Roadha Mihaaru
ފްލައިޓެއް ޖައްސަނިކޮށް ލޭޒާ އެޅުވި މައްސަލައެއް ބަލަނީ

ގަން އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓެއް ޖައްސަން އުޅެނިކޮށް ލޭޒާ ލައިޓެއް އެޅުވި މައްސަލައެއް ބަލަނީ

29 އޯގަސްޓް 2021

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓެއް ޖައްސަން ތައްޔާރުވަނިކޮށް، ބަޔަކު އެ ފްލައިޓަށް ލޭޒާ ލައިޓެއް އެޅުވި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓެއް ޖައްސަން ތައްޔާރުވަނިކޮށް، ބަޔަކު އެ ފްލައިޓަށް ލޭޒާ ލައިޓެއް އެޅުވި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން މިއަދު ބުނެފި އެވެ.

މޯލްޑިވިއަން އެއާލައިން ހިންގާ ކުންފުނީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ގަން އެއާޕޯޓަށް ޖައްސަން ދިޔަ ފްލައިޓަކަށް ލޭޒާ ލައިޓެއް އެޅުވި މައްސަލައެއް ފެންމަތިވުމުން، ކަމާ ގުޅޭ ހުރިހާ އިދާރާއެއްގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ މިދިޔަ ހަފުތާގައި އިއުލާނެއް ނެރެފަ އެވެ. އެ އިއުލާނުގައި ވަނީ މޯލްޑިވިއަންގެ ފްލައިޓް Q2-106، ގަން އެއާޕޯޓަށް ޖެއްސުމުގެ މަރުހަލާ ފެށުމުގެ ތައްޔާރީތައް ވަމުން އަންނަނިކޮށް، ފެހިކުލައިގެ ލޭޒާ އައްޔެއް އެ މަތިންދާބޯޓަށް އެޅިފައިވާ ކަން، މޯލްޑިވިއަން އިން އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

މަތިންދާބޯޓު ނައްޓާލަން ނުވަތަ ޖައްސަން ތައްޔާރުވާ ވަގުތަކީ މުހިއްމު އަދި ވަރަށް ނާޒުކު މަރުހަލާއެއް ކަމަށާއި މިފަދަ ވަގުތުތަކުގައި އެ އަށް ލޭޒާ ލައިޓެއް އެޅުވުމަކީ އެކަމުގެ ސަބަބުން، ކޮކްޕިޓަށް އެ އަލި އެޅުމުގެ ފުރުސަތު ބޮޑުވެ، ކޮންޓްރޯލްގައި ތިބޭ ޕައިލެޓުންގެ ފެނުމަށް ބުރޫ އަރައި، މަތިންދާބޯޓުގެ ކޮންޓްރޯލް ގެއްލިދާނެ ކަމެއް ކަމަށް ސިޓީ ކައުންސިލްގެ އިއުލާނުގައި ހަނދާން ކޮށްދީފައި ވެ އެވެ.

ލޭޒާ ލައިޓް ނުވަތަ އެފަދަ ވަސީލަތްތައް އެއާޕޯޓާއި ކައިރި ސަރަހައްދުތަކުގައި ބޭނުން ނުކުރަން އައްޑޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.