލްޓްގެ މިންވަރަށް އެ ގައުމުތަކުގެ އިގުތިސާދު ދިއުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ދެކެވެނީ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ އިގުތިސާދަށް މިހާރު ވަރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމަށާއި އެއީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ. އެ ފޯރަމްގައި އެކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު އެންމެފަހުން ވަޑައިގަތީ ސްރީ ލަންކާ އަށެވެ. އެއީ ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުކުރަން އެ ގައުމަށް އެހީ ހޯދުމަށްޓަކައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ މަހު އެވެ.