Roadha Mihaaru
ފްލައިދުބާއީން ސީދާ ދަތުރުތައް އައްޑު އަށް ފަށަނީ

ފްލައިދުބާއީން ސީދާ ދަތުރުތައް އައްޑު އަށް ފަށަނީ؛ ދެކޮޅަށް 550 ޑޮލަރު!

12 އޮކްޓޯބަރ 2022

ދުބާއީގެ ބަޖެޓް އެއާލައިން ފްލައިދުބާއީން ސ. ގަމަށް އަންނަ އަހަރު ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދުބާއީގެ ބަޖެޓް އެއާލައިން ފްލައިދުބާއީން ސ. ގަމަށް އަންނަ އަހަރު ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

ދުބާއީ ސަރުކާރުގެ ކުންފުންޏަކުން ހިންގާ ފްލައިދުބާއީން މިއަދު ބުނި ގޮތުގައި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް ފަށާނީ އަންނަ ފެބްރުއަރީ މަހުގެ ހަތަރެއްގަ އެވެ. އެ އެއާލައިނުން ކޮންމެ ދުވަހަކު އެއް ދަތުރު އައްޑު އަށް ކުރާނެ ކަމަށެވެ.

ގަމަށް ފްލައިޓުތައް ފެށުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ކުރަމުން އަންނަ ދަތުރުތަކާ އެކު، އެ އެއާލައިނުން ރާއްޖެ އަށް ހަފުތާއަކު އޮޕަރޭޓުކުރާ ފްލައިޓުތަކުގެ އަދަދު 28 އަށް އިތުރުވާނެ ކަމަށް ވެސް ބުންޏެވެ.

ޓިކެޓްގެ އަގުތައް

- ބިޒްނަސް ކުލާސް ދެކޮޅު ޓިކެޓްގެ އަގަކީ 1،600 ޑޮލަރު (24،672ރ.)

- އިކޮނޮމީ ކުލާސް ދެކޮޅު ޓިކެޓްގެ އަގަކީ 550 ޑޮލަރު (8،481ރ.)

ފްލައިދުބާއީގެ ސީއީއޯ ގައިތު އަލް ގައިތު ވިދާޅުވީ އެ އެއާލައިނުން ގަމަށް ސީދާ ދަތުރުތައް ފެށުމުން، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ހިންގާ ރިސޯޓުތަކާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުން އެ މީހުންގެ މަންޒިލުތަކަށް ދިއުމަށް ކުރަން ޖެހޭ ދަތުރު ވަރަށް ބޮޑުތަން ކުޑަވެ، ފަސޭހަވާނެ ކަމަށެވެ.

"ޔޫއޭއީގެ އިތުރުން ގަލްފުގެ އެހެން ގައުމުތަކުގެ ކަސްޓަމަރުންގެ މެދުގައި ޗުއްޓީ ހޭދަކުރަން އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެ. އެހެންވެ، މި މާކެޓަށް ފްލައިޓްތައް އިތުރުކުރުމާ އެކު ރާއްޖެ އާއި ޔޫރަޕާ ގުޅުވާލުމަށް ވެސް ބޮޑު އެހީއަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

ފްލައިދުބާއީން ގަމަށް ދަތުރުތައް ފެށުމާ އެކު އެ އެއާލައިން ވާނީ އައްޑު އަށް ޝެޑިއުލް ދަތުރުތައް ކުރާ ބައިނަލްއަގުވާމީ ދެވަނަ އެއާލައިނަށެވެ. ބައިނަލްއަގުވާމީ އެއާލައިނަކަށް، ގަމަށް ސީދާ ދަތުރުތައް މިހާރު ކުރަނީ ސްރީލަންކަން އެއާލައިންސުން އެކަންޏެވެ. އެ އެއާލައިނުން ވެސް ކޮންމެ ދުވަހު ދަތުރެއް ކުރެ އެވެ.

ޕްލައިދުބާއީން މާލެ އަށް ސީދާ ދަތުރުތައް ފެށީ 2013 ވަނަ އަހަރު އެވެ.

އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ބަޔަކު ހޯދަން މި ސަރުކާރުން ބޮޑު މަޝްރޫއު ވެސް މި މަހުގެ ހަތަރެއްގައި އިއުލާންކޮށް، ބީލަން ހުށަހަޅަން ހުޅުވާލާފައިވެ އެވެ.

ރާއްޖޭގެ އެހެން ހިސާބުތަކާ އަޅާބަލާއިރު އައްޑޫގައި ޓޫރިޒަމްގެ މާކެޓް ވަރަށް ބޮޑަށް ދަށެވެ. އެ އަތޮޅުގައި ތިން ރިސޯޓް އޮންނައިރު، ކޮވިޑަށް ފަހު ހުޅުވީ ދެ ރިސޯޓެކެވެ. އައްޑޫގައި ޓޫރިޒަމް ދަށީ ރާއްޖެއިން ބޭރުން މާލެ އައުމަށް ފަހު އައްޑު އަށް ކުރަން ޖެހޭ ދަތުރު ދިގުވުމުގެ ސަބަބުން ކަމަށް ބައެއް ތަޖުރިބާކަރުން ބުނެފައިވެ އެވެ.